ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖޭ އިގްތިސޯދުގެ ދުވެލި މިވަގުތު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
"ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި އިއްޔެ ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ކޮންމެ ހާދިސާއެއް އަދި ބަލިމަޑުކަމެއްގެ އަސަރު ވެސް އެންމެ ބޮޑަށް ކުރާ ގައުމަކީ ރާއްޖެ ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާން މި ޖެހެނީ. އިރާދަކުރެއްވިއްޔާ އެހެންނަމަވެސް އަޅުގަނޑުމެންގެ އިގްތިސޯދު ދުވެލި ހުރީ ރަނގަޅު ދިމާލަށް. ހަރަދުތައް ބޮޑުވުމާއެކީގައި ގެންނަން ޖެހޭ ބަދަލުތައް ޕްރޮޖެކްޓުތައް ގެނެސް، ރަނގަޅު މިސްރާބަށް ކުރިއަށް ގެންދާނަން،" އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރަށާއި އެހެން ގައުމުތަކުގެ މާލީ ހާލަތުގެ ސަބަބުން ރާއްޖެއަށް ވެސް އަސަރު ކުރާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ "ނުބެހޭ ކަންކަމުގެ އަސަރު ވެސް" ރާއްޖެއަށް ފޯރާ ކަމަށް ވިދާޅުވި އެވެ.
"ކޮވިޑަކީ އަޅުގަނޑުމެންނާ ބެހޭ އެއްޗެއްނޫން. އެހެން ނަމަވެސް މުޅި ގައުމު އެއްކޮށް ބަންދު ކޮށްގެން ތިބެން ޖެހިއްޖެ. ކޮވިޑާ ގުޅިގެން ދަތުރު ފަތުރު ހުއްޓި ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއްވި. މާލީ އެތައް ބުރައެއް އުފުލަން ޖެހުނު،" ރައީސް ވިދާޅުވި އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑަށް އަސަރު ކުރި އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކޮވިޑުގެ ބަލިމަޑުކަމުން ލިބުނު ގެއްލުމުން ރާއްޖެއަށް އަރައި ނުގަނެވެނީސް، ދުނިޔޭގެ އިގްތިސޯދީ ބޮޑު ބާރަކުން ހަނގުރާމައެއް ފެށުމެވެ.
ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެ ގައުމުގެ ދޭތެރޭގައި ފެށި މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ވެސް މުދަލުގެ އަގު އިންތިހާއަށް ބޮޑުވި ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް އޭގައި އެއްވެސް ޖިނާއީ ކަމެއް ހިމެނޭތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅީ އިއްޔެ އެވެ.
- ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
- ކައުންސިލްތަކަށް ދިމާވާ ދަތިތަކާއި ޝަކުވާ އައްސަވައިފި ކަމަށާއި އެކަންކަން ރަނގަޅު ކުރަން ކައުންސިލަރުންނަށް ރައީސް ޔަގީންކަން ދެއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަކަށް އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ:
ކައުންސިލްތަކަށް މި ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ, އެހެންނަމަވެސް, ހުރިހާ ކަމަކީ ފައިސާއެއް ނޫން, ފައިސާ އެކަނި ކަންކަން ހައްލެއް ނުކުރެވޭނެ, ވިސްނުމާއި ފިކުރާއި ކެރުމާއި, އެ ހުރިހާ އެއްޗެއް އެކުވެގެން މީގަ ނަތީޖާއެއް ނެރެވޭނީ, އަދި އެކީގަ މަސައްކަތްކޮށްގެން,
ދުވަހުގެ ފޮޓޯ

ބެންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. ބޭންކުގެ ފައިދާ 470 ޕަސަންޓް އިތުރުވެ، 1.9 ބިލިއަން ރުފިޔާއަށް މިދިޔަ އަހަރު ވަނީ އަރާފައި. ޓެކްސްގެ ގޮތުގައި ދައުލަތަށް ބީއެމްއެލްއިން 543 މިލިއަން ރުފިޔާއިން ދައްކާފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި އިތުރު 131 މިލިއަން ރުފިޔާ ލިބުނު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ކޯޕަރޭޓް ގަވާނެންސް ރިވިއު 2021"
މިއީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުނިތަކާއި އަދި އެހެނިހެން ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ކޯޕަރޭޓު ގަވާނެންސް ކޯޑަށް އަމަލުކޮށްފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން 2021 ވަނަ އަހަރު އެކުލަވާލާފައިވާ ރިވިއުއެކެވެ.












