ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބަޖެޓަށް ބުރަވާތީވެ އަތޮޅު ކައުންސިލްތަކުގެ ބަޖެޓުން އެ ކަން ކުރެވޭނެ ގޮތެއް ހަމަޖައްސަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިފި އެވެ.
މިކަމާ ގުޅިގެން އީސީގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި އެވެ. އެ ބައްދަލުވުމުގައި އީސީއާއި އެލްޖީއޭގެ އިތުރަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީން ވެސް ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އާ ކައުންސިލްތައް އެކުލަވާލި ފަހުން ކޮންމެ މަހަކު ގޮތަކަށް ކޮންމެ ވެސް އެއް ކޮމިޓީއަކުން މެންބަރުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އެހެން ދިމާވެ ބައި އިލެކްޝަން ބާއްވާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 150،000 ރ. ހަރަދުވާ ކަމަށް ވިދާޅުވި އެވެ.
"އިދާރީ ކަންކަމަށް ބޭނުންކުރާ ބަޖެޓުން ބައި އިލެކްޝަންތައް ބާއްވަން ފިނޭންސުން އަންގާފައި ވަނީ. އެ ދާގޮތަށް ދަންޏާ ގާތްގަނޑަކަށް ޖުލައި، އޮގަސްޓް ހިސާބުގައި މުޅި ބަޖެޓް ހުސްވާނެ،" ކަންބޮޑުވުން ފާޅުކުރައްވަމުން ފުއާދު ވިދާޅުވި އެވެ.
އީސީގެ ފަރާތުން ފުއާދު ހުށަހެޅުއްވި ކަމަކީ މެންބަރުން އިސްތިއުފާ ދޭ ކޮންމެ ފަހަރަކު އިންތިހާބު ބޭއްވުމުގެ ބަދަލުގައި އަހަރަކު މަދުވެގެން ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

މި ކޮމިޓީގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އީސީގެ ހުށަހެޅުމަކީ ވެސް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މައި އިންތިހާބު އީސީން ބާއްވާފައި ބައި އިލެކްޝަންތައް ކައުންސިލްތަކަށް ދޫކޮށްލަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައި އިލެކްޝަންތައް ކައުންސިލްތައް އިންވޯލްވްކޮށްގެން ކައުންސިލްގެ ކޮންމެ ވެސް ބައިވެރިކޮށްގެން ބާއްވާނަމަ މިހާރަށް ވުރެ ހަރަދު ކުޑަ ވެގެން ދާނެ ކަމަށް އަޅުގަނޑުމެން ދެކެން،" އަފްޝަން ވިދާޅުވި އެވެ.
"ކުޑަމިނުން އަތޮޅު ކައުންސިލް ބައިވެރިކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
އަފްޝަން ފަހުން މިކަން ފާހަގަ ކުރައްވައި ޓްވީޓެއް ވެސް ކުރެއްވި އެވެ.
"އީސީއަށް ކުރިމަތިވެފައިވާ ބަޖެޓް އަދި އިދާރީ ދަތިކަމަށް އޮތް ހައްލެއްގެ ގޮތުން އެލްޖީއޭއިން ހުށަހެޅީ ލާމަރުކަޒީކޮށް ކައުންސިލްތައް ބައިވެރިކޮށްގެން އަތޮޅު ކައުންސިލްތަކުން އިންތިހާބު ބޭއްވުން، އެ ކަމަށް އަތޮޅު ކައުންސިލްތަކަށް ވަސީލަތް ލިބިގެން،" އަފްޝަން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރު މިހާތަނަށް 10 ބައި އިލެކްޝަން ބޭއްވި އެވެ. އަންނަ މަހު ފަސް ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވާއިރު، އަދި އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.
އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.













