ބިޑުތައް އެވެލުއޭޓު ކުރާނެ ވަގުތު ނެތް ކަމަށް ބުނެ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިވެހިން ގެންދިއުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ނުދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ދައުލަތުގެ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެކަނި ކަމަށެވެ.
އިތުރަށް އެހެން އަމިއްލަ ޖަމިއްޔާއަކަށް ފުރުސަތު ނުދިނީ ބިޑަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހަޅައި، އެ ހުށަހެޅުންތައް އިވެލުއޭޓް ކުރަން އެކަށީގެންވާ މުއްދަތެއް މި ފަހަރު ލިބިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް ދޫކުރި ކޯޓާތަކުގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލާން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ހައްޖު ކޯޕަރޭޝަނަށް ހަވާލުކޮށްފައިވާއިރު، އޭގެ އުސޫލުތައް އެ ކޯޕަރޭޝަނުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައިވެ އެވެ.

"އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ މި 100 ކޯޓާއަށް މިހާރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔޫގައި ތިބި ފަރާތްތަކަށް ވެސް މި އަހަރު ހައްޖަށް ދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ރާއްޖެއަށް ސައުދީ ސަރުކާރުން 453 ހައްޖު ކޯޓާ ދޫކުރި ނަމަވެސް، ސައުދީގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.












