ޔޫރަޕްގެ ގިނަ ގައުމުތަކުން ފެނިފައިވާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެނިފައި ވާތީ ބަލި ފެތުރެމުންދާ ގޮތާ ގުޅޭ ތަހުގީގެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ފަށައިފަ އެވެ.
ވައިރަހަކުން ޖެހޭ މަންކީޕޮކްސްގެ 92 ކޭސް 12 ގައުމަކުން ވަނީ ފެނިފަ އެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖޭގެ އަވައްޓެރި ގައުމަކުން މި ބަލި ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
"މަންކީޕޮކްސްއަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔަކަށް ވުމާއެކު، މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ލަފާ ކުރެވެ އެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު އިތުރު ގައުމުތަކުން މި ބަލި ފެނިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެއާ ގުޅިގެން ރާއްޖެއަށް ވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެއް،" އެޗްޕީއޭއިން ބުނެފައިވެ އެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ ދުނިޔޭގައި ފެތުރެމުން އަންނަ އެހެން ބަލިތަކެކޭ އެއްފަދައިން، މި އައުޓްބްރޭކް ވެސް މޮނިޓާ ކޮށް، ރިސްކު އެސެސްމެންޓު ހަދަމުން ގެންދާނެ ކަމަށެވެ.

އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އެގޮތުން އަތް ދޮވުމާއި މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޓޫރިޒަމަށް ނުރައްކަލެއް ނެތް
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފް "އަދަދު"އަށް އިއްޔެ ވިދާޅުވީ އެ ބައްޔާ ބެހޭގޮތުން އަޅާނެ ފިޔަވަޅުތަކާ މެދު އެޗްޕީއޭއާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ކޮންމެ ފިޔަވަޅެއްވެސް އަޅާނީ އެޗްޕީއޭއިން އަންގާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން އެ ބައްޔަކީ މާ ނުރައްކާތެެރި ބައްޔެއް ނޫން ކަމަށާއި، އެހެންކަމުން ބޯޑަރު ބަންދުކުރުން ފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނުވިސްނާ ކަމަށެވެ.
"މިކޮޅަކުން ބޯޑާ ކްލޯޒް ކުރުމުގެ އެއްވެސް ވިސްނުމެއްވެސް ނެތް. ރާއްޖޭގެ ފަތުރުވެރި ކަމަށް، މިހާރުގެ ހާލަތު މި އޮތްގޮތުން ފަތުރުވެރި ކަމަށް ނެގެޓިވް އިފެކްޓެއް އައިސްފާނެ ކަހަލަ ސައިންއެއް ނުފެނޭ،" ޝަރީފް އިއްޔެ ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރިވެރިން އަންނަ 10 ގައުމުގެ ތެރޭގަ ހިމެނޭ ޖަރުމަނާއި ބެލްޖިއަމް ފަދަ ގައުމުތަކުން މަންކީޕޮކްސް ރިޕޯޓުކުރާ މިންވަރު މަދު ކަމަށާއި އެހެން ކަމުން ރާއްޖެއަށް މި ބަލި އައުން އެކަށީގެން ނުވާ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، ރާއްޖެއަށް ވެސް އެ ބަލި ޖެހިފައި ހުރި މީހަކު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މި ބައްޔާ ގުޅިގެން ރިސޯޓުތަކުން އަމަލު ކުރުމަށް ގައިޑްލައިނެއް ތައްޔާރުކުރަމުންދާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ ކަރުދާސް ރިސޯޓުތަކާ ހިއްސާ ކުރެވޭނެ ކަމަށެވެ.
"ކޮވިޑުހާ ސީރިއަސް ބައްޔަކަށް ނުވެދާނެ މިއީ. ނަމަވެސް އެޗްޕީއޭއާ ގުޅިގެން އަޅުގަނޑުމެން ގައިޑްލައިނެއް އެބަ ތައްޔާރުކުރަން. އެޗްޕީއޭން ނެރުނު ގައިޑްލައިންގަ ހުރި ކަންކަން ހުންނާނީ. މާ ބޮޑު ބަދަލުތަކެއް ނާންނާނެ ރިސޯޓު ތަކަށް ފޮނުވާ ގައިޑްލައިންގަވެސް،" ޝަރީފް އިއްޔެ ވިދާޅުވި އެވެ.
ބަލީގެ އަލާމާތްތައް
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއަށްފަހު ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ.
މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ޣައިރު ގާނޫނީ ނިންމުންތަކަކަށް ބިނާކޮށް ކަމަށާއި އެއީ އެމަނިކުފާނުގެ މުދަލުގެ ހައްގަށް އަރައިގަތުން ކަމަށް ރައީސް ޔާމީން ދިފާއީ ވަކީލުން ހައިކޯޓުގައި ބުނީ އިއްޔެ އެވެ.
- މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން ވަކިކުރަން އެ ކައުންސިލުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓު ނާކާމިޔާބުވީ އިއްޔެ އެވެ.
- ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ ގަޔަށް ވަޅިޖަހާ މަރާލި ކަމުގެ ކުށް އެ ކުއްޖާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވާލައިގެން ދިން ހާދިސާ މި ސަރުކާރުން ތަހުގީގު ނުކުރާނެ ކަމަށް ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ:
ދައުލަތުން [ކުރީގެ ނައިބު ރައީސް] އަހުމަދު އަދީބާއެކު ހަދާފައި މި އޮތް އެގްރީމަންޓުގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރަން ޝަރުތުކޮށްފައި،
ދުވަހުގެ ފޮޓޯ

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި އޮއްފު އެފްސީ އަދި ކްލަބް ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން. ވެމްކޯ އިން މި މެޗު ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުން. މި މޮޅާއެކު ވެމްކޯއަށް ވަނީ އެސޯސިއޭޝަން ކަޕް ފައިނަލް ބުރުން ޖާގަ ހޯދާފައި --- ފޮޓޯ: އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން 2018"
މިއީ ރާއްޖޭގެ ސިއްހީ ދާއިރާ އާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުގެ މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން ނެރެފައިވާ ބުލެޓިން އެކެވެ. މިއީ 2013 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ގަވާއިދުން ނެރެމުން އަންނަ ޝާއިއުކުރުމެކެވެ.













