ވޮލީބޯޅައިގެ އާ ސީޒަނަކީ ރާއްޖޭގައި ތިބި ވޮލީބޯޅަ ރެފްރީންގެ ހަގީގީ ފެންވަރު ދައްކާލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ވީއޭއެމް ރެފްރީޒް ކޮމިޝަންގެ ޗެއާމަން އަހުމަދު ނަޝީދު (ތުއްތުކޯ) ބުނެފި އެވެ.
ވޮލީބޯޅައިގެ އާ ސީޒަން، މި ފަހަރު ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް, ފުރިހަމަކޮށް ގެނެސްދިނުމަށް ވީއޭއެމުން އަންނީ ތައްޔާރުވަަމުންނެވެ. މި ފަހަރުގެ ފޯމެޓާއި ގަވާއިދަށް ގެނެވުނު ބަދަލުތަކާ އެކު ވޮލީބޯޅަ އަށް އާ އުއްމީދެއް އަންނާނެ ކަމަށް ވީއޭއެމުން ގަބޫލުކުރެ އެވެ. ބިދޭސީ ތިން ކުޅުންތެރިން ހިމަނައި ޓީމްތައް ވަރުގަދަ ކުރަން ވީއޭއެމުން މަގުފަހި ކޮށްދީފައިވާއިރު، މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރިމަގަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓެކްނިކަލް ޑިޕާޓްމަންްޓުން ގަބޫލުކުރެ އެވެ.
މި ފަހަރުގެ ސީޒަންގައި ވާދަވެރި މެޗުތަަކެއް ލިބޭތީ ކުޅުންތެރިން ހިތްހަމަޖެހުން ފާޅުކުރަމުން އަންނައިރު، މެޗުތަކަށް އިންސާފުކުރާ ވޮލީ ރެފްރީންނަށް ވެސް މިއީ ރަނުގެ ފުރުސަތެކެވެ. ކޮންމެ މުބާރާތަކަށް ފަހު ވޮލީބޯޅަ ރެފްރީންގެ ފެންވަރާ މެދު ބަސްބުނާ މީހުންނަށް ރެފްރީންގެ ފެންވަރު ސާބިތުކޮށްދޭން އާ އުއްމީދެއް މިހާރު ލިބިއްޖެ އެވެ.
ވީއޭއެމް ރެފްރީޒް ކޮމިޝަންގެ ޗެއާމަން ތުއްތުކޯ ބުނީ އަބަދު ވެސް ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތެއްގައި ވާދަވެރި މަދު މެޗުތަކެއް ކުޅޭތީ އެކަމުގެ އަސަރު ރެފްރީންނަށް ވަރަށް ބޮޑަށް ކުރާކަމަށެވެ. ރެފްރީންގެ ފެންވަރު މަތިކުރެވޭނީ ވެސް ވާދަވެރި މެޗުތައް ލިބިގެން ކަމަށާއި، އިތުބާރާ އެކު ރެފްރީކަން ކުރެވޭ ފެންވަރުގެ ރެފްރީން ތިބި ކަމުގައި ވިޔަސް ޕްރެޝަރު ބޮޑު ވަރުގަދަ، މެޗުތައް ނުލިބުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އާއި ލަންކާ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ދިވެހި ރެފްރީން ވަނީ ހަރަކާތްތެރިވެފައި.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ތުއްތުކޯ ބުނީ މި ފަހަރުގެ ގައުމީ ލީގާ އެކު ރެފްރީންގެ ފެންވަރު ރަނގަޅުކޮށް ހުނަރު ދައްކާލުމަށް ބޮޑު ފުރުސަތެއް ރެފްރީންނަށް ފަހިވެގެންދާނެ ކަމަށެވެ.
"މި ކަހަލަ ބޮޑު ލީގެއްގައި ވަރުގަދަ ގިނަ މެޗުތަކެއް ކުޅެންޏާ ރެފްރީންނަށް ވެސް ގިނަ މެޗުތަކެއް ލިބޭނެ. މީގެ ކުރީގައި ލީގެއްގައި ވިޔަސް މުބާރާތެއްގައި ވެސް ކުޅެނީ ވާދެވަރި ލެވެލްގެ ދެ ތިން މެޗެއް. އެކަމަކު، މި ފަހަރު ވާދަވެރި މެޗުތައް ގިނަވީމަ ވަރަށް ބޮޑު ފުރުސަތެއް މިއީ ރެފްރީންނަށް ފެންވަރު ރަނގަޅުކޮށް މެޗުތައް ކޮށްލަން" ވީއޭއެމް ރެފްރީޒް ކޮމިޝަންގެ ޗެއާމަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފުރަމުން އަންނަ ތުއްތުކޯ ބުންޏެވެ.
އޭނާ ބުނީ ގިނަ މެޗުތަކާ އެކު ރެފްރީން ބޭނުންވާ މިންވަރާއި، މެޗުތަކަށް ތައްޔާރުވާން ޖެހޭ މިންވަރު ވެސް ތަފާތުވާނެ ކަމަށެވެ. އަދި ރެފްރީސް ކޮމިޝަނުން މި ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ތުއްތުކޯ ވަނީ ބުނެފަ އެވެ.
"މަތީ ފެންވަރުގެ ކުޅުންތެރިން މި އަންނަނީ، މެޗުތައް ވާދަވެރިވާނެ، އެހެންވީމަ ރެފްރީން ވެސް އެބަ ޖެހޭ މިި ކަމަށް ތައްޔާރުވާން. ކޮމިޝަނުން މި ދަނީ ހުރިހާ ގޮތަކުން ވެސް ރެފްރީންނާއި އޮފިޝަލުން މި މުބާރާތްތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން" އޭނާ ބުންޏެވެ.
މުބާރާތުގެ ތަފްސީލުތައް އިއުލާންކުރެވުނު ފަހުން އެ ކޮމިޝަނުން އަންނަނީ ރެފްރީސް ރިފްރެޝާ ޕްރޮގްރާމްވެސް ކުރިއަށް ގެންދަމުންނެވެ. އަދި މި ވަގުތު މުބާރާތްތަކުގައި ބޭނުންކުރެވޭ ހުރިހާ ރެފްރީންގެ ބޭނުން ކުރުމަށް އެކި އެކި ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ތުއްތުކޯ ބުންޏެވެ.
"އަނެއްކޮޅުން، ރެފްރީން މި ދާއިރާގައި އިތުރަށް ކުރިއަށް ދިޔުމަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ. އެހެންވީމަ، އެ ހުރިހާ ކަމަކަށް ވެސް ރެފްރީން މި ދަނީ ހަމަ ތައްޔާރުވަމުން." ރެފްރީކަން ކުރުމުގެ ބައިނަލްއަގްވާމީ ބެޖުވެސް އޮންނަ ތުއްތުކޯ ބުންޏެވެ.
މި އަހަރުގެ ވޮލީބޯޅަ ސީޒަން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އޮތީ އެސޯސިއޭޝަން ކަޕްގެ ފިރިހެން ބައިގެ ޕްރިލިމިނަރީ ކޮލިފައިން އެވެ. މިއަދު ފަށާ ޕްރިލިމިނަރީ ބުރުގެ މި މެޗުތަކަށް ފަހު 10 ޓީމާ އެކު އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕް ވެސް ފަށާނެ އެވެ. އޭގެ ފަހުން އަންނަ މަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތެވެ.













