ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރިހީތަކުގެ ތެރެއިން އިއްޔެ އެންމެ ހާއްސަ ވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މި ނޫހަށް ދިން ހާއްސަ އިންޓަވިއު އެވެ.
"އަދަދު" ނޫހުގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ހަސަން އަށް ދިން އެ އިންޓަވިއުގައި މައިގަނޑު ވާހަކަ އަކަށް ޔާމީން ދެއްކެވީ އެ މަނިކުފާނުގެ ފުރަތަމަ އެޖެންޑާ، "އިންޑިއާ އައުޓް" ހަރަކާތުގެ ވާހަކަ އެވެ. މިއީ ޕީޕީއެމްގެ ޓީވީއެއްގެ ގޮތުގައި މަސައްކަތްކުރާ ޗެނަލް 13 އަދި ރައީސް ޔާމީނަށް ސަޕޯޓްކުރާ ދިޔަރެސް ފިޔަވައި އެހެން ނޫހަކަށް ދިން ފުރަތަމަ އިންޓަވިއު އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި، ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލައިގައި ކުރި ފަސް އަހަރަށް ޖަލު ހުކުމް، ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު މިނިވަންވެ އެންމެ ފުރަތަމަ އެ މަނިކުފާނު ފެއްޓެވީ އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް ހުންނަވައި އެ ހަރަކާތް ފުޅާކުރެއްވުމެވެ.
ހަރަކާތް ފުޅާވަމުން ގޮސް ސަރުކާރަށް އެންމެ ފަހުން މަޖުބޫރުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރިޔާސީ ގަރާރެއް ނެރުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ގަރާރަކީ އަސާސީ ހައްގާއި މިނިވަންކަން ހަނިކޮށްފައިވާ ގަރާރެއް ކަމަށާއި އެހެންވެ، އެއީ ގާނޫނީ ގޮތުން ސައްހަ ގަރާރެއް ނޫން ކަމަށް ޔާމީން ވިދާޅުވެ އެވެ.
ސާޅީސް ފަސް މިނެޓްގެ އެ އިންޓަވިއުގައި ޔާމީން ވިދާޅުވީ 2023 ގެ އިންތިހާބުގެ ބަދަލުގައި ޝައުގުވެރިކަން ބާއްވަންވީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު އޮތީ ޗައިނާ ކޮޅަށް ދީއްލާލައި، އަވަށްޓެރި އިންޑިއާ ބާކީކޮށްފަ އެވެ. އަދި 2018 ގެ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް އެ މަނިކުފާނު ތުހުމަތުކޮށްފައިވެ އެވެ.

"ދެހާސް ތޭވީހުގައި މިހާރު މި އޮތް ހާލަތު އޮވެގެން ނޫނީ މިއަށްވުރެ ވަރުގަދައަށް ދިވެހިރާއްޖޭގެ ކަންކަން އިންޑިއާގެ ނުވަތަ އިންޑިއާގެ އަސްކަރިއްޔާގެ އަތްދަށުގައި އޮވެގެން ދިވެހިރާއްޖެއަށް ކޮން މުސްތަގުބަލެއްތޯ އޮތީ, ކީއްކުރާ 2023 އެއްތޯ, އެހެންވީމަ ރައްޔިތުން ވިސްނަންވީ އެކަމަށް ދެއްތޯ," ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހާރު ކުރައްވާ ހުރިހާ ކަމެއް ވެސް މި އިންޓަވިއުގައި ގުޅުވާ ލެއްވީ އިންޑިއާ އައުޓް ހަރަކާތާ އެވެ. ޓްވީޓް ކުރައްވަން ފެއްޓެވީ ވެސް އިންޑިއާއާ ދެކޮޅު ޝައޫރުތައް, އެ ބޭނުންވާ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ބޭރުގެ ނޫސްވެރިންނަށް ވެސް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިންއާ ދެކޮޅަށް އެމަނިކުފާނު ދައްކަވާ ވާހަކަތަކާއި އޭގެ ބަހުސް ފުޅާކޮށް އެކަމުގައި ސަރުކާރުގެ ވާހަކަތައް އަޑުއަހައި އެއަށް ރައްދު ދެއްވަން ޔާމީން ހުންނެވީ ތައްޔާރަށެވެ. އެހެންވެ، އިންޑިއާއެކު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންނަށް އޮތް ގެއްލުންތައް ހާމަކޮށް އެކަމުގައި ސަރުކާރަށް ރައްދުދީ ބަހުސްކުރުމަށް ޕެނަލް ޑިސްކަޝަނަކަށް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އަޅުވެތި ކަމެއްގެ ގޮތުގައި ޔާމީން ސިފަ ކުރައްވާއިރު، އިންޑިއާއެކު މިހާރު ހަދާފައިވާ އެއްބަސްވުންތަކަކީ އެ މަނިކުފާނުގެ ސަރުކާރުގައި ހެދުމަށް އެއްބަސްވެފައިވާ ކަންތައްތަކެއް ކަމެއް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ކުރައްވާފައިވާ ތުހުމަތުތާ ގުޅޭ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީން ނިންމީ އިއްޔެ އެވެ.
މާލެ ސިޓީ ކައުންސިލަށް އަހަރެއް ފުރިގެންދާއިރުވެސް ޝަކުވާ އެންމެ ކަންބޮޑުވާ ކަމަކީ ސަރުކާރު އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށް އެ ކައުންސިލުން ބުނީ އިއްޔެ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމް އޮފީހަށް ގެއްލުންދިން މައްސަލައިގައި މިހާކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން "އަދަދު" އަށް ދެއްވި ހާއްްސަ އިންޓަވިއުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ:
ދެހާސްތޭވީހުގައި މިހާރު މި އޮތް ހާލަތު އޮވެގެން ނޫނީ މިއަށްވުރެ ވަރުގަދައަށް ދިވެހިރާއްޖޭގެ ކަންކަން އިންޑިއާގެ ނުވަތަ އިންޑިއާގެ އަސްކަރިއްޔާގެ އަތްދަށުގައި އޮވެގެން ދިވެހިރާއްޖެއަށް ކޮން މުސްތަގުބަލެއްތޯ އޮތީ, ކީއްކުރާ 2023 އެއްތޯ, އެހެންވީމަ ރައްޔިތުން ވިސްނަންވީ އެކަމަށް ދެއްތޯ,
ދުވަހުގެ ފޮޓޯ

މާލެ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކައުންސިލްގެ މެމްބަރުން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. މައިގަނޑު ގޮތެއްގައި ހުރިހާ ކައުންސިލަރުންގެ ވެސް ޝަކުވާއަކަށް އޮތީ ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުދިނުމުގެ މައްސަލަ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި މަތީ ތައުލީމު އަދާކުރާ ދައުރު ދެނެގަތުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގައި ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަނެފަ އެވެ.












