އެމްޑީޕީގެ ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވަން ބޭއްވި އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލި ގަބޫލުކުރައްވައި ކާމިޔާބު ހޯއްދެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް މަރުހަބާ ދެންނެވީ އިއްޔެ އެވެ.
އިމްތިޔާޒާ ވާދަކުރައްވައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބުކުރެއްވީ 58 ޕަސެންޓު ވޯޓުންނެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.
"އަޅުގަނޑުމެން މި ވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މި ޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން،" ފައްޔާޒަށް މަރުހަބާ ދަންނަވައި އިންތި އިއްޔެ ހަވީރު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އިންތި ބަލި ކުރައްވާފައިމިވަނީ އޭނާއާއި އޭނާގެ ޓީމުން އިންތިހާބުގެ ނަތީޖާއާ މެދު އެއްޗެއް ބުނެފައި ނުވާތީ، ބަލި ގަބޫލު ނުކުރައްވަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށެވެ.
ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެެއްވި ޓްވީޓްގައި، އިމްތިޔާޒަށް ތާއީދު ހޯދައި ދިނުމަށް މަސައްކަތް ކުރި އެންމެނަށާއި ވޯޓު ދިން ހުރިހާ މެންބަރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އިންތިހާބު ކުރިއަށް ދިޔަ ވަގުތު އިންތިގެ ޓީމުން ގިނަ ޝަކުވާތަކެއް ކުރި އެވެ. އެގޮތުން، ވޯޓު އޮޅުވާލަން ފައިސާ ބެހުމާއި ބިރު ދެއްކުމާއި ވަގު ވޯޓު އެޅުން ފަދަ ކަންތައްތައް ކުރާކަމަށް އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.
ފައްޔާޒު އާއެކު އެމްޑީޕީން ކާމިޔާބީ ހޯދާނެ ކަމުގެ ޔަގީންކަން ނަޝީދަށް
ފައްޔާޒް އިސްމާއީލާ އެކު އެމްޑީޕީން އިތުރު ކާމިޔާބީތައް ހޯދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އިއްޔެ އެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ ވާދަވެރިކަމުގެ ތެރޭގައި ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ.
"ފަޔާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންނަށް ވެސް މަރުހަބާ ވިދާޅުވެ ނަޝީދު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
ފައްޔާޒަށް ނަޝީދު މަރުހަބާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، އިމްތިޔާޒް ކުރެއްވި ޓްވީޓު ރީޓްވީޓު ކުރެއްވި އިރު ލިއުއްވި ލިއުއްވުމެއްގަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ފޮރިން ސާވިސް ގާއިމް ކުރެވި އަމަލު ކުރެވިގެން ދިއުމާއެކު މަސައްކަތްތައް ހަލުވިވެ، ފަސޭހަ ވެގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިއްޔެ އެވެ.
- ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދެމެހެއްޓީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން އަންނަ ޖޫން މަހަށް ތާވަލު ކުރަން ނިންމީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
ފަޔާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،
ދުވަހުގެ ފޮޓޯ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަން ޓްރޮފީ ކްލަބް 010 އިން އުފުލާލަނީ. މިއީ އެ ޓީމުން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު ފައިނަލުގައި ވާދަކުރީ ބައިބަލާގެ ގަދަ ޓީމެއް ކަމަށްވާ ކްލަބް ޓީނޭޖް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ރެޕިޑް ލައިވްލިހުޑް އެސެސްމަންޓު: އިމްޕެކްޓް އޮފް ކޮވިޑް-19 އިން ދަ މޯލްޑިވްސް"
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރުތައް ދެނެގަތުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގައި ވަނީ އެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި ވަޒީފާގެ ބާޒާރަށް އައި ބަދަލުތައް ހިމަނާފަ އެވެ.













