ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރިސޯޓެއްގެ ފާލަން މަތިން ވެއްޓި އަންހެން ޓޫރިސްޓަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި އެ ރިސޯޓްގެ އިހުމާލުތަކެއްވާ ކަމަށް ބުނެ, މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން "އަދަދު" އިން ރިޕޯޓުކުރީ އިއްޔެ އެވެ.
މިކަން ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ 50 އަހަރުން މަތީގެ އެމެރިކާގެ ޓޫރިސްޓަކަށެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ހާދިސާ ހިނގީ ރިސޯޓްގެ މޫދު ކޮޓަރިތަކާ ގުޅިގެން އޮންނަ ފާލަން މަތީ ޓޫރިސްޓް, ބައިސިކަލެއް ދުއްވާފައިދަނިކޮށެވެ.
"ބައިސިކަލް ދުއްވާފައިދަނިކޮށް ކުރިމަތިން ދުއްވާފައި ދިޔަ ދެ މުވައްޒަފަކު ތިބި ބަގީއަކުން ސަލާމަތްވާން އުޅުމުގެ ތެރޭ ފާލަން މަތިން ބައިސިކަލާއެކު ޓޫރިސްޓް މީހާ ވެއްޓުނީ މޫދަށް, އެ ތަނުގައި ގަލާއި މުރަކަ ވަރަށް ގިނައިން އޮތުމުން އޭނާއަށް އަނިޔާތައް ލިބުނީ," ހާދިސާ ހިނގި ގޮތް އެނގޭ މީހަކު މި ނޫހަށް ކިޔައިދީފައިވެ އެވެ.
އޭނާ ކިޔައިދިން ގޮތުގައި, ޓޫރިސްޓް މޫދަށް ވެއްޓުމުން ވެސް ބަގީގައި ތިބި ދެ މުވައްޒަފުން އޭނާގެ އެހީއަކަށް ނާދެ އެވެ. އެކަމަކު, ޓޫރިސްޓަށް އެހީވީ ފާލަން މަތީ ތިބި އެހެން ދެ މުވައްޒަފެއް ކަމާއި, ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ޓޫރިސްޓް, އެ ތަނުން ނަގަން އުނދަގޫވި ކަމަށެވެ. އެ ޓޫރިސްޓް ތުހުމަތު ކުރާ ގޮތުން, ރިސޯޓުން އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ އާއި އެހީތެރިކަން ނުދެ އެވެ.
ފާލަން މަތިން އޭނާ ވެއްޓުނުއިރު, ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުގެ ލިޔުންތަކުން އެނގޭ ގޮތުގައި މައިބަދައަށް ގެއްލުންވެ, މޭކަށިތައް ވަނީ ބިނދިފަ އެވެ. އެކަމުގެ ފަރުވާއަށް މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޭނާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްއިރު, ހިނގާބިނގާވެ ނޫޅެވޭ ކަމަށް ވެސް އެނގިފައިވެ އެވެ.

އެމީހާ އެނބުރި އެމެރިކާއަށް ގެންގޮސްފައިވަނީ އެއާ އެމްބިއުލާންސްއެއް ޗާޓަރު ކޮށްގެނެވެ. އެކަމަށް ބޮޑު ހަރަދެއް އެ ޓޫރިސްޓްގެ އާއިލާއިން ކޮށްފައިވާއިރު ޓްރީޓޮޕް ބިލަށް ވެސް ބޮޑު އަދަދެއް އެރި އެވެ. އޭނާ މިހާރު ވަނީ އެމެރިކާގައި މައިބަދައިގެ ސާޖަރީއެއް ހަދާފަ އެވެ. ނަމަވެސް, އަދިވެސް އޭނާއަށް ހިނގޭ ގޮތެއް ނުވެ އެވެ.
ރާއްޖޭގައި އޭނާއަށް ދިމާވި ކަންކަމުގައި އިހުމާލު އޮތް ކަމަށް ދެކިގެން އެކަމުގެ ބަދަލު ހޯދުމަށް ރާއްޖޭން ވަކީލުންތަކެއް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. އެގޮތުން, ދިވެހި ޗެމްބާސްއިން އެ މައްސަލާގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ލޯ ފާމްގެ ފަރާތުން މިހާރު ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. އޭޕްރީލް މަހު ހުށަހެޅި މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްޗެއް ނުބުނެ އެވެ.
ދިވެހި ޗެމްބާސްގެ ވަކީލް މަރިޔަމް ނިހާޔަތު އިއްޔެ މި ނޫހަށް ވިދާޅުވި ގޮތުގައި, އެ ލޯ ފާމުން ގެންދަނީ ރިސޯޓާ ގުޅިގެން އެކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް, ރިސޯޓުން އެކަމުގައި އެކަށީގެންވާ އެއްބާރުލުން ނުދޭނަމަ, މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ދައުލަތުން ހުށަހަޅާތީ، އެއީ އޮތް ހައްގެއް ކަމަށް ވިދާޅުވެ, ނިންމުން މުރާޖައު ކުރުމަށް އާޒިމާ ސުޕްރީމް ކޯޓުގައި ދެންނެވީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެމަނިކުފާނު ކުރެއްވި ތުހުމަތު ތަހުގީގުކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވަން، އެ ތުހުމަތު އަމާޒުވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަސައްކަތް ފެއްޓެވީ އިއްޔެ އެވެ.
- އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ދިން ލަފައަށް އަމަލު ނުކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހުށަޅާފައިވާ ކަމަށް އޭނާގެ ގަނޫނީ ވަކީލުން ޝަރީއަތުގައި ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޭނާގެ ވާދަވެރި ކެންޑިޑޭޓުގެ ޓީމަށް ނިސްބަތްކުރައްވާ ވިދާޅުވީ
2023 ދޫކޮށްލާފައި ސަރުކާރާ ފެޔަށް ޖެހި 2028 ހޯދަން ވިސްނުމަކީ ވަރަށް ގޯސް ވިސްނުމެއް. އެ ވިސްނުމަކަށް އަޅުގަނޑުމެންނަށް ޖާގައެއް ނުދޭނަން،
ދުވަހުގެ ފޮޓޯ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރާއި ރައީސް ސޯލިހު ބައްދަލުކުރެއްވުން. މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސަށް ވަނީ އަރުވާފައި --- ފޮޓޯ: އުރީދޫ
ދިރާސާތަކުން ކިޔާލުމަށް












