ބޮޑު މައްސަލަގަނޑެއްގެ ތެރޭ އޮތް ކ. މަހާނައެޅުހުރާގައި ހިންގި ރިހިވެލި ރިސޯޓު ސަބްލީސް ކުރި ސޭވް ދަ ޑްރީމް ފްރާންސްއާ ދެކޮޅަށް މައްސަލަތައް ހުށަހަޅަނީ ޖެއްސުން ކުރަން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޯޓުން މިގޮތަށް ކަނޑައެޅީ އެ ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ މާހަލް ޓުއާސްގެ ޑިރެކްޓަރު، މއ. ތަނޑިނޫމާގެ ހުސެއިން ޝިހާމް، ސޭވް ދަ ޑްރީމާ ދެކޮޅަށް ހުށަހެޅި އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގައި އިއްވި ހުކުމުގަ އެވެ.
މިއީ ހުސެއިން ޝިހާމް އާއި ސޭވް ދަ ޑްރީމް ކުންފުނިން ފެބްރުއަރީ 15، 2018 ގައި ވެފައިވާ "ޖޮއިންޓް ވެންޗާ އެގްރީމަންޓް" އާ ގުޅޭ މައްސަލައެކެވެ. މައްސަލައިގައި ދައުވާކުރި މީހާ އެދުނީ ސޭވް ދަ ޑްރީމުން އެއްބަސްވުމާ ހިލާފުވެފައިވާތީ، އެއްބަސްވުން ބާތިލުކޮށްދިނުމަށެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ، ފަރުހާދު ރަޝީދު އިއްވެވި ހުކުމުގައިވާ ގޮތުގައި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގައި ތަފުސީލަށް ބަލާއިރު ޖުލައި 13، 2020 އިން ފެށިގެން ހުސެއިން ޝިހާމްމެން ހުށަހަޅަމުން އަންނަ ދައުވާތަކެއް ކަމަށެވެ.
އެ ތާރީހުން ފެށިގެން ތަފާތު އެކިފަހަރު މަތިން ތަފާތު ގޮތްގޮތަށް 11 ދައުވާއެއް ކޮށްފައިވާ ކަމަށް ހުކުމުގައި ވެ އެވެ. މި މައްސަލަ ސޭވް ދަ ޑްރީމް ކޮޅަށް ނިމުނު ސަބަބަކަށްވީ، މި ހުރިހާ ދައުވާއަކީ ބޭނުންވާ ހުރިހާ ނުކުތާއެއް އެއް ގަޒިއްޔާއެއްގައި ހިމަނައިގެން ކުރިވިދާނެ ދައުވާތަކެއް ކަމަށް ކޯޓަށް ބުރަވެވޭތީ އެވެ.
ހުކުމުގައި ވަނީ މިގޮތަށް ތަފާތު ގިނަ ދައުވާތަކެއް ކުރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތުން ކުރަން ނުޖެހޭ ހޭދަ ކުރަން ޖެހި ވަގުތު ގެއްލި، އެތައް ގެއްލުމަކާ ކުރިމަތިވާމުން ދާނެ ކަމަށެވެ.
ހަމައެހެންމެ މީގެ ސަބަބުން ކޯޓުން ވެސް ބޭކަރު ވަގުތާއި ހަރަދުކުރަން ޖެހޭ ކަމަށެވެ. އަދި މި ޒާތުގެ ކަންކަމަކީ ކޯޓުތަކުން ހުއްޓުވަން ޖެހޭ ކަންކަމުގެ ގޮތުގައި ޝަރީއަތުން ދެކޭ ކަމަށް ބަޔާންކޮށްފައި ވެ އެވެ.
މިހެންވެ ހުކުމުގައި ގާޒީ ވިދާޅުވީ ސޭވް ދަ ޑްރީމުން ދައުވާގެ ރައްދުގައި ބުނި ފަދައިން، މި މައްސަލައަކީ "އެބިއުސް އޮފް ޕްރޮސެސް" ނުވަތަ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ގޮތުން "ދައުވާލިބޭ ފަރާތަށް ޖެއްސުންކުރުމުގެ ނިޔަތުގައި ހުށަހަޅަމުންދާ މައްސަލަތަކެއް ކަމަށް ޝަރީއަތަށް" ބުރަވެވޭ ކަމަށެވެ.
"ދައުވާކުރާ ފަރާތުން، މި ހުޞޫމާތާއި ގުޅިގެން ހުށަހަޅާފައިވާ ދައުވާތަކަށް ބަލާއިރު، މިއީ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންހިފައި ދައުވާލިބޭ ފަރާތަށް ޖެއްސުންކުރުމުގެ ނިޔަތުގައި ހުށަހަޅަމުންދާ މައްސަލަތަކެއް ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި މައްސަލައަކީ ރެސްޖުޑިކާޓާ މަބްދައުގެ ތެރޭ ހިމެނޭ އިޖްރާއަތުގެ ނަހަމަ ބޭނުން ހިފުން، މި މަބްދައުގެ ދަށުން މިކަން ހުއްޓުވުމުގެ ގޮތުން ބެލެވެން ނެތް މައްސަލައެއް," ސިވިލް ކޯޓު ހުކުމުގައި ވެ އެވެ.
މި މައްސަލަ ސޭވް ދަ ޑްރީމް ކޮޅަށް ނިމުނު ނަމަވެސް، މިހާރު ވެސް ކޯޓުގައި އިތުރު މައްސަލަތައް ހިނގަމުން އެބަ ދެ އެވެ. އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވި ދުވަހު، ހަމަ މި ދެ ފަރާތް ހިމެނޭ އެހެން މައްސަލައެއްގައި ވެސް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.
އެއީ ކުންފުނީގެ ގާނޫނީ ޝަހްސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި ހުކުމް އިއްވީ، އެ މައްސަލައިގައި ކުރާ ހިޔާނާތްތެރިވުމުގެ ތުހުމަތުތަކަކީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ނުލިބޭ ކަމަށެވެ.
ސިވިލް ކޯޓަށް އިހުތިސޯސް ލިބެނީ ހަމައެކަނި މަދަނީ ދައުވާތަކުގައި ޝަރީއަތް ކުރާށެވެ.










