ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާ އެކު ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިން އިހުތިޖާޖު ކުރީ އިއްޔެ އެވެ.
ޓީޗަރުންގެ މުސާރައަށް ބަދަލު ގެނައި އިރު "ލެކްޗަރާއިން ބާކީކޮށްލާފައިވާ" ކަމަށް ބުނެ ދެ ޔުނިވާސިޓީގެ ގިނަ ލެކްޗަރާއިން އިއްޔެ ކެމްޕަސްތަކަށް ދިޔައީ ކަޅު ހެދުމުގަ އެވެ. އެމްއެންޔޫގެ ލެކްޗަރާއިން އެތަނުގެ ގޯތި ތެރެއަށް ނިކުމެ ތިބީ ހިތްހަމަނުޖެހުން ފާޅުކޮށް އެކި އެކި އިބާރާތްތައް ލިޔެފައިވާ ބޯޑުތަކާއި ފޮތިގަނޑުތައް ހިފައިގެން ހިމޭންކޮށެވެ.
އެމްއެންޔޫގެ ލެކްޗަރާއިންގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ލެކްޗަރާއިން "އަދަދު"އަށް އިއްޔެ ވިދާޅުވީ ލެކްޗަރާއިންގެ މުސާރަައަށް ބަދަލެއް ނާންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ މުސާރައަކީ މާސްޓާސް ޓީޗަރެއްގެ މުސާރަ. އެ މުސާރައެއް ނޫން މިހާރު [އަޅުގަނޑުމެންނަށް] ހައްގުވާނީ. އެއީ 10 އަހަރު ކުރީގެ މުސާރައެއް،" އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އާމިނަތު ޝާފިޔާ އާދަމް އިއްޔެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މުސާރަ ކުޑަކަމަކަށް ގަބޫލުކުރައްވަނީ ހިދުމަތާއި ތަކެތީގެ އަގުބޮޑުވެ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އެވެ.

"ޒަރޫރީ ހުރިހާ ބޭނުންތަކެއް މިއޮތީ އަގުބޮޑުވެފައި. އެހެންވެއްޖެއްޔާ އަޅުގަނޑުމެން، މީގެ 10 އަހަރު ކުރިން 2012 ގައި އުޅުނު ރީތި ތާހިރު ދިރިއުޅުމެއް މިހާރު އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. އެހެންވީމާ އެންމެނަށް ހަމަހަމަ ގޮތެއްގައި މި ތާހިރު ދިރިއުޅުން ހޯއްދަވައި ދެއްވަން ޖެހޭނެކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ އިއްޔެ ވިދާޅުވި އެވެ.
އެމްއެންޔޫއިން ވާހަކަ ދެއްކެވި ލެކްޗަރާއިން ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ކުރިއެރުމުން މަތީ ތައުލީމުގެ ދާއިރާ ބާކީވީމާ އެެއީ ކީއްވެތޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސުވާލު ދަންނަވަން އެދޭ ކަމަށެވެ. އެހެންވެ ރައީސްއާ ބައްދަލުކުރެއްވުމަށް މިހާރު ވެސް އެޕޮއިންޓްމެންޓަކަށް އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އައިޔޫއެމް އިން "އަދަދު"އާ ވާހަކަ ދެއްކެވި ލެކްޗަރާއިން ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަަަށް ނުރަސްމީކޮށް އެކި ފަހަރު ބުނެފައިވާ ކަމަށާއި އެކަމަކު އެކަން ހަގީގަތަކަށް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވެސް ހަމަ ތައުލީމު ފޯރުކޮށްދޭ ބައެއް. މީގެ ކުރިން ހަމަ އެއް ކެޓަގަރީއެއްގައި އޮތީ ޓީޗަރުންނާ، އެހެން ނަމަވެސް އެންމެ ފަހުން މިކަން [މުސާރަ ބޮޑުކުރުމުގެ ކަންތައް] ނިމިގެން އައި އިރު އަޅުގަނޑުމެންގެ ކެޓަގަރީއެއް ނޭނގުނު،" އައިޔޫއެމްގެ ލެކްޗަރާ އަކު ވިދާޅުވި އެވެ.
އޭނާ އާއި އެ ޔުނިވާސިޓީގެ އެެހެން ބައެއް ލެކްޗަރާއިން ވެސް ވިދާޅުވީ އެތަނުގެ ލެކްޗަރާއިންގެ މުސާރަ މީގެ ކުރިން އޮތީ އެމްްއެންޔޫގެ މުސާރަތަކަށް ވުރެ ވެސް ކުޑަކޮށް ކަމަށެވެ. އަދި ޓީޗަރުންނާ އެއް މިންވަރަކަށް މަަސައްކަތްކޮށް އޮފީހުގައި އެއް ވަރަކަށް ވަގުތު ހޭދަކުރާއިރު ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ނުގެނައުމަކީ ގޯހެއް ކަމަށް އޭނާ ދެކެ އެވެ.
"މި ޔުނިވާސިޓީ އުފެދުނުތާ ހަތަރު އަހަރު ފަހުން އަޅުގަނޑުމެންގެ މުސާރަ އެއް ހަމަ ކުރީ ވެސް [އެމްއެންޔޫގެ ލެކްޗަރާއިންނާ އެއްވަރު ކުރީ ވެސް]،" އައިޔޫއެމްގެ ލެކްޗަރާއަކު އިއްޔެ ވިދާޅުވި އެވެ.
ދެ ޔުނިވާސިޓީގެ ލެކްޗަރާއިން ވެސް ވިދާޅުވީ އިއްޔެ ފެށި މަސައްކަތް، މުސާރަ ބޮޑުކުރަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- "ފަޒީސް ހިޖާމާ ތެރެޕީ" ގެ ނަމުގައި ހިންގަމުން އަންނަ ތަނަކީ ރަޖިސްޓާ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށާއި އެ ތަނުން މީހުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުން ދާތީ, އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެވެ.
- ދެކުނުގައި އިތުރު މަސް ފެކްޓްރީއެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވީ އިއްޔެ އެވެ.
- މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަތް ޓޫރިސްޓުގެ އިތުރަށް އެ މައްސަލާގައި ދިވެއްސަކު ވެސް ހައްޔަރުކުރިކަން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޔުނިވާސިޓީގެ ލެކްޗަރާއިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެކު ބުނީ:
"އަޅުގަނޑުމެންނަކީ ވެސް ހަމަ ތައުލީމު ފޯރުކޮށްދޭ ބައެއް. މީގެ ކުރިން ހަމަ އެއް ކެޓަގަރީއެއްގައި އޮތީ ޓީޗަރުންނާ، އެހެން ނަމަވެސް އެންމެ ފަހުން މިކަން [މުސާރަ ބޮޑުކުރުމުގެ ކަންތައް] ނިމިގެން އައި އިރު އަޅުގަނޑުމެންގެ ކެޓަގަރީއެއް ނޭނގުނު،"
ދުވަހުގެ ފޮޓޯ

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. މި މުބާރާތަށް ދިވެހި ޓީމު ތައްޔާރުވަމުން ދަނީ ބޭރު ކޯޗެއްގެ އިރުޝާދުގެ ދަށުން. ޖުމްލަ 7 ގައުމެއް މުބާރާތުގައި ވާދަކުރާނެ --- ފޮޓޯ: އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އިމްޕްރޫވިން އެޑިއުކޭޝަން އިން ދަ މޯލްޑިވްސް: ސްޓޭކްހޯލްޑާ ޕާސްޕެކްޓިވްސް"
މިއީ ރާއްޖޭގެ ތައުލީމީ ނިޒާމު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން 2013 ވަނަ އަހަރު މޯލްޑިވްސް ރިސާޗް އިން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައި ވަނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލެވެ. އެގޮތުން، ވަނީ ތައުލީމީ ދާއިރާގައި ކޮލިޓީ ކޮންޓްރޯލް ކުރުމަށް ކުރާ ކަންތައްތަކާއި، ތައުލީމީ އިދާރާތައް ހިންގާ ގޮތްތަކާއި ރާއްޖޭގެ ކަރިކިއުލަމަށް އަލިއަޅުވާލާފަ އެވެ.













