ވަޅި ޖެހި ކަމަށް ބެލެވެނީ ގިނަ ކުށްތަކުގައި އުޅޭ ކަމަށް ފުލުހުން ހާމަކުރި ކުއްޖާ

ފުލުހުން މަގުމަތީގައި ހަރަކާތެރިވަނީ---

ފުލުހުން މަގުމަތީގައި ހަރަކާތެރިވަނީ---

ފިތުރު އީދު ދުވަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ކުޑަ ކުއްޖާއަކީ ކުށުގެ ގިނަ ރިކޯޑު އޮންނަ ކަމަށް ފުލުހުން މީގެ ކުރިން ހާމަކުރި ކުއްޖާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި އަހަރު ފެބްރުއަރީ މަހު ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން "މީޑިއާ އިވެންޓް" އެއް ބާއްވާފަ އެވެ. އޭގައި ދިން މައުލޫމާތަށް ބަލާނަމަ އޭރު 14 އަހަރުގެ އެ ކުއްޖާއަކީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 53 މައްސަލައެއްގައި ހިމެނޭ ކުއްޖެކެވެ.

އިތުބާރުހުރި ފަރާތަކުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ މިދިޔަ އީދު ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާއަކީ ކުށުގެ ރިކޯޑު އޮންނަ އެ ކުއްޖާ ކަމަށެވެ.

މަސްތުވާތަކެތީގެ 53 މައްސަލަ އޮތް 14 އަހަރުގެ ކުއްޖެއް؛ މައިންބަފައިންނަށް ނުހުއްޓުވޭ, ހުއްޓުވޭނެ އިދާރާއެއް ވެސް ނެތް

ޖެނުއަރީ 2019، އިން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 354 ފަހަރު އެ ކުއްޖާއާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު ކަންކަމުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ ދެ މައްސަލައަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައަކާއި، މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެއް ހިމެނެ އެވެ.

ވޭތުވެދިޔަ ތިން އަހަރު ސުވާލުކުރި މައްސަލަތަކާއި އަދަދު:

  • 2019 - މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ އެއް މައްސަލައެއް
  • 2020 - މަސްތުވާތަކެތި ބޭނުންކުރުމުގެ ތިން މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ ނުވަ މައްސަލައެއް، ކުއްޖާ މަގުމަތީ އުޅެން ފެށީ މި އަހަރު
  • 2021- މަސްތުވާތަކެތި ވިއްކުމުގެ އެއް މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 12 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލައެއް

މިއީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަ އޮންނަ ކުއްޖެއް ނޫނެވެ. "ވިޔާނުދާ" ކުއްޖެކޭ ބުނެވޭނަމަ ބުނާނެ ހުރިހާ ކަމެއް ކުރެ އެވެ. އެގޮތުން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމާއި، މާރާމާރީ ހިންގުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތްކުރުމާއި، ރަހީނުކުރުމާއި، ވައްކަމާއި، ފިލަން މަސައްކަތްކުރުމާއި، ލައިސެންސް ނެތި ސައިކަލް ދުއްވުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުން ހިމެނެ އެވެ.

އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު މަގުމައްޗަށް ނުކުމެ މަސްތުވާތަކެތި ވިއްކަން ހުންނާނީ އޭނާއާ ހަވާލުވެ ތިބި ފަރާތްތަކާއި އިދާރާތަކުގެ ވެސް އިހުމާލުންނެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބުނާ ގޮތުން އެ ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަށްނުގެންދެވެ އެވެ.

"އެ ކުއްޖާ އިސްލާހު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތްތައް ކުރަން މުއައްސަސާތަކާ ގުޅިގެން. ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުލިބޭ، ކުއްޖާގެ އެއްބާރުލުން ނުލިބޭތީ،" ފުލުހުން އޭރު ބުންޏެވެ.

ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރޭގައި ޝާމިލްކުރުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސްކޫލަށް ދިޔުމާ ގުޅޭ ގޮތުން ވާހަކަ ދެކެވި، އަލުން ކުއްޖާއަށް ތައުލީމު ހާސިލުކުރުމަށް ފުރުސަތު ހޯދާދެވިފައިވާ ކަމަށް ވެސް އޭރު ފުލުހުން ވަނީ ބުނެފަ އެވެ.

މި ފަހުން ހިންގި މާރާމާރީތަކުގައި އެ ކުއްޖާ ބައިވެރިވެފައިވާއިރު އެ ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުނެވެ. ނަމަވެސް ޖެންޑާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ ކުއްޖާ މިވަގުތު ވެސް ދިރިއުޅެމުން އަންނަނީ މައިންބަފައިންނާއެކު އެވެ.

މާރާމާރީގެ މައްސަލައިގައި ހިމެނޭ 15 އަހަރުގެ މި ކުއްޖާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފަ އެވެ. އެ މައްސަލައިގައި ދެން ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގާނޫނު؛ 15 އަހަރު ނުވާނަމަ އެއްވެސް ކުށަކަށް އަދަބެއް ނުލިބޭ!

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުުމުގެ ބައިގެ ހ. ގައި ބުނާ ގޮތުން ނަމަ ކުޑަކުދިންނަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި މީހުންނެކޭ އެއްފަދައިން ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީ އާއި، އެ ކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އެކަމަށް ބަލާ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައެއް ނުބެލެވޭނެ އެވެ.

އެ ގާނޫނުގެ (ށ) ކުޑަކުއްޖަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުމުރުގެ ނުވަތަ އެއަށްވުރެ މަތީ އުމުރެއްގެ ކުއްޖެއް ކަމުގައިވީނަމަވެސް، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށާއި، ވަށައިގެންވާ ހާލަތްތަކަށް ރިއާޔަތްކުރުމަކާ ނުލައި، ހަމައެކަނި ކުއްޖާގެ އުމުރަށް ބަލައި، ވަކި އުމުރެއް ފުރިހަމަވެފައިވާ ކުއްޖަކީ، ކުށް ކުރުމަށް ތަސައްރަފު ފުދިފައިވާ ކުއްޖެއް ކަމުގައި ބަލައިގެންނުވާނެ އެވެ.

ފަނަރަ އަހަރަށްވުރެ ހަގު ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނު ކަމުގައިވީނަމަވެސް، ކުޑަކުދިންނަށް ހާއްސަކުރެވިގެން ގާއިމުކުރެވޭ ނިޒާމެއްގެ ދަށުން، ގާނޫނާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާމެދު އަމަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅަ އެވެ.

ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ އާއި، އެ ކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބެއް ނުދެވޭނެ އެވެ.

އަދި އުމުރުން 18 އަހަރު ވުމަށްފަހުގައިވެސް 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބެއް ނުދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި، އެކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ފިޔަވަޅު އެޅުމުގައި އެއީ އުމުރުން 18 އަހަރުން މަތީގެ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ޔަގީންނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި، މި ގާނޫނުން ލިބިދޭ މަންފާ އެ ކުއްޖަކަށް ލިބިދޭން ޖެހެ އެވެ.

ގާނޫނުގައި އަދަބެއް ނެތް؛ މާރާމާރީ އާއި މަސްތުވާތަކެތި ވިއްކުމުގައި ގޭންގުތަކުން ގެންގުޅެނީ ކުޑަކުދިން!

"ސަސްޕެކްޓް އަޑީގައި ހުރެގެން، ކުޑަކުދިން ލައްވާ ތަންތަން ކުއްޔަށް ހިފައިގެން، މަސްތުވާތަކެތި ބަހައްޓައިގެން، އެތަކެތި ކުދިކޮށް، ބަންދުކޮށް، އޭގެ ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތައް ހިންގަމުންދޭ،" ކުޑަކުދިން މަސްތުވާތަކެެއްޗަށް ލެންބެވުމަށް އެކަމުގައި ހަރަކާތްތެރިވާ އިސް މީހުން ކުރުވަމުންދާ މަސައްކަތަކީ މިއީ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިދިޔަ ހަފްތާއެއްހާ ދުވަހު މާލެ ސަރަހައްދުގައި ފެށިގެން އުޅޭ ސިލްސިލާ މާރާމާރީތަކަކީ ވެސް ބޮޑުން އަޑީގައި ތިބެ ކުޑަކުދިން ލައްވާ ހިންގަމުން ގެންދާ ޖަރީމާތަކެކެވެ.

އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮވެ އެވެ. އެހެންކަމުން މާރާމާރީތަކުގައި އުޅޭ 15 އަހަރު ނުވާ ކުދިން ހައްޔަރުކުރުމުގެ ބަދަލުގައި ގެންދަނީ ފެމިލީ އެންޑް ޗިލްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށެވެ.

އެތަނަށް ގެންދިއުމަށްފަހު އާއިލާއާ ހަވާލުކުރަނީ އެވެ. އެއީ އަނެއްކާވެސް އެކުދިން ކުށުގެ ވެއްޓަށް ދޫވުމަށް ލިބޭ އިތުރު ފުރުސަތެކެވެ. ރާއްޖޭގެ ގާނޫނު އިސްލާހުކޮށްގެން ނޫނީ ކުށްކުރާ ކުޑަކުދިން އިސްލާހުގެ މަގަކަށް ނުގެނޭވޭނެކަން މިހާރު މި މުޖުތަމައުއިން ފެންނަމުންދާ ކަންކަމުންވެސް އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox