ސްޕެއިންގެ މަގުބޫލު ފެޝަން ބްރޭންޑު، "މެންގޯ" ގެ އާ ފިހާރައެއް މާދަމާ މާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިހާރު ވެސް އަންހެނުންގެ ހެދުން ވިއްކާ ފިހާރައެއް ހިންގާ މެންގޯ އިން މިފަހަރު ހުޅުވަނީ އެ ލޭބަލްގެ ފިރިހެނުންނާއި ކުޑަކުދިންގެ އައިޓަމްތަކަށް ހާއްސަ ފިހާރައެކެވެ. މި ފިހާރައިން މެންގޯ ކަލެކްޝަންގެ އެންމެ ފަހުގެ ހެދުންތަކާއި އަވިއައިނާއި ތޮފި ފަދަ އެކްސެސަރީތައް ވެސް ލިބޭނެ އެވެ.
ގާތްގަނޑަކަށް 257 އަކަމީޓަރުގެ ޖާގަ ހުންނަ މި ފިހާރަ ވެސް ހުންނަނީ މެންގޯ ވިމެން ފިހާރަ ކައިރީ، މަޖީދީ މަގުގަ އެވެ. މެންގޯ އިން ހިއްސާކޮށްފައިވާ ބަޔާނެއްގައި ބުނީ އާ ފިހާރަ ރަސްމީކޮށް ހުޅުވާނީ، މާދަމާ ރޭ 8:00 ގައި ކަމަށެވެ.
މީގެ 38 އަހަރު ކުރިން ސްޕެއިންގެ ބާސެލޯނާގައި ފެށި މެންގޯ ލޭބަލުން ވަނީ ކުޑަދުވަސްކޮޅެއްގެ ފެޝަންގެ ދުނިޔޭގައި ވިދާ ނަމަކަށް ވެފަ އެވެ. މިހާރު ވެސް 110 ގައުމެއްގައި ވިޔަފާރި ކުރަމުން އަންނަ މި ލޭބަލްއަށް 2020 ގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.










