ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ކޮންމެ އަހަރަކު އާންމު ކުރާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓުނީ އިއްޔެ އެވެ.
ޖުމްލަ 180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން މިދިޔަ އަހަރު އޮތް ހިސާބާ އަޅާބަލާއިރު މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.
މިއީ ފާއިތުވެ ދިޔަ ހަތަރު އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނަ އެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު 72 ވަނައަށް ރާއްޖެ ޖެހިލި އެވެ.
ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީ އެވެ.
މީގެ އިތުރަށް، "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގެ މަސްދަރު ހޯދަން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރި ކަމަށް އޭގައިވެ އެވެ.

ބެލެވޭ ގޮތުގައި އެ ފާހަގަ ކުރަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ނަން ހާމަނުކޮށް ސިފައިންގެ ބޭފުޅުންތަކަކާ ހަވާލާދީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަށެވެ.
އިންޑެކްސްގައި ދެން ފާހަގަ ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ގޭންގްތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އަންނަ ބިރު ދެއްކުމުގެ އިންޒާރުތަކެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ހާދިސާ އިންޑެކްސްގައި ފާހަގަ ކޮށްފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޗައިނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ވެސް ހުއްޓުވަންޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނީ އިއްޔެ އެވެ.
- ޏ. ފުވައްމުލަކު ނެރު ކައިރިއަށް ފީނަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ މުހައްމަދު "ސައިއްޓޭ" ސައީދު، މަސް ހިފަން ގެންގުޅު ކަމަށް ބެލެވޭ އާލާތެއް ކޯސްޓްގާޑުން ހޯދީ އިއްޔެ އެވެ.
- އިދިކޮޅު ޕީޕީއެމް ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް "މޯލްޑިވްސް ޔޫތު ފޯސް" ނަމުގައި ހަރަކާތެއް ފަށައިގެން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ބައއިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ދެއްވި ހިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުސަތުގައި ޔަގީންކޮށް އަރުވަން،"
ދުވަހުގެ ފޮޓޯ

ހުޅުމާލެ ފޭސް 2 އަށް ދާ ބްރިޖުން ފައިބައިގެން ބަޔަކު ދަނީ. ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމާއެކު ފޭސް 2 ގެ ޓްރެފިކަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުން ބައެއް މަގުތައް ވަނީ އެއްކޮޅަށް ދުއްވޭ މަގުތަކަށް ބަދަލުކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އަ ޓްރަބަލްޑް ފިއުޗާ ފޯ ޑިމޮކްރަސީ"
މިއީ ރާއްޖޭގައި ޑިމޮޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކާއި، އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމުކުރުމަށް ތަންފީޒުކުރަން ޖެހޭ ކަންތައްތަކެއް ސަރުކާރަށް އެ ޖަމިއްޔާއިން ވަނީ ހުށަހަޅާފަ އެވެ.












