ކޮޮވިޑް-19 އާ ހެދި އައި މެދުކެނޑުމުގެ ތެރޭގައި ވެޓެރަންސް ކަޕް ހުއްޓާލާފައި އޮވެފައި، ތިން އަހަރަށް ފަހު މި މުބާރާތް އަލުން ފެށިއިރު، އެންމެ ރަނގަޅު ލެވަލްގައި ކުޅެން ކުޅުންތެރިންނަށް އުނދަގޫވެފައިވާ ކަމަށް ވެޓެރަންސް މުބާރާތްތަކުގައި ގަވާއިދުން ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނެފި އެވެ.
ތިރީސް ފަސް އަހަރު މަތީގެ ކުޅުންތެރިންނަށް ބާއްވާ މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވުމަށް ފަހު މި ފަަހަރު އަލުން ބާއްވާއިރު، މި ވަނީ ފައިނަލް މެޗާ ހަމައަށް ދަތުރުކޮށްފަ އެވެ. ފައިނަލުގައި މިއަދު ހަވީރު އައްސަދުގެ ކެޕްޓަން ކަމުގައި ނުކުންނަ މޯލްޑިވްސް ސޮކަ މޭޓްސް ބައްދަލުކުރާނީ ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ ހުޅުމާލެ ވެޓެރަންސް ކްލަބާ ދެކޮޅަށެވެ.
ފައިނަލް މެޗުގެ ކުރިން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްސަދު ބުނީ އެހެން މުބާރާތްތަކަށް ވުރެ، މި ފަަހަރު ކުޅެން ޖެހިފައި މި ވަނީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށެވެ. :
"އެއީ ކޮވިޑަށް ފަހު ބޭއްވީމަ. އަޅުގަނޑުމެން މިއީ އަސްލު ގަވާއިދުން މި ކުޅެމުން އައި ބައެއް. ކުޅެމުން ކުޅެމުން އައިސް، ކޮވިޑަށް ފަހު ގަވާއިދުން ކުޅުމުގެ ކަންތައްތައް ހުއްޓިގެން ދިޔައީ. ވަރަށް ގިނަ ޕްލޭޔަރުންތަކެއް ތިބީ މި ފަހަރުގެ މުބާރާތް ފެށިއިރު ފިޓްކޮށެއް ނޫން. މުބާރާތް ކުޅެން ފަށާފައި ހަމައެކަނި އެ ކޮށްލި ޕްރެކްޓިސް އަކާ އެކު ގިނަ ޕްލޭޔަރުން އެ ތިބީ. އެ އުނދަގޫ އެބައޮތް، އެ އިންޖަރީތައް ވެސް އެބަހުރި ޓީމުގައި،" ކްލަބް ވެލެންސިއާ އަށް މީގެ ކުރިން މި މުބާރާތް ކާމިޔާބު ކޮށްދިން އައްސަދު ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ޓޫކިލޯ ބޯޅަ ފޮނުވާލަނީ: އަނިޔާގެ ސަބަބުން ފައިނަލުގައި އޭނާ ނުކުޅޭނެ.
ފައިނަލުުގައި ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރާއިރު، މި ދެ ޓީމު ލީގު ބުރުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ޓީމު ފައިނަލަށް ދަތުރުކުރީ ވެސް މެޗަކުން ބަލިނުވެ އެވެ. އައްސަދު ބުނީ ހުޅުމާލެ ވެޓެރަންސް އަށް އެޑްވާންޓޭޖްތަކެއް ހުރި ކަމުގައި ވިޔަސް ސޮކަ މޭޓްސް ވެސް އޮތީ އުންމީދުގައި ކަމަށެވެ.
"ފައިނަލަށް ވަރަށް އުންމީދު އެބަކުރަން އަޅުގަނޑުމެން. އެ މީހުންނަށް ކޮންމެ އެޑްވާންޓޭޖެއް އޮތް ކަމުގައި ވިޔަސް،" އައްސަދު ބުންޏެވެ.
އެންމެ ފަހުން ސޮކަ މޭޓްސް ކުޅުނު މެޗުތަކުގެ ދެ ވަނަ ހާފްގައި އެ ޓީމުގެ ކުޅުން ދަށްވެ، ވަރަށް ބޮޑަށް ޓީމު ޕްރެޝަރަށް ދާ ދަނޑިވަޅުތަކެއް އަ އެވެ. އައްސަދު ބުނީ ހަގީގަތުގައި އެއީ ސޮކަ މޭޓްސްގެ ސްކޮޑު ބޮޑުވެފައި ވީހާވެސް ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތުތަކެއް ދޭން އަވަސް ބަދަލުތަކެއް ގެންނާތީ ދިމާވާ ކަމެއް ކަމަށެވެ. އަދި ބޭނުންވާ ލެވަލަށް ނުކުޅެވެނީ ޕްރެކްޓިސް މަދުވުމުން ކަމަށެވެ.
"އެ ހުރިހާ ކަމެއް ވެސް މީގެ ތެރޭގައި އެބަވޭ. ދެން މެޗުތަކުގައި ބައެއް ފަހަރު، ބަލަން ތިބޭ މީހުން ވެސް އެ ސުވާލުކުރި މިއަދު ހާދަ ދަށް ކޮށޭ ޓީމު މި ފެނިގެން މިދިޔައީ. އަސްލު އެއީ އެ ހުރިހާ ބަދަލަކާ އެކު އައި ކަމެއް،" އައްސަދު ބުންޏެވެ.
އަނިޔާގެ ސަބަބުން ފައިނަލް މެޗުގައި ސޮކަަ މޭޓްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) އަށް ނުކުޅެވޭނެ އެވެ. ޓޫކިލޯ އަށް އަނިޔާވީ ލީގު ބުރުގައި ހުޅުމާލެ ވެޓެރަންސާ ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން ހުޅުމާލެ ޓީމުގެ އަލީ ޝަމީމް (ކޮޔަރޭ) އަށް ވެސް ކުޅެވުނީ މަދު މެޗެކެވެ. ފައިނަލުގައި ވެސް އޭނާ ނުފެންނާނެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްސެ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ހުޅުމާލެ ވެޓެރަންސް ޓީމުގެ ކެޕްޓަން، ގައުމީ ޓީމުގެ ކުރީގެ ވިންގް، އިސްމާއިލް މުހައްމަދު (އިއްސެ) ބުނީ ފިޓްނަސް އަށް ބަލާއިރު، މިއީ އެހާ ރަނގަޅު މުބާރާތެއް ނޫން ކަމަށެވެ.
"އަސްލު ފިޓްނަސް އެންމެ އެންމެ ރަނގަޅުކޮށެއް ނޫން މި އޮތީ. އެ ގޮތަށް ތިބެ ހުރިހާ ކުޅުންތެރިން ވެސް މި ކުޅެނީ. އުނދަގޫތަކެއް ހުރޭ ރޯދަ އަށް ހުރެ ކުޅޭއިރުގައި،" މި ފަހަރުގެ މުބާރާތުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިއްސެ ބުންޏެވެ.
ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ފޯމެޓަށް މުބާރާތް ރޭވިފައި އޮތްއިރު، އިއްސެ ދެކޭގޮތުގައި ނިސްބަތުން ގިނަ ޓީމުތަކުން ރަނގަޅަށް ކުޅެން މަސައްކަތްކުރި އެވެ.
"މި ފަހަރު މުބާރާތުގައި އެންމެ ރަނގަޅަށް ޕާފޯމްކުރި އެއް ޓީމު އެއީ ދަ ގްރާންޑޭ. އަޅުގަނޑުމެންނާ އެކު ފައިނަލުގައި ކުޅޭ ޓީމު (ސޮކަ މޭޓްސް)ގައި އެބަތިބި ކުރީގައި ކުޅެފައި ތިބި މޮޅެތި ކުޅުންތެރިން އެހެންވެ، އެ ރެސްޕެކްޓް ކޮށްގެން ކުޅޭނީ،" ކުރިން މި މުބާރާތުގައި ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އިއްސެ ބުންޏެވެ.
އިއްސެ ބުނީ ވެޓެރަންސް ކުޅުންތެރިންނަށް މި މުބާރާތް ބޭއްވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކޮވިޑާ ހެދި މެދުނުކެނޑުނު ނަމަ މިއީ ކޮންމެ އަހަރެއްގައި ވެސް އޮންނާނެ މުބާރާތެއް ކަމަށް އިއްސެ ގަބޫލުކުރެ އެވެ. އަސްލު ވެޓެރަންސް ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން މި މުބާރާތުގައި ފެންނާނެ އެއް ގޮތަކީ ރޭގަނޑަށް މުބާރާތުގެ މެޗުތައް ބަދަލުކުރުން ކަމަށް އިއްސެ ވަނީ ބުނެފަ އެވެ.
ވެޓެރަންސް ކަޕްގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސާއި ސޮކަ މޭޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ޓާފް އެއް ނަމްބަރު ދަނޑުގައި 16:15 ގަ އެވެ.












