އެ ގައުމަކަށް ތަބާވާނެ "ޕަޕެޓް" ސަރުކާރެއް އަދި ޑިމޮކްރަސީގެ ހަމަތަކަށް ވެސް ބެލުމެއް ނެތި މަސައްކަތް ކުރާނެ "ޑިކްޓޭޓާޝިޕް" ނުވަތަ ހުދުމުހުތާރު ސަރުކާރެއް ރާއްޖޭގައި ގާއިމް ކުރަން މަސައްކަތް ކުރަނީ ޗައިނާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
އިންޑިއާއަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝާމް ސަރަން އިއްޔެ ބޭއްވި ލެކްޗާއެއްގައި ބައިވެރިވެވަޑައިގެން ނަޝީދު އަނެއްކާ ވެސް ވަނީ ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތުގައި އިންޑިއާ އިސް ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.
އާންމު ގޮތެއްގައި މިފަދަ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ނަޝީދުގެ ފާޑުވިދާޅުވުން ޗައިނާއަށް އަމާޒުކުރައްވާއިރު އިއްޔެ ބޭއްވި އެ ސެމިނާގައި ވެސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރާއްޖޭގެ ބޭރުގެ ދަރަނީގެ ގާތްގަނޑަކަށް 70 އިންސައްތަ ނިސްބަތްވަނީ ޗައިނާއަށް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޗައިނާއިން ބޭނުންވާ ގޮތަށް ދިވެހި ބިންތައް ފޭރެން ފުރުސަތު ނުދެވޭނެ ކަމަށެވެ. އެ ފުރުސަތު ކުރީގެ ސަރުކާރުން ފަހިކޮށްދިން ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އޮޓޮކްރަސީއެއް އުފައްދަން، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީ ފުހެލަން، ޑިކްޓޭޓާޝިޕް ސަރުކާރެއް އުފައްދަން، އޭރަށް އެ މީހުން ބޭނުންވާ ކޮންމެ ކަމެއް ކުރަން ލިބޭނީ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ވާހަކައިގައި ދެން އިޝާރާތް ކުރެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮންނަހާ ހިނދަކު އެފަދަ ހަރަކާތެއް ހިންގަން ވެސް ފުރުސަތު ނުދެވޭނެ ކަމަށެވެ.
"ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މިހާރަށް ވުރެ ފުޅާކޮށް މާނަ ކުރެވޭ ގޮތަށް ގާނޫނީ އޮނިގަނޑެއް ގެނައުމަށް މި ދަނީ މަޝްވަރާ ކުރަމުން، އަދި އެއިން މިފަދަ ނަސްލީ ނަފުރަތު ކުރުމަށް ޖާގަ ނުދެވޭނެ ގޮތެއް ވެސް އޮންނަ ގޮތަކަށް،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖޭގެ ޑިމޮކްރެސީ ފުހެލަން މަސައްކަތް ކުރާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރެވޭ ގޮތަށް އިންޑިއާއާއެކު މި ސަރުކާރުން އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ.
މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ދޮގު ކުރެ އެވެ. އަދި އިންޑިއާގެ އަސްކަރީ އެހީތެރިކަން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގެ ގޮތުގަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ގިނަ އަހަރުތަކަކަށް ފަހު ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އާ ބޯޓު "ޖަޒީރާ ރީފާ" އިން ދިވެހިރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރަން ފެށީ އިއްޔެ އެވެ.
- އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ރިޔާސީ ގަރާރު ބާތިލުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ އެވެ.
- އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ އެއް މަސް ދުވަސް ތެރޭގައި ތަހުގީގުކޮށް ނިންމި މައްސަލަތަކާ ގުޅިގެން 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެދި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަންއިން އެންގީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހުތާރު ސަރުކާރެއް ރާއްޖޭގައި ގާއިމް ކުރަން މަސައްކަތް ކުރަނީ ޗައިނާއިން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އޮޓޮކްރަސީއެއް އުފައްދަން، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީ ފުހެލަން، ޑިކްޓޭޓާޝިޕް ސަރުކާރެއް އުފައްދަން، އޭރަށް އެ މީހުން ބޭނުންވާ ކޮންމެ ކަމެއް ކުރަން ލިބޭނީ،"
ދުވަހުގެ ފޮޓޯ

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން މޯލްޑިވްސް ސޮކަ މޭޓްސް އިން ކްލަބް އީގަލްސް ވެޓެރަންސް 2-0 އިން ބަލިކުރުން. މި ފަހަރުގެ ވެޓެރަންސް ލީގުގެ ލީގު ބުރުގެ ކުޅުން މި ވަނީ ނިމިފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












