މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން މޯލްޑިވްސް ސޮކަ މޭޓްސް އިން ކްލަބް އީގަލްސް ވެޓެރަންސް 2-0 އިން ބަލިކޮށްފި އެވެ.
މިއަދުގެ މެޗާ އެކު ހަތް ޓީމު ވާދަކުރާ މި ފަހަރުގެ ވެޓެރަންސް ލީގުގެ ލީގު ބުރުގެ ކުޅުން މި ވަނީ ނިމިފަ އެވެ. ލީގު ބުރުގެ ގަދަ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށް މުބާރާތް ރޭވިފައިވާއިރު، އެއް ވަނަ އަށް ދިޔަ ހުޅުމާލެ ވެޓެރަންސް ކްލަބާއި ދެ ވަނަ އަށް ދިޔަ ސޮކަ މޭޓްސް އަށް ލިބިފައިވަނީ ހަ މެޗުން 14 ޕޮއިންޓެވެ. ހުޅުމާލެ ވެޓެރަންސް އަށް ލަނޑުގެ ތަފާތުން ކުރި ލިބެނީ ފައިދާ 16 ގޯލު އޮތުމުންނެވެ. ސޮކަ މޭޓްސްގެ އޮތީ ފައިދާ އަށް ގޯލެވެ. ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް ކުޅޭ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު 16:30 ގަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރެއް ނުވެ، ސޮކަ މޭޓްސް އަށް ލީޑުނަގައިދޭން އެ ޓީމުގެ އަލީ ނާސިފު އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ސޮކަ މޭޓްސް އާއި ކްލަބް އީގަލްސް ވެޓެރަންސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މެޗުގެ 42 ވަނަ މިނިޓްގައި ސޮކަ މޭޓްސް އިން ލީޑުނެގީ އިސްމާއިލް އަނިލް ވައްދާލި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން އީގަލްސްގެ ކުޅުންތެރިއަކު ސޮކަ މޭޓްސްގެ އަހުމަދު މަމްދޫހަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސޮކަ މޭޓްސް އިން ދެ ވަނަ ގޯލު ޖެހީ 55 ވަނަ މިނިޓްގަ އެެވެ. މިއީ އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތަކުން އަަހުމަދު އަފުރާދު (އަފޭ) ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ސޮކަ މޭޓްސް މޮޅުކޮށްދޭން އެ ޓީމުގެ މެދުތެރޭގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމުގެ ކެޕްޓަން އަޝްރަފު ލުތުފީ (ސަމްޕަތު) އަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ.
ލީގު ބުރުގެ މެޗުތައް މިއަދު ނިމުނުއިރު، ތިން ވަނަ އަށް ދިޔައީ 10 ޕޮއިންޓް ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. މިއީ ދަ ގްރާންޑޭ އިން ވެޓެރަންސް ކަޕެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ލީގުގެ ހަތަރު ވަަނަ އަށް ދިޔަ ދިވެހި ސިފައިންގެ ކްލަބާއި ފަސް ވަނައިގައި ނިންމި ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ވަނަ އަށް ދިޔަ އީގަލްސް އަށް ފަސް ޕޮއިންޓް ލިބުނުއިރު އެންމެ ފުލަށް ދިޔަ ޕޮލިސް ކްލަބް ކުޅުނު ހަ މެޗުން ވެސް ބަލިވެ، މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
އެފްއޭއެމުން މި ފަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށް ގެންދަނީ ކްލަބް އިވެންޓްސްއާ ގުޅިގެންނެވެ. ޕާޓްނަރުންނަކީ ދިރާގު، އެއްކާފު، ސްޕޯޓްސް އަދި އަދަދު ނޫހެވެ.












