މައިލޯ އެފްއޭއެމް ވެޓެރަންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައި ކްލަބް ގްރީން ސްޓްރީޓްސް އިން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
ގްރީން ސްޓްރީޓްސް އިން އެންމެ ފުރަަތަމަ ކުޅުނު ތިން މެޗުން ވަނީ ހުުޅުމާލެ ވެޓެރަންސް، މޯލްޑިވްސް ސޮކަ މޭޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ދިވެހި ސިފައިންގެ ކްލަބާ އެއްވަރުކޮށް، ފަހު ދެ މެޗުން މި ވަނީ ކްލަބް އީގަލްސް ވެޓެރަންސް އާއި ޕޮލިސް ބަލިކޮށްފަ އެވެ.
ލީގު ބުރުގައި ގްރީން ސްޓްރީޓްސްގެ މެޗުތައް ނިމުނުއިރު، އެ ޓީމު ފަސް ވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ޕޮލިހުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ކުޅުނު ހަތް މެޗުން ވެސް ބަލިވެގެންނެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑުނަގަން އެންމެ ނުރައްކާތެރި ހަަމަލާއެއް ފުރަަތަމަ ހާފުގައި ފޮނުވާލީ ޕޮލިހުންނެވެ. އެ ޓީމުގެ އާތިފް މުހައްމަދު އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ޕޮލިހުގެ ނާޒިމް (ވ) ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު މި މެޗުގައި ގްރީން ސްޓްރިޓްސް އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅޭ އިބްރާހިމް ހަލީލް ތިރިތިރިން ފޮނުވާލި ބޯޅަ އަމާުޒުވީ ގޯލުގެ ކަނަށެވެ.
ލީޑުފުޅާކުރަން ގްރީން ސްޓްރީޓްސްގެ ހަލީލް އާއި ހުސެއިން ހަބީބު (ހަބީ) ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ގްރީން ސްޓްރީޓްސް އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. އެ ގޮތުން 59 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ފަހަތަށް ކުޅެމުންްދިޔަ، އިބްރާހިމް ސިނާޒް (ސިނާ) ކުރިއަށް ޖެހިލައި، ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު މި ގޯލު ޖެހީ ހަބީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަބީ، އޭރިއާތެެރޭގައި ހުރެފައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މުބާރާތުގައި މާދަމާ އޮންނާނީ ލީގު ބުރުގެ ފަހު މެޗެވެ. ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި މޯލްޑިވްސް ސޮކަ މޭޓްސް އެވެ. މެޗު ފަށާނީ 16:30 ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ. ބައްދަލުުކުރާނީ ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް އިންނެވެ.
އެފްއޭއެމާ ގުޅިގެން މި ފަހަރުގެ ވެޓެރަންސް ކަޕް އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި އެއްކާފު، ސްޕޯޓްސް އަދި އަދަދު ނޫހުން ބައިވެރިވެ އެވެ.












