ހިޔާނާތްތައް ތަހުގީގު ކުރުމުގައި އެކަށީގެންވާ ނަތީޖާތަކެއް ސަރުކާރަށް ނެރެވިފައި ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައި ވަނިކޮށް، އެއްވެސް ވަރަކަށް ހިޔާނާތްތެރިވުމަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށާއި މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އިއްޔެ އެވެ.
އެމްޑީޕީގެ ސަރުކާރެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ބުނެ ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވިދާޅުވެ ނަޝީދުގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "އަދަދު"އަށް އިއްޔެ ވިދާޅުވީ މި ސަރުކާރުން އެއްވެސް މިންވަރަކަށް ހިޔާނާތްތެރިވުމުގެ ޖާގަ ނުދޭނެ ކަމަށެވެ. އަދި، އަނިޔާވެރިވެ ތަފާތުކުރުން ވެސް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުން ހިޔާނާތްތެރިވުމަށް ޖާގައެއް ނުދޭނެ. އެއްވެސް މީހަކާ މެދު ތަފާތުކުރުން ނުގެންގުޅޭނެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ފުރުސަތު ވެސް ނުދޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު މުއައްސަސާތަކަށް ދީފައިވާ ކަމަށާއި ދައުލަތުގެ އެއްވެސް ބާރަކުން މައްސަލަތަކަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރުން އެދޭ ކަމަށް އަލީ ޒާހިރު އިއްޔެ ވިދާޅުވި އެވެ.

"ކޮންމެ މީހަކާ މެދު ވެސް ހުށަހެޅޭ އަދި ތުހުމަތު ކުރެވޭ މައްސަލައެއް ފުރިހަމައަށް ބަލައި ތަހުގީގުކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ވަނީ ދެވިފައި. އެފަދަ ކަމަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ،" ނަޝީދުގެ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް"އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.
"ސަރުކާރުން އެދެނީ ދައުލަތުގެ އެއްވެސް ބާރަކުން އަދި މުއައްސަސާއަކުން ވެސް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށް،"
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު އެ ޕާޓީގެ ތެރޭގައި ބަހުގެ ހަމަލާތައް އިތުރުވެ މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދު ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއެކު އެވެ. ރައީސް ސޯލިހު ހުންނެވީ އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއެކު އެވެ.
އިންތިއަށް ތާއީދުކުރައްވާ ނަޝީދުގެ އަރިސް މެމްބަރުން ގެންދަވަނީ އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުކިޔުމާއި ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
ވަކިން ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވެފައިވާތީ ސީދާ ނަޝީދު ވެސް އެމްޑީޕީގެ އެތެރޭގެ ޕްލެޓްފޯމްތަކާއި އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާއަށް އިންކާރުކޮށް، މޭރީއަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ފަރާތުން ބުނީ އިއްޔެ އެވެ.
- އިނގިރޭސިވިލާތުގެ "ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާ ބައްރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިސަލް ހޮވުނީ އިއްޔެ އެވެ.
- ހުޅުމާލޭގެ ދެ ފޭސްގެ މަގުތައް ސާފުކޮށް ބަލަހައްޓަން އެޗްޑީސީން ވެމްކޯ އާ ހަވާލުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ހަތް ރަށެއްގައި ގާއިމުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާ ގުޅޭގޮތުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ:
"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް ވެސް ފަށާނަން. އަޅުގަނޑުމެނަށް ފައިނޭންސް އާއި ހުރިހާ ކަމެއް ވެސް ހަމަޖެހިފައި ހުރީ،"
ދުވަހުގެ ފޮޓޯ

މާލޭގެ މިސްކިތެއްގެ ބޭރުގައި ސަފު ހަދައިގެން ބަޔަކު ތަރާވީސް ނަމާދު ކުރަނީ. މިސްކިތްތަކުގެ ޖާގަތައް ފަހު ދިހައިގެ ރޭތަކުގައި ފުރޭ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ރެޔަކު ވެސް މިސްކިތްތަކުގެ ބޭރުގައި މަގުމަތީގައި ސަފު ހަދައިގެން ނަމާދު ކުރޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މޯލްޑިވިއަންސް ޓްރެވަލިން އެބްރޯޑް ސާވޭ 2018"
މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ކުރާ ހޭދައާ ގުޅޭގޮތުން 2018 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮށްފައިވާ ދިރާސާއެކެވެ. މިއީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމުގެ ގޮތުން 2011 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ އިދާރާއިން ކުރަމުން އަންނަ ސާވޭއެކެވެ.












