ހުޅުމާލެ ވެޓެރަންސް އަތުން ވެސް ސިފައިން ޕޮއިންޓެއް ހޯދައިފި

Apr 25, 2022, 4:31 PM
ސިފައިންގެ ޓީމުގެ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސް ޓީމުގެ އިއްސެ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިފައިންގެ ޓީމުގެ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސް ޓީމުގެ އިއްސެ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް ވެޓްރަންސް ލީގުގައި މިއަދު ހަވީރު ހުޅުމާލެ ވެޓްރަންސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ލީގު ބުރުގައި މި ދެ ޓީމުގެ ފަހު މެޗަށް ނުކުތްއިރު، ހުޅުމާލެ ވެޓްރަންސް އިން ވަނީ ފައިނަލުން ޖާގަ ހޯދާފަ އެވެ. އަނެއްކޮޅުން ސިފައިންނަށް މި މެޗަކީ މުބާރާތުގެ ފަހު މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ހުޅުމާޅެ އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެން ލީގުގެ އެންމެ ކުރީގަ އެވެ. ސިފައިން އޮތީ ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ހަތަރު މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެގެން ހޯދި ހަތް ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތް އިރު ފައިނަލުން ޖާގަ ޔަގީންވެފައިވާތީ ހުޅުމާލެ ވެޓްރަންސް ޓީމުން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ދެ ޓީމަށް ވެސް މެޗުގައި ގޯލު ޖަހަން ތަނަވަސްކުރެވުނީ ނިސްބަތުން މަދު ފުރުސަތު ތަކެކެވެ.

ފުރަތަމަ ހާފު ފަށައިގެން ހުޅުމާލެ ޓީމްގެ އަބްދުﷲ ސުޖާއު (ސުޖާ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ކީޕަރު އިބްރާހިމް ރަޝީދު ނިކުމެ ހޯދި އެވެ. އޭގެ ފަހުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އަރިމަތިން ބޭރަށެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުގެ ޝާހިދު ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިފައިން ޓީމުން ފުރަތަމަ ހާފުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެދުތެރެއަށް ކުޅުނު މުހައްމަދު ނިލާމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް ވަންނަށް ދަނިކޮށް ކީޕަރު މުހައްމަދު ސިނާން (ނާނި) ދިފާއުކުރި އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ހުޅުމާލޭގެ ސުޖާ އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހުމަދު ނާޒު (އާކޭ) ދިން ބޯޅައަށް ކުރިއަށް އަރައި ގޯލުގެ މަތީ ކަނަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ހުޅުމާލެއިން ލީޑުނެގީ 23 ވަނަ މިނެޓުގަ އެވެ. މި ގޯލު ޖަހައިދިނީ އަހުމަދު ޝާހިދު އެވެ. މިއީ އާކޭ ދިން ހިތްގައިމު ބޯޅައަކަށް އަރައި ކީޕަރު އިބްރާހިމް ބޯމަތިން ޝާހިދު ޖެހި ގޯލެކެވެ.

މި ހާފުގައި ސިފައިން ކުލަބުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައި ވަނިކޮށެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ ހުޅުމާލެ ޓީމަށް ދިފާއު ނުކުރެވިގެން އުޅެނިކޮށް ސިފައިން ޓީމުގެ އަފުރާހު އިބްރާހިމް ބާރު ހަމަލާއެއް ފޮނުވާލި އެވެ. އެ ބޯޅަ ކުޅުމުގެ ތެރެއަށް އައީ ގޯލުގެ މަތީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ފެނުނީ ނިސްބަތުން ދަށް ކުޅުމެކެވެ. ގިނަ މިސް ޕާސްތަކެއް ފެނުނުއިރު ނުރައްކާތެރި ހަމަލާތައް ވެސް ފެނުނީ މަދުންނެވެ. މި ހާފުގެ ކުރީކޮޅު ސިފައިން ޓީމަށް ނަތީޖާ ހަމަހަކަ ކޮށްދިނީ މުހައްމަދު އަމީން އެވެ. އަރިމަތިން މޫސާ މަޒުހަރުއްދީން ނަގައިިދިން ހުރަސް ފުރަތަމަ ބޮލުން ފޮނުވާލީ އަލީ ފާރޫގެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ނާނީ އަތުގައި ޖެހިފައި ނުކުތް ވަގުތު އޭރިއާ ތެރޭގައި ހުރި އަމީން ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފަ އެވެ.

ސިފައިން ޓީމަށް ލީޑު ނަގައިދޭން އަހުމަދު ފަޒާލް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހުޅުމާލެ ޓީމްގެ ޑިފެންޑަރު އަލީ ރިޒާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން ސިފައިން ޓީމްގެ ފަޔާޒު ފޮނުވާލި ބޯޅަ ކީޕަރު ނާނި ދިފާއުކުރި އިރު، އަމީނަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މުބާރާތުގެ ލީގު ބުރުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މާދަމާ ހަވީރު ޕޮލިސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ވާދަކުރާ މެޗާއި، ބުދަ ދުވަހުގެ ހަވީރު މޯލްޑިވްސް ސޮކަ މޭޓްސް އާއި ކްލަބް އީގަލްސް ވާދަކުރާ މެޗެވެ. ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓްރަންސް ވާދަކުރާ މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ. ލީގު ބުރުގައި މި ދެ ޓީމުގެ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox