އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ސްކޮޑު އެކުލަވާލައިފި އެވެ.
ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒު އެވެ. އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އެވެ. ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް އާއި އުމީރު އަދި އަހުމަދު ރައްޔާން މުހައްމަދު އަނީސް އެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ ރަފާ، ދީމާ އަދި މަލާކް އެވެ.
ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) އެެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު މުންތިފް އަހުމަދު އެވެ. އެސިސްޓިން ކޯޗުންނަކީ މޫސާ މުންސިފް އަހުމަދާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. ޓީމު މެނޭޖަރަކީ އައިޝަތު ފަދުވާ ރަޝީދު އެވެ.
އަންނަ މަހުގެ މުބާރާތަށް ތައްޔާރުވާން، ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން އަންނަނީ މާލޭގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާ އެކު ޓްރެއިނިން މެޗުތަކެއް ކުޅެމުންނެވެ. މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ގެ ހާއްސަ މެހެމާނަކަށް ރާއްޖެ އައި، ޓޭބަލް ޓެނިސްގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކްއާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ކުރި މަޝްވަރާގެ އަލީގައި ހަމަޖެހިގެން ދިޔަ ޓްރެއިނިން ސީރީސެއް ނުވަތަ މެޗުތަކެކެވެ.
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ރާއްޖޭގައި އަންނަ މަހު ބާއްވާ ޓީޓީ މުބާރާތަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށާއި އަމިއްލަ ފަސްގަނޑުގައި ކުޅެ ކާމިޔާބީ ހޯދަން ލިބޭނެ ހިތްވަރަކީ ސަޕޯޓަރުން ކަމަށެވެ. އަދި މި މުބާރާތުން ސަރަހައްދުގެ ގައުމުތަކާއި ރާއްޖޭގެ ކްރިކެޓް މުސްތަގުބަލު ވަޒަންކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އައްޔަ ވިދާޅުވި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން ބައިވެރިވެ އެވެ. މި މުބާރާތަކީ ގައުމުތަކުގެ ޓޭބަލް ޓެނިސްގެ މުސްތަގުބަލު ބިނާކުރަން އިސް ރޯލެއް އަދާކުރާ މުބާރާތެކެވެ.












