މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗު ޕޮލިސް ކުލަބާއި ވާދަކޮށް 2-1 އިން ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފި އެވެ.
ލީގު ބުރުގައި ހޯދި ފުރަތަމަ މޮޅާ އެކު ދިވެހި ސިފައިންގެ ކުލަބު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެެއީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެގެން ހޯދި ހަ ޕޮއިންޓާ އެކުގަ އެވެ. ލީގު ބުރުގައި މިހާތަނަށް ޕޮލިހުން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ސިފައިން ޓީމުން ލީޑު ނެގި އެވެ. އަހުމަދު ފަޒާލް އަރިމަތިން ބޯޅައާ އެކު އަރައި ނަގައިދިން ހުރަހަކުން މި ގޯލް ޖަހައިދިނީ އަލީ ފާރޫގް އެވެ.
އޭގެ މިނެޓެއް ފާރޫގަށް ގޯލެއް ޖަހަން އިތުރު ފުރުސަތެއް ލިބުނެވެ. މިފަހަރު ވެސް ފަޒާލް ދިން ބޯޅަ އަށް މަސައްކަތް ކުރަނިކޮށް ކީޕަރު ނިކުމެ އެ ބޯޅަ ދިފާއުކުރި އެވެ. ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ އުފެއްދި ސިފައިން ޓީމުންގެ ކެޕްޓަން އަހުމަދު ޝާމިން (ބާއްޕެ) ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަނޑީގައިވެސް ޖެހުނެވެ. އޭރިއާ ބޭރުގައި ހުރެ ކީޕަރު ބޯމަތިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ބޭރަސް ދިޔައީ ގޯލްގެ މަތީ ދަނީގެ ކަނުގައި ޖެހިފަ އެވެ.

ސިފައިންގެ ޓީމުގެ ފަޒާލް (ވ) ޕޮލިހުގެ ނިޝާދު ކައިރިން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
ސިފައިން ޓީމުން ފަސޭހަކޮށްލައިގެން ތިއްބައި، ޕޮލިހުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އަރިމަތިން ލިބުނު ފުރުސަތެއްގައި މުހައްމަދު ލަތީފް ނަގައިދިން ހުރަހަކުން މި ގޯލް ޖަހައިދިނީ މުހައްމަދު ނާޒިމް އެވެ.
ޕޮލިހުގެ ގޯލަށް ފަހު ވެސް ސިފައިން ޓީމަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މިފަހަރު ވެސް ފޯވާޑް، ފަޒާލް އަރިމަތިން އަރައި ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ހުސްކޮށް ދިން ބޯޅަ ފާރޫގު ފޮނުވާލި ބޯޅަ ޕޮލިހުގެ ކީޕަރު އަޒްމީ އަބްދުއްރަހުމާން ދިފާއުކުރި އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ފަޒާލް ފޮނުވާލި ބޯޅަ ބޭރަށްދިޔައީ ކީޕަރުގެ އަޒްމީ އަތުގައި ޖެހި ފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެ ވަނަ ހާފުގައި ފެނުނީ ލަސް ކުޅުމެކެވެ. ދެ ޓީމަށް ވެސް ގޯލް ޖެހާނެ މާ ގިނަ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ.
ސިފައިން ޓީމުން މެޗުން މޮޅުވި ގޯލު މި ހާފުގެ ކުރީކޮޅު ޖަހައިދިނީ އަހުމަދު ފަޒާލް އެވެ. މިއީ އަރިމަތިން ފަހަތަށް ކުޅުނު މޫސާ މަޒުހަރުއްދީން ކުރިއަށް އަރާ ނަގައިދިން ހުރަހަކުން ފަޒާލް ޖެހި ގޯލެކެވެ.
ފަޒާލްގެ ގޯލަށްފަހު މޫސަ އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކުރިއަށް އަރައި އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ބޭރަށް ދިޔައީ އަރިމަތީ ދަނޑިގައި ޖެހިފަ އެވެ.
މެޗުގެ ފަހު 10 މިނެޓުގައި ޕޮލިހުން ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. ކުރިއަށް ޖެހިލައިގެން ކުޅެ ރަނގަޅު ދެ ފުރުސަތެއް ވެސް ހޯދި އެވެ. އޭގެ ކުރިން އޭރިއާ ބޭރުން އާޔަތުﷲ އިބްރާހިމް ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވިއިރު، ނާޒިމް ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ޕޮލިހަށް ހުސް ދެ ފުރުސަތު ލިބުނެވެ. އަރިމަތިން މުހައްމަދު ހަލީމް ނަަގައިދިން ބޯޅަ ކޯނަރަކަށް ބޭރަށް ދިޔައީ ޕޮލިހުގެ އަހުމަދު ޝާނީޒް އެ ބޯޅަ ފޮނުވާލަން ލިބުނު ފުރުސަތުގައި ލަސްކޮށްލުމުންނެވެ. އޭގެ ފަހުން އެ ކޯނަރުން ހަލީމް ނަގައިިދިން ބޯޅަ ހުސްކޮށް ހުރި ނާޒިމް އަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު އަމީން އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް އެވެ.












