ރޭޑިއަންޓް މައްސަލައިގައި ފިޔަވަޅު އަޅަނީ އޭއެފްސީން އަންގާ ގޮތަށް: އެފްއޭއެމް

ރޭޑިއަންޓް މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ލީގަލް ހެޑް، ޖައުޝަން (ކ) ޖެނެރަލް ސެކްރެޓަރީ ޖަވާޒް (މ) އަދި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޝިބާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭޑިއަންޓް މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ލީގަލް ހެޑް، ޖައުޝަން (ކ) ޖެނެރަލް ސެކްރެޓަރީ ޖަވާޒް (މ) އަދި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޝިބާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ މި ވަގުތު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ "ސްޕޯޓިން ސަކްސެސާ" ގޮތުގައި އޭއެފްސީން ކަނޑައަޅާފައިވާތީ މި ވަގުތު ހާލަތު އޮތްގޮތުން ރޭޑިއަންޓަށް އެފްއޭއެމްގެ މުބާރާތެއްގައި ވާދަނުކުރެވޭނެ ކަމަށާއި އެއީ އޭއެފްސީގެ ލަފާގެ މަތިން އައި ނިންމުމެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެފްއޭއެމުން، ނިއު ރޭޑިއަންޓް ސަސްޕެންޑްކުރިއިރު، ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނިއު ރޭޑިއަންޓަށް ފިޔަވަޅު އަޅައިފަ އެވެ.

އެއީ އެ ކްލަބުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ތަކުރާރުކޮށް ފީފާ އިން ދިން ފުރުސަތުތަކުގެ ބޭނުންހިފާފައި ނުވާތީ އެވެ.

ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އިސްވެ، މިދިޔަ މަހު 10 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" ކްލަބެއްގެ ގޮތުގައި އޭއެފްސީން " "ފްލެގް" ކޮށްފައިވާއިރު، އިއްޔެ، އެފްއޭއެމާއި ރޭޑިއަންޓްގެ އިސް ފަރާތްތައް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާ އާއި އެކި މީޑިއާތަކުގައި ދައުރުވަމުން އަންނަ ހަބަރުތަކުގެ ސަބަބުން މައްސަލަ އިތުރަށް ތަފްސީލްކޮށް އޮޅުން ފިލުވައިދޭން އެފްއޭއެމުން މިއަދު ވަނީ ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖަވާޒް، މީޑިއާގެ ސުވާލުތަކަށް ޖަވާބުދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ބައްދަލުވުމުގައި ރޭޑިއަންޓާ ގުޅޭ މައްސަލައިގައި އެފްއޭއެމްގެ ހިއްސާ އޮތްގޮތުގެ ކަންކަން އޮޅުންފިލުވައިދޭން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ޓައިމްލައިނެއް ހިއްސާކޮށްފަ އެވެ.

ރޭޑިއަންޓް މައްސަލައިގައި އެފްއޭއެމުން މިއަދު ހިއްސާކުރި ޓައިމްލައިން:

10 މާޗް: ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވުނު، އޭރު އެފްއޭއެމާ ރޭޑިއަންޓްގެ މައުލޫމާތެއް ހިއްސާއެއް ނުކުރޭ. އެކަމަކު، ސޯޝަލް މީޑިއާގައި ރޭޑިއަންޓް ވަރަށް އެކްޓިވް، އެ ކްލަބްގެ މަގުސަދާއި ވުޖޫދަށް ގެނެވޭ ސަބަބު ވެސް ދިޔައީ ހާމަކުރަމުން.

15 މާޗް: އޭއެފްސީން "ފްލެގް" ކުރި. އެއީ ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމުގައި ކްލަބެއް ހެދިފައިވާ ކަމަށާއި އެއީ ނިއު ރޭޑިއަންޓްތޯ ކަށަަަވަރުކުރުމަށް. ފުރަތަަމަ، އޭއެފްސީން ނިންމީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސަކްސެސާއެއްގޮތުގައި އެއް ނޫން. ރޭޑިއަންޓްގެ މައުލޫމާތު ސާފުކުރަން އެދުނު. އެފްއޭއެމުން ނިންމީ އޭއެފްސީގެ އެދުމުގެ މަތިން މައުލޫމާތު ހޯދަން.

16 މާޗް: ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފައުންޑަރު، އަހުމަދު ވާސިފް އެފްއޭއެމާ ބައްދަލުކުރަން އެދުނު. އެ ދުވަހު ވާސިފްއާ ބައްދަލުކުރެވުނުއިރު، އެފްއޭއެމް އިން ހިއްސާކުރި އޭއެފްސީން މި ގޮތަށް "ފްލެގް" ކޮށްފައިވާ ކަމަށް. އެހެންވެ، އެފްއޭއެމުން އެދުނީ އިންތިހާބަކާ ހަމައަށް ދާއިރުގައި މި ހުރި ކަންކަން ހައްލުކުރަން. އޭއެފްސީ އަށް ރޭޑިއަންޓް ފްލެގްވި ގޮތުގެ މައުލޫމާތުތައް ރޭޑިއަންޓްގެ ފައުންޑަރާ ހިއްސާކުރެވުނު. އޭއެފްސީގެ އެކި ޑިޕާޓްމަންޓްތައް މި ފަދަ ކަންކަމަށް ފާރަވެރިވެގެން އެބަ އޮންނަ ކަމަށް އެންގުނު. ނިއު ރޭޑިއަންޓް ކިޔާ ކްލަބެއްގެ މުސާރަ މައްސަލަތަކެއް އޮތުމުން އެ ކަހަލަ ނަމެއްގައި އަންނަ އެހެން ކްލަބެއް ފްލެގް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފްއޭއެމުން ރޭޑިއަންޓްގެ ސަމާލުކަމަށް ގެނައި.

17 މާޗް: ރޭޑިއަންޓްގެ އިންތިހާބު ބޭއްވުނުއިރު، އެފްއޭއެމާއި ރޭޑިއަންޓްގެ ފައުންޑަރުގެ ބައްދަލުވުމުގައި ހިއްސާކުރެވުނު ކަންތައްތަކަށް ސަމާލުކަމެއް ދެވިފައިނުވާ ކަމަށް އެފްއޭއެމުން ގަބޫލުކުރެވޭ.

28 މާޗް: ރޭޑިއަންޓްގެ އިންތިހާބަށް ފަހު، އެފްއޭއެމަށް ރޭޑިއަންޓްގެ ލިޔެކިޔުންތައް ފުރަތަމަ ފަހަރަށް ލިބުނު. ރޭޑިއަންޓުން ހުށަހެޅީ އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރަކަށް ވުމަށް. އެއީ އެފްއޭއެމްގެ މުބާރާތްތަކުގައި ބައިވެރިވުމަށް. އެ ހިސާބުން އެފްއޭއެމުން ރޭޑިއަންޓްގެ މައުލޫމާތު އޭއެފްސީން އެދުނު ގޮތަށް ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ހޯދި. އެ ލިބުނު މައުލޫމާތު އޭއެފްސީ އަށް އެފްއޭއެމުން ހިއްސާކުރި.

13 އޭޕްރީލް: އޭއެފްސީން ބަލާ މިންގަނޑުތަކުން ގަބޫލުކުރެވެނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ކްލަބް ކަމަށް ކަނޑައެޅި. އެހެންވެ، އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރުކަން ރޭޑިއަންޓަށް ދެވެން ނެތް ކަމަށް ކަނޑައަޅަން ޖެހުނު.

19 އޭޕްރީލް: އޭއެފްސީން މި ކަމުގައި ނިންމި ނިންމުމާއި ރޭޑިއަންޓަށް މިކަމުގައި ދެން އޮތީ ކޮން ފުރުސަތުތަކެއްތޯ ކަނޑައަޅައި މަޝްވަރާކުރަން ބައްދަލުވުމެއް ބޭއްވުނު. އެކަމަކު، ބައްދަލުވުން ދިޔައީ ހީކުރި ގޮތާ ހިލާފަށް ކަމަށް އެފްއޭއެމަށް ގަބޫލުކުރެވޭތީ، ބައްދަލުވުން ޖެހުނީ ކުރުކޮށްލަން. ހުއްދައެއް ނެތި ބައްދަލުވުމުގެ ކަންކަން ކުއްލިއަކަށް ފޭސްބުކް ލައިވް ކުރުމަށް ވެސް ރޭޑިއަންޓުން މަސައްކަތް ކޮށްފައިވާ ކަަމަށް އެފްއޭއެމުން ބުނި.

20 އޭޕްރީލް: ރޭޑިއަންޓް މައްސަލައިގައި ކަންތައްތައް ހިނގާދިޔަ ގޮތް ކިޔައިދޭން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް، ލީގަލް ހެޑް، މުހައްމަދު ޖައުޝަން ޝަރީފް އާއި އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ކްލަބް ލައިސަންސިން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި، އަހުމަދު ޝިބާއު (ޝިބާ) ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި.

ރޭޑިއަންޓްގެ މައްސަލައެއް ކުރިމަތިވެދާނެކަން ދުރާލާ ވެސް ހިއްސާކުރިން: އެފްއޭއެމް

އެފްއޭއެމުން ބުނީ ރޭޑިއަންޓް މައްސަލައިގައި ކުރިމަތިވެދާނެ ކަންތައްތަކެއް ދުރާލާ އެ ކްލަބް ހިންގުމުގައި އުޅޭ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ގާނޫނީ ގޮތުން ގިނަ ކަންތައްތަކެއް ހިއްސާކުރައްވައި، ޖައުޝަން ވިދާޅުވީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" ކަމަށް ކަނޑައަޅާފައިވަނީ ފީފާ އާއި އޭއެފްސީން މި ފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ގަވާއިދުތަކަށް ފުރިހަމަ އަށް ބަލާފައި ކަމަށެވެ.

އެފްއޭއެމްގެ ލީގަލް ހެޑް ޖައުޝަން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެ ގޮތުން ރޭޑިއަންޓް މައްސަލައިގައި "ސްޕޯޓިން ސަކްސެސާ" ކަނޑައެޅުމުގައި ހޯދި ހޯދުމުގައި ފެނިފައިވަނީ ރޭޑިއަންޓްގެ ލޯގޯ އާއި ކްލަބްގެ ކުލަ އެއްގޮތް ކަންތައްތަކެއް ހުރި ކަމެވެ. އަދި ރޭޑިއަންޓް ހިންގުމުގައި މަގާމުތަކަށް އިންތިހާބުވެފައި ތިބި ފަރާތްތަކަކީ ނިއު ރޭޑިއަންޓްގެ އެންމެ ފަހުން އޮތް ބޯޑުގައި ވެސް މަސްލަަހަތު އޮތް ފަރާތްތަކަކަށް ވުމުން އޭއެފްސީ އަށް ޖެހުނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ގޮތުގައި ކަނޑައަޅަން ކަމަށް ޖައުޝަން ވިދާޅުވި އެވެ.

"އެއް ކަމަަށް ވުރެ ގިނަ ކަންކަން މީގެ އެބަހުރި އެއްގޮތް ނުވަތަ އެއްގޮތް ކަމަށް ބެލެވޭނެ. ފީފާ އާއި އޭއެފްސީން ބަލާ މިންގަނޑުން އޭއެފްސީން ނިންމާފައި މި ވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި،" ޖައުޝަން ވިދާޅުވި އެވެ.

"ސްޕޯޓިން ސަކްސެސާ އެއް މި އަންނަނީ ސަސްޕެންޑްވެފައި އޮތް، ނޫނީ ކުޅިވަރު ހަރަކާތްތަކުން މައްސަލަތަކެއްގެ ސަބަބުން އެކަހެރިކޮށްފައިވާ ޓީމެއްގެ ތެރެއިން، މިއީ ރަނގަޅަށް ހިނގަ ހިނގައި އޮންނަ ކްލަބެއްގެ ތެރެއިން އަންނަ ކަމެއް ނޫން،"

ސްޕޯޓިން ސަކްސެސާ އެއްގެ ގޮތުގައި ބެލޭ މިންގަނޑަކީ ދަރަންޏެއް އޮތުމުގެ ސަބަބުން ސަސްޕެންޝަނެއްގައި އޮތް ކްލަބެއްގެ މަސްލަހަތު އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެެރިވެގެން އެހެން ކްލަބެއް ވުޖޫދުކުރުމެވެ.

ފަހަކަށް އައިސް ގިނަ ގައުމުތަކެއްގައި އެއް ކްލަބެއް މާލީ ގޮތުން މައްސަލަތަކެއްގެ ތެރެއަށް ދޫކޮށްލާފައި، އަނެއް ކްލަބެއް ގެންނަ މައްސަލަ ހުއްޓުވުމަށް ،ފީފާ އިން ވަނީ 2019 ވަނަ އަހަރު ފީފާގެ ޑިސިޕްލިނަރީ ކޯޑަށް ބަދަލުތަކެއް ގެނެސްފަ އެވެ.

އޮންނަ އުސޫލުގެ ތެރެއިން "ސްޕޯޓިން ސަކްސެސާ"އެއްގެ ގޮތުގައި ކުރިއަށްދެވޭނީ ކުރިން އޮތް ކްލަބްގެ ދަރަންޏާ ހަވާލުވާނަަމަ އެވެ. މިހާލަތުގައި، މީގެ މާނަ އަކީ ރޭޑިއަންޓަށް ރަސްމީ ގޮތުން އެފްއޭއެމާއި އޭއެފްސީ ތެރެއިން އެފިލިއޭޝަނެއް ލިބިގެން މެމްބަރު ކްލަބެއްގެ ގޮތުގައި ކުރިއަށް ދެވެން އޮތީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވެގެންނެވެ.

ރޭޑިއަންޓްގެ ޗެއާމަނަކަށް ހުންނެވި ވާސިފް އާއި ހަޒާންދާރު ޒަހީނުއްދީން ސައީދު އަކީ އެންމެ ފަހުން އުވިދިޔަ، ނިއު ރޭޑިއަންޓްގެ ބޯޑުގައި ހިމެނޭ ފަރާތްތައް ކަމަށްވާތީ އޭއެފްސީ އަށް ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ކްލަބް ކަމަށް ބަލައިގަންނަން ފަސޭހަވި ކަމަށް ޖައުޝަން ފާހަގަކުރެއްވި އެވެ.

އެފްއޭއެމުން އިސްވެ، ރޭޑިއަންޓް މައްސަލައިގައި ކުރިއަށް ދެވޭނީ ކިހިނެއްތޯ ބަލަން މިއަދު ހެދުނު އޭއެފްސީގެ އޮފިޝަލުންގެ ކިބައިން އެދުނު އެއް ކަމަކީ ރޭޑިއަންޓް ބޯޑުގައި ތިބި ނިއު ރޭޑިއަންޓާ ގުޅޭ މީހުން މަގާމުން ވަކިވެ، ކްލަބްގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފިނަމަ މީގެ ފުރުސަތެއް އޮންނާތޯ އެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޝިބާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޝިބާ ވިދާޅުވީ އެ ގޮތަށް އެފްއޭއެމުން އެހުމުން އޭއެފްސީން އެންގީ އެ ހިސާބުން ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސަކްސެސާ ކްލަބަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަަވާން ބާރުލިބޭނެ ކަމަށެވެ. އެއީ މި ފަދަ ކަންކަމަކީ ކްލަބެއް ވުޖޫދުވެގެން، އިންތިހާބަކާ ހަމައަށް ދާއިރު، އުސޫލުގެ ތެރެއިން ހައްލުތަކެއް އައިސްފައި އޮންނަން ޖެހޭ ކަމަކަށް ވާންޖެހޭތީ އެވެ.

ރޭޑިއަންޓުން އައީ އޮގަސްޓް މަހު ބާއްވަން ނިންމާފައި އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޓީމެއް އެކުލަވާލަމުންނެވެ. ކޯޗުންނާއި ކުޅުންތެރިންނާ ކޮންޓްރެކްޓް ވެސް ހަދައިފި އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި އެއް ސުވާލަކީ ރޭޑިއަންޓަށް އެއްވެސް ސިފައެއްގައި އެފްއޭއެމްގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތްތޯ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް ވިދާޅުވީ މި ވަގުތަށް ފެންނަނީ އެ ފުރުސަތު ނެތް ގޮތަށް ކަމަށާއި އެކަމަކު، މަޝްވަރާކޮށްގެން އަދިވެސް މީގެ ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދިދާނެ ކަމަށެވެ. ޖަވާ ވިދާޅުވީ މިއީ ވަކި ބަޔަކާ ޖައްސާލައިގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގައި މުޅިން އަލަށް މި ފަދަ ކަމެއް ހިނގާތީ، މި ކަމާ ބެހޭ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތުމުން ދިމާވެފައިވާ ކަމެއް ކަމަށެވެ.

ރޭޑިއަންޓްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެފްއޭއެމުން އޭއެފްސީއާ ދެމެދު ކޮށްފައިވާ މުއާމަލާތު އެ ކްލަބަށް ލިޔެކިޔުމުން ހިއްސާކޮށްފައި ނުވުމެވެ.

ޖަވާޒް ވިދާޅުވީ ލިޔެކިޔުންތައް ހިއްސާކުރެވެން އަންނަނީ އޭއެފްސީން ވެސް އެކަމުގެ ހުއްދަ ދިނުމުން ކަމަށާއި އެ ހުއްދަ މިއަދު ހެދުނު ލިބިފައިވާތީ، ރޭޑިއަންޓުން ބޭނުންވާ ލިޔެކިޔުންތައް ހިއްސާކުރުމުގައި އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައި އޮތުމުން ރޭޑިއަންޓަށް ގާނޫނީ ހައިސިއްޔަތު އެބައޮތެވެ. އެ ކްލަބްގެ ހައްގު ހޯދުމަށް ވަކާލާތު ކުރާނެ ކަމަށް ކްލަބްގެ އޮފިޝަލުން ބުނެފައިވާއިރު، ޖައުޝަން ވިދާޅުވީ އެއީ އުސޫލުގެ ތެރެއިން އޮންނާނެ ފުރުސަތެއް ކަމަށެވެ.

އެ ގޮތުން ރޭޑިއަންޓް މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށްދާއިރު، ވިސްނަން ޖެހޭނީ އިންޓަނޭޝަަނަލް ޗާޓަރުގެ ތެރެއިން ކުރިއަށް ދިއުމަށް ކަމަށާއި ދަށު ކޯޓުތަކަށް ދިއުމުގެ ބަދަލުގައި އިންޓަނޭޝަނަލީ ބަލައިގަންނަަ ގަވާއިދުތަކުގައިވާ އާބިޓްރޭޝަން މަރުހަލާގެ ތެރެއިން ދިއުމަށް ކަމަށް ޖައުޝަންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެ ގޮތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދިއުމަކީ ވެސް މީގެ އޮތް ފުރުސަތެއްގެ ގޮތުގައި ޖައުޝަން އަލިއަޅުވާލި އެވެ.

ޖައުޝަން ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ކޯޓުތަކުން ވެސް އަމަލުކުރަމުން އަންނަނީ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތަކުގައި ހިމަނާފައިވާ ގޮތަށް ކުޅިވަރު ކަމެއްގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި ޖެހޭ މައްސަލަތަކުގައި ހައްލު ހޯދަން ޖެހޭނީ ސްޕޯޓްސް އާބިޓްރޭޝަން ތެރެއިން ކަމަށެވެ. އެ ގޮތުން މީގެ ކުރިން ކުޅިވަރާ ގުޅޭ ކަންކަމުގައި ރާއްޖޭގެ ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތުން ހެކި ފެންނަން ހުންނާނެ ކަމަށް ޖައުޝަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox