ލ. އަތޮޅުގެ ފަޅު ރަށެއްގައި ފުރޮޅިފައި ތިއްބާ ފެނުނު ފަސް ވެލާ ސަލާމަތްކޮށް އެ ވެލާތައް ރައްކާތެރިކަމާއެކު ކަނޑަށް ދޫކޮށްލައިފި އެވެ.
އަތަހެނދާ ނަމަކަށްކިޔާ ފަޅުރަށެއްގައި އެ ވެލާތައް ފުރޮޅާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ވެލާތައް ސަލާމަތްކުރުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު ރިސޯޓު، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
އެކަމުގައި ހަރަކާތްތެރިވި އޮލިވް ރިޑްލީ ޕްރޮޖެކްޓުން ބުނީ ވެލާތައް އަތަހެނދާއިން ފެނިފައިވަނީ ގުދުރަތީ ގޮތުން އެ ސޮރުމެން ތިބޭ ގޮތާ މުޅިން ހިލާފަށް އިދިފުށަށް ޖެހި ހަރަކާތް ހުސްވެފައި ތިއްބަ އެވެ.
އެތަނުން ޖުމްލަ ފަސް ވެލާ ފެނުނުއިރު އެ ހުރިހާ ވެލާއަކީ ވެސް އުމުރުފުރިފައިވާ ވެލާތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެ ވެލާތައް ފެނިފައިވަނީ ރަށުގެ ރާޅުޖަހާ ސަރަހައްދާއި ތިން މީޓަރު އެތެރެވަރިން އަތިރިމަތިންނެވެ.
ވެލާތަކަށް އެހެން މެދުވެރިވާންވީ ސަބަބެއް އެނގޭކަށް ނެތެވެ. އަދި އެސޮރުމެން ފެނުނުއިރު، އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ހުރިކަމެއް ވެސް އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ފަރާތުން ނުބުނެ އެވެ. އާންމުކޮށް ވެލާ ފުރޮޅުމުގެ ކަންކަން ކުރިމަތިވަނީ ރާޅާއެކު އެއްގަމަށް އެރުމުގެ ތެރެއިންނެވެ.

ނަމަވެސް ބައެއް ފަހަރު އިންސާނުންގެ ފުށުން ވެސް އެސޮރުމެންނަށް އެފަދަ ގޯނާތަކާއި ކުރިމަތިވެ އެވެ.

އަތަހެނދާއިން ފެނުނު ވެލާތައް ސަލާމަތްކުރުމުގެ ތެރެއިން. ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް
އެގޮތަށް ފުރޮޅިއްޖެނަމަ، އަނބުރާ ކޮޅަށް ޖެހުމަކީ އެސޮރުމެންނަށް އުނދަގޫކަމަކަށްވުމުން، އެސޮރުމެން ބައެއް ފަހަރު އެ ހާލުގައި މަރުވެގެން ދެ އެވެ.
ވެލާތައް ފެނުނު އަތަހެނދާ ނުވަތަ އަތަހެނދު ރަށަކީ ލ. އަތޮޅުގެ ހުޅަނގު ދެކުނު ބިތަށްވާ ގޮތަށް އޮންނަ ތިން ވަރަކަށް ހެކްޓަރުގެ ކުޑަ ފަޅު ރަށެކެވެ.
އެ ރަށް އޮންނަނީ 2012 ވަނަ އަހަރުއްސުރެ ލ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. އެ ރަށާ ޖެހިގެން ގިނަ ފަޅު ރަށްތަކެއް އޮންނައިރު، އެންމެ ކައިރީގައި އޮންނަ ރިސޯޓަކީ ރަހާ ރިސޯޓެވެ. މީހުން ދިރިއުޅޭ އެންމެ ކައިރި ރަށަކީ ލ. މާވަށެވެ.

އަތަހެނދާއިން ސަލާމަތްކުރި ވެލައެއް މޫދަށް ދޫކުރަނީ. ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް
ވެލާ އަދި ކަހަނބަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އެސޮރުމެންނަށް ގޯނާކޮށް އަނިޔާކުރާ މީހުންނަށް ބޮޑެތި ޖޫރިމަނާކުރުމަށް ގާނޫނުން ތަންދެ އެވެ.
ނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވެލާ ކަހަނބު ހިފައި، ކައި ހަދާކަން ފާހަގަކުރެވެ އެވެ. އަދި އެ ސޮރުމެންގެ ބިސް ނަގާ މައްސަލަތައް ވެސް ފެންމަތިވެ އެވެ.












