މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްއާ 1-1 އިން އެއްވަރުކޮށް ހުޅުމާލެ ވެޓެރަންސް ކްލަބުން ފައިނަލުގެ ޖާގަ ޔަގީންކޮށްފި އެވެ.
ލީގު ބުރުގެ އެއް ވަނައިގައި ހުޅުމާލެ ވެޓެރަންސް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސޮކަ މޭޓްސް އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.
ސޮކަ މޭޓްސް އާއި ދަ ގްރާންޑޭ އަށް ބާކީ ދެ މެޗު އޮތް ނަމަވެސް ދެ ޓީމަށް މިހާރު ޕޮއިންޓުގެ ގޮތުން ހުޅުމާލެ ވެޓެރަންސް ފަހަތަށް ޖައްސައިލެވޭނެ ފުރުސަތެއް ނެތެެވެ. ދަ ގްރާންޑޭ އަށް ވުރެ ޕޮއިންޓުގެ ގޮތުންކުރިއަށް ދިއުމުގެ ފުރުސަތު އޮތީ އެތަނުން އެއް ޓީމަކަށެެވެ. ހުޅުމާލެ ވެޓެރަންސް އަށް ލީގު ބުރުގައި ނުކުޅެ ދެން އޮތީ ދިވެހި ސިފައިންގެ ކްލަބް މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް ހުޅުމާލެ ވެޓެރަންސް ފައިނަލުގައި ވާދަކުރާނެ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ގޯލު ޖަހަން ފުރަތަމަ ހުސް ފުރުސަތު ލިބުނީ ސޮކަ މޭޓްސް އަށެވެ. އެ ޓީމުގެ މުހުތާރު ނަސީރު (ޓޫކިލޯ) ޖެހި ހިލޭ ޖެހުން ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ސޮކަ މޭޓްސް އޭރިއާތެެރެއިން ހުޅުމާލެ ވެޓެރަންސްގެ އިސްމާއިލް މުހައްމަދު (އިއްސެ) އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

ސޮކަ މޭޓްސްގެ ފައިސަލް (ކ) އާއި އައްމަޓީ (ވ) ކައިރިން ހުޅުމާލެ ވެޓެރަންސްގެ އިއްސެ ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސޮކަ މޭޓްސް އިން މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނެގީ އަހުމަދު މަމްދޫހު ޖެހި ގޯލުންނެވެ. މިއީ އޭރިއާބޭރުން ޓޫކިލޯ ޖެހި ޝޮޓެއް މަމްދޫހު ބޮލުގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލަށް ވަން ބޯޅައެކެވެ. އެ ބޯޅަ ހުއްޓުވަން ހުޅުމާލެ ވެޓެރަންސް ކީޕަރު މުހައްމަދު ޝިނާން (ނާނި) އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މި ގޯލަށް ފަހު ވެސް ސޮކަ މޭޓްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، އެ ޓީމަށް މައްސަލަ ދިމާވި ޓޫކިލޯ ފަޔަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.
ހުޅުމާލެ ވެޓެރަންސް އިން ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން އެ ޓީމުގެ އިއްސެ ބޮލުން ފޮނުވާލި ބޯޅައެއް ސޮކަ މޭޓްސްގެ ކީޕަރު ހުސެއިން ހަބީބް މަތަކުރި އެވެ. އަދި އޭގެ ފަހުން ހުޅުމާލެ ވެޓެރަންސްގެ އަހުމަދު ޝާހިދު ޖެހި ބޯޅައެއް ދިޔައީ އަރިމަތިން ބޭރުންނެވެ.
މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ހުޅުމާލެ ވެޓެރަންސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ އިއްސެ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އިއްސެ މި ގޯލު ޖެހީ އެ ޓީމުގެ އަބްދުﷲ ސުޖާއު (ސުޖާ) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުންނެވެ.
ހުޅުމާލެ ވެޓެރަންސް އަށް މެޗުން މޮޅުވާން ލިބުނު ފުރުސަތުގައި އިއްސެ އަށް ދިނުމުގެ ބަދަލުގައި ސުޖާ ގޯލަށް ފޮނުވާލިއިރު، ކީޕަރު ހަބީބް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. އެ މެޗު ފަށާނީ 16:30 ގަ އެވެ.












