ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު އިތުރުކުރުމަށް ބާއްވާ "ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގެ އިތުރު ހަރަކާތެއް އަންނަ މަހު މާލޭގައި ބާއްވަން ނިންމައި، އެ ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ ހަރަކާތް މިފަހަރު ބާއްވަން ހަމަޖެހިފައިވަނީ މޭ 22-28 އަށެވެ. އެ ބެޗުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން މިހާރު ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމަށް އޮތް ފަހު މުއްދަތަކީ މިމަހުގެ 30 އެވެ.
ޕްރެކްޓިސް ޕާލިމެންޓު ހަރަކާތަކީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ރަނގަޅަށް ދަނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލާން ހިތްވަރުދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުންޏެވެ. އަދި، މަޖިލީހުގެ ސިޔާސަތުތަކުގައި ހުރި އުނިކަންކަން ދަނެގަނެ އެކަންކަން ބަދަލުކުރުމަށް މަސައްކަތްކުރާ ހަރަކާތެެއް ކަމަށް ވެސް ބުންޏެވެ.
އެ ހަރަކާތުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިޔާސަތުތަކާއި މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތުގައި މައުލޫމާތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުރި ޝައުގުވެރިކަމާއި ތަޖުރިބާ އަދި އަންހެނުން ކުރިއަރުވާ ކޮމިޓީފަދަ ޖަމިއްޔާތަކުގައި ހަރަކާތްތެރިވެެފައިވާ މިންވަރަށް ބެލޭނެކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ.

އަދި, ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކި ޖާގަތަކެއް ކަނޑައެޅިފައިވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ. އިޝާރާތުން ވާހަކަދެއްކުން އަދި ތަރުޖަމާކުރުން ފަދަ އިތުރު އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެ ހަރަކާތުގެ ތެރެއިން އެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ.
ޝަރުތު ހަމަވާ މީހުންނާ ފޯނުން އިންޓަވިއުކުރާއިރު، ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކުރިމަތިލަ މީހުންގެގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 40 ފަރާތަށް ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ.
އެ ޕްރޮގްރާމުގެ ދެވަނަ ބެޗެއް ވެސް ރާވާފައިވާއިރު، އެ ބެޗުގައި ބައިވެރިވުމަށް އޮގަސްޓު މަސް ތެރޭ ހުޅުވާލާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ.
މީގެ ކުރިން ވެސް އެފަދަ ޕްރޮގްރާމެއް ބޭއްވިއިރު އެ ޕްރޮގްރާމްގައި ފަސް އަތޮޅަކުން ޖުމްލަ 48 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.












