ސިޓީބިޓީ: ފުރާނަ މުޅިންއެކީ ގުރުބާން ކުޅައިމާވެސް ނުފުދުނީތޯ؟

ސިޓީބިޓީ: ފުރާނަ މުޅިންއެކީ ގުރުބާން ކުޅައިމާވެސް ނުފުދުނީތޯ؟

ދިވެހިންނަކީ އަންހެނުންނަށް ޝުކުރު އަދާކުރުމުގައި ލާމަސީލު ނަމޫނާއެއް ދައްކާ ބައެކެވެ. ބައެއް މީހުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ބާއްވާ ހަފުލާތަކުގައި ދޭ ތަގުރީރުތަކުގައާއި، ޓީވީ ޕްރޮގްރާމްތަކުގައި، އަދި އެވޯޑް ހަފްލާތަކުގައި އަންހެނުންނަށް ތަޢުރީފުކޮށް އަމުނާލާ ޅެންތަކާއި، ލަވަތަކާއި، މިސާލުބަސްތަކުގެ ފަށުވިކަމުން މައިކުވެސް ތުރުތުރު އަޅައެވެ. މައިންނަށް އެމީހުންގެ ގުރުބާނީތަކަށް، އަނބިންނަށް އެމީހުންގެ ކެތްތެރިކަމަށް، އަދި އަންހެން ދަރިންނާ މެދު "ފަހުރުވެރިވާތީ" ޝުކުރު އަދާކުރެއެވެ. މިފަދައިން އަންހެނުންގެ އަގު ވަޒަންކުރުމަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކީ ހިންގާ ގައުމީ ސިނާއަތެކޭ ބުނެވޭހާ ފުޅާކޮށް، އަދި އެހާމެ ފުރިހަމައަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެހެން ނަމަވެސް، މި ޝުކުރުވެރިކަމުގެ ސަގާފަތުގެ ފަހަތުގައި ފޮރުވިފައިވާ ތަފާސްހިސާބުތަކުން ދައްކުވައިދެނީ މުޅިން ތަފާތު މަންޒަރެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހަދާފައިވާ ސަރވޭ ތަކުން ދައްކާގޮތުން ރާއްޖޭގައި، މުސާރަ ނުލިބޭ ގޭތެރޭގެ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް އަދިވެސް ކުރަނީ އަންހެނުންނެވެ. ޑުއަލް އިންކަމް ނުވަތަ ދެމީހުންވެސް މަސައްކަތަށް ނިކުންނަ ގޭބީސީތަކުގައި ވެސް މިކަން އޮތީ މިހެންނެވެ. ދިވެހި އަންހެނުންގެ ހެޔޮފުޅުކަމުން އެއްވެސް ޝަކުވާއެއް އަދި އަރާމެއް ނެތި އަންހެނުންގެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވެގެން ދެމުން އަންނަ "އޯލް އިންކްލޫސިވް" ކެއަރ ޕެކޭޖެކެވެ. މި ހުރިހާ ކަމެއް ކުރަމުންވެސް އަންހެނުން ދަނީ ޔުނިވަރސިޓީތަކުން ގްރެޖުއޭޓްވެ، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި މިނިސްޓްރީތައް ހިންގައި، ބޯޑުރޫމްތަކުގެ ޗެއާޕާސަންކަންވެސް ކުރަމުންނެވެ. މަތިމަތިން ބަލާލައިފިނަމަ ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމުގައި ދެވޭނެ އެންމެ މަތީ ފަންތިއަށް ރާއްޖެއަށް ދެވިއްޖެއޭ ހީވެދާނެއެވެ. މިކަންކަމަށް މިއަށްވުރެ ފުން ނަޒަރަކުން ބަލައިލަމާތޯއެވެ.

ދިވެހި އަންހެނެއްގެ އާންމު ދިރިއުޅުމުގެ ދުވަހެއްގައި ކޮށްލާ މަސައްކަތްތައް ފަސޭހަކަމާއެކު އެޑްވާންސްޑް ލޮޖިސްޓިކްސް އޮޕަރޭޝަނެއްގެ ގޮތުގައި ޝަރުތު ހަމަވާނެ އެވެ. ފަތިހުގެ ކުރިން ހޭލައިގެން އެނދު ތަންމަތި އަޅާ، ގޭގައި އުޅޭ އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، ކުދިން ފެންވަރުވައި، އެކުދިން ސްކޫލަށް ފޮނުވައި، އަދި އޭގެ ފަހުން ފުލްޓައިމް ވަޒީފާއެއް އަދާކޮށް، ދެން އެނެއްކާވެސް ގެއަށް އައިސް އިގްތިސާދީ މާހިރުން ކިޔާ "ދެވަނަ ޝިފްޓް" ފަށައެވެ. އުމުރުން ދުވަސްވެފައިވާ އަދި އެނޫންވެސް އަޅާލުން ބޭނުންވާ ގާތްތިމާގެ މީހުން ބެލެހެއްޓުމުގެ ކަންކަންކޮށް، ދަރިންގެ ހޯމްވަރކްގެ ކަންކަން ނިންމައި، ރޭގަނޑުގެ ކެއުން ކައްކާ، ތަށި ދޮވެ، އެންމެންގެ އަންނައުނު ދޮވެ، ގޭތެރެ ސާފުކޮށް، ދޭތެރެ ދޭތެރެއިން ތަފާތު ކޮށްލުމުގެ ގޮތުން ތަނެއްގައި އިށީނދެލައިގެން އިނދެ ގެއަށް ގަންނަންޖެހޭ އެއްޗެހީގެ ލިސްޓެއް ހަދާލައެވެ. އަންހެނުން ކުރާ ހުރިހާ ކަމެއް ހަމައެކަނި ކުރު އިބާރާތަކުން ލިޔުނަސް ހައެއްކަ ސަފުހާވެސް ނުފުދޭނެތީ މި ހިސާބުން ކުރުކޮށްލަމެވެ. އެންމެ އަޖައިބުކުރުވަނިވި ކަމަކީ އެ ހުރިހާ ކަމެއް އެކަނި ކުރާތީއެއް ނޫނެވެ. އަޖައިބު ވަނީ ވަރުބަލިކަމެއް ނެތި އެ ހުރިހާ ކަމެއް ކުރާއިރު، އަދިވެސް ތަޢުރީފު އޮހެނީ ދޭތެރެއަކުން އަމިއްލައަށް ކެއި ތަށި ސިންކާ ހަމައަށް ގެންގޮސްލާ ފިރިހެނުންނަށް ކަމަށް ވާތީއެވެ. ފިރިހެނުންގެ ޒިންމާއަކީ އަމިއްލަ ގެއާއި ޢާއިލާއަކީ ދޭތެރެއަކުން ހަނދާން ނެތޭ ގްރޫޕް ޕްރޮޖެކްޓެއްހެން ދޭތެރެ ދޭތެރެއިން "ކަމެއް ބޭނުންވޭތަ؟" އަހާލުމެވެ.

Advertisement

އެހެން އިވިލާ ދެތިން ޖުމުލައިން މުޅިން ހިތް ހަމަ ޖެހޭނެތޯ؟

މިހެން އިނދެ ފީވެގެން ކަށިތައް ދިއަސް އުފަލެއް ލިބޭނެތޯ؟

މި މުސާރަ ނުލިބޭ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މުޅި އިގުތިސާދު ހިފަހައްޓާފައިވާ މައި އެއް ތަނބެވެ. މިކަން ވެސް ފެންނާނީ ތަނބު ބިންދައިގެން ގޮސް ވެއްޓޭ ހިސާބުންނެވެ. އޭގެ ކުރިން އަންހެނުންނަށް އޮތް ހަމައެކަނި ގޮތަކީ ހިނިތުންވެލައިގެން ތިބެ، މިފަދަ މަސައްކަތްތަކުގެ ބުރަ ގިނިކަންޏާ އުފުލަމުން ގެންދިއުމެވެ. ކެތްތެރިކަމާއެކު، އަދި އެންމެ އެދެވިގެންވާ ގޮތުގައި ޝަކުވާއެއްވެސް ނެތިއެވެ. ތިން ޖީލެއް ބެލެހެއްޓުމުގައި މުސާރަ ނުލިބޭ މަސައްކަތްތައް ކުރާ އަންހެނުންނަށް މި މަސައްކަތްތައް ކުރަން ނުސީދާކޮށް މަޖުބޫރު ކުރަނީ "ގުދުރަތީ ގޮތުން އެކަމަށް މޮޅު" ކަމަށް ބުނެއެވެ. އަންހެނުންނަށް ކުރަން މަޖުބޫރު ކުރުވާ މިފަދަ މަސައްކަތްތައް އަންހެނުންނަށް ފޯރުކޮށްދެނީ އާއިލީ ރެސިޕީތަކެއް ފަދައިންނެވެ.

ދިވެހި އަންހެނުންގެ ތެރެއިން ލޭބަރ ފޯސްގައި ހިމެނެނީ އާބާދީގެ ނިސްބަތުން މަދު ބައެކެވެ. އަދި މީގެ ތެރެއިންވެސް ގިނަ އަންހެނުން މަސައްކަތް ކުރަނީ އިންފޯމަލް ސެކްޓަރުގައެވެ. މި ސެކްޓަރުގައި މަސައްކަތްތެރީންނަށް ދެވޭ ހިމާޔަތްތަކާއި ހައްގުތަކަކީ އިހުތިޔާރީކޮށް އޮންނަ ކަންކަމެވެ. މި އަދަދު ތަކުގައި ނުހިމެނޭ ބާކީ ތިބި އަންހެނުން ތިބީ އެހެން އެންމެންނަށް ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދިނުމުގައި އަވަދިނެތިއެވެ.

ގައުމުގެ އިގުތިސާދީ ކަންކަމާއި ސީދާ އަންހެނުންނާ ގުޅުން ހުރި ނިންމުންތައް ނިންމުމުގައި މިއިން އެއްވެސް ކަމަކަށް ބަލާ ނުލައެވެ. އެހެންކަމުން، ޕޮލިސީ ލޭންޑްސްކޭޕްގައި ވެސް ފެންނަނީ ހަމަ އެ ސެލެކްޓިވް މޮޑަނިޓީ އެވެ. ސިވިލް ސަރވަންޓުންނަށް މިހާރު ލިބެނީ ހަ މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި އެއް މަސް ދުވަހުގެ ޕެޓަރނިޓީ ލީވްއެވެ. މުހިންމު އިސްލާހެކެވެ. އެކަމަކު ޕްރައިވެޓް ސެކްޓަރުގައި އަދިވެސް ގާނޫނުގައި އޮތްގޮތުން ދޭން މަޖުބޫރުވާ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަކީ މަސައްކަތު 60 ދުވަހެވެ. ކުރިމަގުގައި ގައުމީ އުފެއްދުންތެރިކަން އިތުރުކުރަން ލޭބަރ ފޯސްއަށް ނިކުންނާނެ ރައްޔިތަކު އުފަންކޮށް، ވިހެއުމުގެ ހުރިހާ ބުރައަކުން ޝިފާ ލިބި، ޝުކުރުވެރިކަމާއެކު ހިނިތުންވެލާފައި މަސައްކަތަށް އެނބުރި ދިއުމަށް ދީލަތި ވަގުތެކެވެ. އަނެއްކޮޅުން ފިރިހެނުންނަށް ލިބޭ ޕެޓަރނިޓީ ލީވް އަކީ ތިން ދުވަހެވެ. ބައްޕައަކަށް ވުމުގެ ބުރަ ތަޖުރިބާއިން އަރާމުކޮށްފައި، ހަގީގީ ފިރިހެންވަންތަ ޒިންމާތަކަށް އެނބުރި ދިއުމުގެ ކުރިން އަލަށް އުފަންވި ދަރިފުޅާއެކީ ސެލްފީއެއް ނަގާފައި ޕޯސްޓް ކުރަން ފުދޭވަރުގެ ވަގުތުކޮޅެކެވެ. ދަރިފުޅަށް ނަމެއް ކިޔާލަންދެންވެސް މަޑުކޮށްލެވޭކަށް ނެތެވެ. މީގެ ސަބަބުން ގިނަ ފިރިހެނުންނަށް ދަރިންނަށް ކިޔާ ނަން އެނގި ނަމަށް ފަރިތަވަނީވެސް އެތައް ދުވަހެއް ފަހުންނެވެ. މިކަމުން މި ދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟ ދަރިން ބެލުމުގެ ޒިންމާއަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެކެވެ. ފިރިހެނުން ނިސްބަތްވަނީ ބޯޑުރޫމްތަކަށް ކަމަށާއި އަންހެނުން ނިސްބަތްވަނީ ވިހާ ކޮޓަރިތަކަށެވެ. އަދި މާގިނައިރު އަމިއްލަ ދަރިއަކު އުރާލައިގެން އުޅޭތަން ފެންނަ ކޮންމެ ފިރިހެނަކީ ވަޒީފާއެއް ނެތް "ލާޗާރު ބިޗާރު" މީހެއް ކަމެވެ.

މުސާރަ ނުލިބޭ ކެއަރ މަސައްކަތްތަކަކީ "އަންހެނުންގެ މައްސަލައެއް" ނޫނެވެ. އެއީ މުޅި އިގްތިސާދީ ނިޒާމުގެ މައްސަލައެކެވެ. އަންހެނަކު ކެއްކުމާއި، ތަންތަން ސާފުކުރުމާއި، އެހެންމީހަކަށް އަޅާލުމުގައި ހޭދަކުރާ ކޮންމެ ގަޑިއަކީ އަމިއްލަ ސިއްހަތަށް ބެލުމާއި، އާމްދަނީ ހޯދުމާއި، އިންވެސްޓްކުރުމާއި، ފައިނޭންޝަލް އިންޑިޕެންޑެންސްއަށް ހޭދަނުކުރާ ވަގުތުތަކެވެ. އޭނާގެ ވަގުތު ގޭބީސީތަކާއި ގައުމީ އިގްތިސާދާއި ފިރިހެނުންގެ ކެރިއަރ ޓްރެޖެކްޓަރީތަކަށް ވާގިވެރިވެއެވެ. އަދި މިއީ ތަފާސްހިސާބު ތަކުން ފެންނަން ހުންނަ ކަންކަމެއް ނޫނެވެ. ބަޖެޓްތަކާއި ގައުމީ ޕްލޭނިންގގައި މުސާރަ ނުލިބޭ މަސައްކަތްތަކަށް އަޅާނުލާއިރު، އަޅުގަނޑުމެން މިދަނީ އަންހެނުންނަށް ހުރިހާ ޢާއިލީ ޒިންމާއެއް އައުޓްސޯސްކޮށް، އެމީހުންގެ ބުރަ މަސައްކަތުން ބިނާކުރި ސިޑިން އަރަން މާ ވަރުބަލިވެފައި ތިބީތީ އެކަމަށް އަދަބު ދެމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ބަލާއިރުވެސް ދިވެހި އަންހެނުންގެ ހާލަތު ވަރަށް ދެރައެވެ. ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސް 2025ގައި ދިވެހިރާއްޖެ އޮތީ 148 ގައުމުގެ ތެރެއިން އިންޑިއާއަށް ވުރެވެސް ފަހަތުގައި 138 ވަނައިގަ އެވެ. ހޯދިފައިވާ ގިނަ ކުރިއެރުންތަކަކީ ކޮސްމެޓިކް ނުވަތަ ހަމައެކަނި މަތިމަތިން ފެންނަ ކަންކަމެވެ. އިގުތިސާދީ ބައިވެރިވުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ އަޑު ހުރީ ކުރިންވެސް ހުރި ހިސާބުގައެވެ.

މިކަން މިގޮތަށް ދެމެހެއްޓިގެން ދަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މި ހުރިހާ ކަމެއް ފޮރުވޭ ވަރަށް ފުނިފުންޏަށް އަންހެނުންނަށް އޮއްސާލާ ތަޢުރީފުގެ ސަބަބުންނެވެ. ދެވަނައެއް ނެތްހާ ވަރުގަދަ، ބަޔާންކުރެވެން ނެތްހާ ކެތްތެރި، ވަރުބަލިކަމެއް ނެތި އަބަދުމެ ހިދުމަތުގައި ތިބޭ ފަހުލަވާނުންނަށް ހަދާފައި ވީތީއެވެ. އަންހެނުންގެ ކެތްތެރިކަމަށް ތައުރީފުކޮށް، އެމީހުންގެ އަޑު ބިމާހަމައަށް ނުފޯރާހާ މައްޗަށް އަންހެނުންގެ ދަރަޖަ އޮތީ އުފުލާފައެވެ. އެހެންވީމާ އަންހެނުންގެ އުދާސްތަކުގެ އަޑެއްވެސް ނީވޭނެތާއެވެ.

އެހެން ބައެއް ގައުމުތަކުން މިކަމަށް ހައްލެއް ހޯދައިފިއެވެ. އެމީހުން ވަނީ ނޮން ޓްރާންސްފަރެބަލް ޕެޓަރނިޓީ ލީވް ތައާރަފުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ޝެއަރޑް ކެއަރގިވިން އަށް ހިތްވަރުދީ، ކުރިއަރަމުން އަންނަ އިގުތިސާދެއް ބިނާވެފައިވަނީ އެއް ޖިންސެއްގެ ވަރުބަލިކަމުގެ މައްޗަށް ނޫންކަން ދެނެގަނެފައެވެ. އެކަމަކު ރާއްޖޭގައި ޕޮލިސީ ހަދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުން ދިވެހި އަންހެނުން އެތަކެއް އަހަރުތަކެއްވަންދެން ތަހައްމަލުކުރަމުންދާ ވޭންތަކުގެ އަޑަށް ދެނީ ބީރު ކަންފަތެކެވެ.

ކުރާހާ ދަތިއަސަރުތައްލިޔެ ބަޔާންކޮށް އެރުވިދާނޭތޯ؟

ފުރާނަ މުޅިންއެކީ ޤުރުބާން ކުޅައިމާވެސް ނުފުދުނީތޯ؟

މި ހުރިހާ ކަމެއް މިހެން އޮވެފައި، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ އަޅުގަނޑުމެން އަންހެނުންނަށް އަދާކުރަން ޖެހޭ ހުރިހާ ދަރަންޏެއް އަދާ ކުރާ ދުވަހެވެ. އޮފީސްތަކުން ކަޕްކޭކް ބަހާ، މާ ފިހާރަތަކުން މާބޮނޑިތައް ވިކި ހުސްވެއެވެ. އަދި މި މާބޮނޑިތައް ހިފަހައްޓައިގެން ތިބޭ ފިރިހެނުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި އުޖާލާކަމުންވެސް މީހެއްގެ ހިތް ފުރޭނެއެވެ. ގޭގައި ހުރި ދޮންނަ މެޝިން ދުވަހަކު ލޮލަށް ނުފެނުނު ނަމަވެސް އަންހެނުންގެ ހިތްވަރުގަދަކަމާ ބެހޭ ފުރިހަމަ ޕޯސްޓަރުތައް ހޯދާލާ ފިރިހެނުންގެ ޕޯސްޓުތަކުން ސޯޝަލް މީޑިއާ ފުރާލައެވެ. އެ ދުވަހު ހިނގާ 24 ގަޑިއިރު އެންމެންވެސް ތިބެނީ އަންހެނުންގެ ހައްގުގައި ހަނގުރާމައަށް ނިކުންނަންވެސް ފަސް ނުޖެހޭނެހާ ޖޯޝުގައެވެ. އޭގެ ފަހުން މާތައް ވިއްސި ވިހާލިވެ، ޕޯސްޓަރުތަކުގެ ކުލަތައް ފަނޑުވެ، ކެޕްޝަންތަކާއި އިންސްޓަގްރާމަށް ލީ ސްޓޯރީ ތަކުގެ މުއްދަތު ހަމަވެ، އަނެއް ދުވަހު އަރާ އިރާ އެކީ އަނެއްކާވެސް އަންހެނުން އެމީހުންގެ ދެވަނަ ޝިފްޓް ފަށައެވެ.

މި ކަންކަމަށް ދާއިމީ ހައްލެއް ހޯދަން އަޅުގަނޑުމެންނަށް ބޭނުންވަނީ ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއި މޮޓިވޭޝަނަލް ހެޝްޓެގްތަކަށްވުރެ މާ ބޮޑެތި ކަންކަމެވެ. ސީދާ އަންހެނުންނަށް އޭގެ އަސަރު ފޯރާ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރާށެވެ. ހަ މަސް ދުވަހުގެ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއާއި ޕެޓަރނިޓީ ލީވަށް ގެނެވުނު އިސްލާހު ޕްރައިވެޓް ސެކްޓަރަށް އިތުރުކޮށް މިއަށްވުރެ ފުރިހަމަ ނިޒާމެއްގައި މަޖުބޫރު ޕެޓަރނިޓީ ލީވް ތައާރަފުކޮށް އަންހެނުންނާއި ފިރިހެނުން ގުޅިގެން ޢާއިލީ ޒިންމާ އަދާ ކުރާ ނިޒާމެއް ގާއިމު ކުރާށެވެ. އަދި އަންހެނުންނަށްވެސް އަރާމުކުރުމަށް ވަގުތު ލިބޭނެ ނިޒާމެއް ގާއިމުކުރާށެވެ. ދަރިން ބެލުމުގެ ޒިންމާ އަދާކުރާ މީހުންނަށް ބައެއް ދުވަސް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެ މަގު ފަހި ކުރާށެވެ. މާމައާއި ކާފައިން އަބަދުމެ ސްޓޭންޑްބައިގައި ހުންނަން ނުޖެހޭ ގޮތަށް ދަރިން ބެލޭނެ ނިޒާމުތައް ބިނާކުރާށެވެ. މުވައްޒަފުންނަކީ އޮފީސް މާހައުލުން ބޭރުގައި އާއިލާތަކެއް ތިބި ބައެއްކަން ދަނެގެން މަސައްކަތާ ބެހޭ ސިޔާސަތުތައް ފަރުމާކުރާށެވެ.

އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި ޒަމާންވީ ބައެއް އާދަތައް ވެސް ބަދަލު ކުރަން ޖެހެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރާ ނަމަ، އެކަމުގައި ގެންގުޅޭ ސެންޓިމެންޓަލިޓީ ނައްތާލާށެވެ. ކޮންމެހެން މާބޮނޑި ދޭން ބޭނުންވާނަމަ އެ ދީފައިވިޔަސް އެއާ އެކީ ހެޝްޓެގްތަކުގެ ބަދަލުގައި ގާނޫނުތަކާއި އަންހެނުންނާ ގުޅޭ ޕޮލިސީތަކަށް ހެޔޮ ބަދަލު ގެންނާށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން އަންހެނުން ކުރާ މުސާރަ ނުލިބޭ މަސައްކަތްތަކާ ބެހޭ ޑޭޓާ އެއްކުރާށެވެ. އެހެނީ އަޅުގަނޑުމެން ނުގުނާ އެއްޗެއް، އަޅުގަނޑުމެން އަގު ނުކުރަމެވެ. އަދި އަޅުގަނޑުމެން އަގު ނުދޭ މިފަދަ މަސައްކަތްތަކަކީ އަންހެނުންނަށް އަގެއް ނެތި ކުރަން މަޖުބޫރުވާ ކަންކަމެވެ.

މިއީ މާ ހަރުކަށި، މާ ހުޅަނގުގެ، މާ ސިޔާސީ ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެކަމަކު އަދަބުވެރިކަމާއި ސަގާފަތް ދެމެހެއްޓުމުގެ ނަމުގައި މިވާހަކަތައް ނުދައްކާ ތިބުމަކީ މިފަދައިން ނާއިންސާފު ކަންކަން މުޖުތަމަޢުގައި ދެމިއޮންނަ ސަބަބެވެ. ދިވެހި އަންހެނުން މާދަމާވެސް މުސާރަ ނުލިބޭ މަސައްކަތްތައް ކުރުން ހުއްޓާލައިފި ނަމަ މެންދުރު ވުމުގެ ކުރިން މުޅި ގަުމު ހުއްޓުމަކަށް އަންނާނެއެވެ. މި މަސައްކަތްތަކަކީ މިންކުރަން މާ މުގައްދަސް އެއްޗެއް ކަމަށް ހަދައި ކެއަރ މަސައްކަތްތަކަކީ އަގު ނުކުރެވޭ އެއްޗެއް ކަމަށް ދެކިގެން އުޅުން ހުއްޓާލަމާ ހެއްޔެވެ. ޒަމާނީ އިޤްތިޞާދެއް އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ މުސާރަ ނުލިބޭ، ގުނާ ނުލެވޭ، އަދި އަގު ނުކުރެވޭ މަސައްކަތުގެ މައްޗަށް ބުރަވެ ކުރިއަށް ނުގެންދެވޭނެއެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ ކުރިއެރުންތަކެއް ކަމަށްވާނަމަ ފިރިހެނުން އަދާ ކުރަންޖެހޭ ޢާއިލީ ޒިންމާ އެންމެ ކުޑަމިނުން ކުރާތީ އަތްޖެހުން ހުއްޓާލައި، ދަރިންނާއި ޢާއިލާގެ ޒިންމާ އެންމެންގެ މަސައްކަތަކަށް ހަދާ ނިޒާމުތަކަށް ޑިމާންޑް ކުރަން ފަށަންވީއެވެ.

މި ގައުމުން އަންހެނުންގެ ހަށިގަނޑާއި ވަގުތުން ނަގަމުން އަންނަ ދަރަނީގެ އަގު އަދާކުރަންވީ ވަގުތު ޖެހިއްޖެއެވެ. އެހެނީ އުފެއްދުންތެރި ދިވެހި ކޮންމެ ފިރިހެނެއްގެ ފަހަތުގައި ހުރީ ދުވަހަކުވެސް އަރާމުކުރުމަށް ވަގުތެއް ނުލިބޭ އަންހެނެކެވެ. އަންހެނުންގެ އަޑުއަހަން ފުދޭނީ ކިހާވަރެއްގެ ގުރުބާނީއެއް ހެއްޔެވެ؟

ނިޔާފުޅުގާ މިއީ ހުރިގޮތްކަމަށް ރުހިގެން ޤަބޫލުވެގެން

ފުރާނަ މިހަށިގަނޑުން ދާނދެން، އޮތީ ކެތްކޮށްލުމެއް ނޫންތޯ؟

-- ލިޔުން ފޮނުވި ފަރާތް: ޖައިލަމް މުޖުތަބާ

  • މި ލިޔުމުގައި ހިމަނާފައިވަނީ ޑެއިޒީމާ އާމިނަތު ފާއިޒާ ހައްދަވާފައިވާ ޅެންތަކުން ނަގާފައިވާ ޅެން ބައިތުތަކެކެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

Newsletter

Get the latest news delivered straight to your inbox