މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއީ މުބާރާތުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ގްރީން ސްޓްރީޓްސްއާ ވާދަކޮށް އެއްވަރުވުމުން ސިފައިންނަށް މިހާރު ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ސިފައިން ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ތިން މެޗުން މި ވަނީ އެއްވަރުވެފަ އެވެ. މިއަދުގެ މެޗުގެ ކުރިން އެއްވަރުވީ ކްލަބް އީގަލްސް އާއި މޯލްޑިވްސް ސޮކަ މޭޓްސްއާ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދުު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ގިނަ ފައުލްތަކެއް ފެނުނު މި މެޗުގެ 10 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މި ގޯލް އެ ޓީމަށް ޖަހައިދިނީ އިބްރާހިމް މަމްނޫން (މަންމު) އެވެ.
ދެ ޓީމުން ކުރިއަށް ޖެހިލައިން ކުޅުނު މި ހާފުގައި މާ ރަނގަޅު ހުސް ފުރުސަތުތަކެއް ނުލިބެ އެވެ. އޭރިއާ ބޭރުން އުފައްދަން މަސައްކަތްކުރި ހަމަލާތައް ވެސް ގޯލަކަށް ހަދައިލެވޭ ގޮތެއްނުވި އެެވެ.

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ސިފައިންގެ ޓީމުގެ ފަޒީމް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިފައިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ގްރީން ސްޓްރީޓްސްގެ އަހުމަދު ޝިޔާން ސިފައިން ޓީމުގެ ކެޕްޓަަން އަހުމަދު ފަޒީމް (ބާއްޕެ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ސިފައިން ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހުމަދު ފަޒާލް އެވެ.
ދެ ވަނަ ހާފު ފަށައިގެން ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ފަޒާލް އަށް ލިބުނެވެ. އަރިމަތިން ކުޅުނު މުހައްމަދު އަމީން ނަގައިދިން ހުރަސް ފަޒާލް އަށް ގޯލާ އަމާޒު ކޮށްލެވޭ ގޮތެއް ނުވި އެވެ.
ދެން ފެނުނީ ގްރީން ސްޓްރީޓްސް އިން ގޯލެއް ޖެހުމަށް ރަނގަޅު ދެ ފުރުސަތު ހޯދި ތަނެވެ. ފުރަތަމަ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ނިހާން ނަގައިދިން ހުރަހުން ހުސައިން ހަބީބު (ހަބީ) ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އިބްރާހިމް ސިނާޒު (ސިނާ) ފަހަތުގައި ހުރެފައި ކުރިއަށް ދިން ބޯޅަ ހޯދައި ހުސައިން ސިފާޒަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
ގްރީން ސްްޓްރީޓްސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ 41 ވަނަ މިނެޓުގަ އެވެ. މެދުތެރެއިން ހަބީ ދިން ބޯޅައަށް ކުރިއަށް އަރައި އިލްޔާސް އިބްރާހިމް (އިއްލަ) ގޯލު ޖެހީ ކީޕަރު ކައިރިން ނައްޓައިފަ އެވެ. މިއީ މި މުބާރާތުގައި އިއްލަ ޖެހި ދެ ވަނަ ގޯލެވެ.
އިއްލަ ގޯލް ޖެހިތާ ފަސް މިނެޓުގެ ތެރޭގައި ސިފައިން ނަތީޖާ ހަމަހަމަކުރި އެވެ. މިފަހަރު ވެސް އެ ޓީމުން ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ސިފައިން ޓީމްގެ މޫސާ މަޒުހަރުއްދީން ނަގައިދިން ހުރަސް ގްރީންގެ އިސްމާއިލް ޝަރީފްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފަހަރު ސިފައިން ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަފްރާހު އިބްރާހިމް އެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ސިފައިން ޓީމުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގި އެވެ. ޓީމްގެ ކެޕްޓަން ބާއްޕޭ މި ގޯލު ޖެހީ އޭރިއާ ބޭރުގައި ހުއްޓާ ލިބުނު ބޯޅައެއް ގޯލްގެ މަތީ ކަނަށް ވައްދާލައިގެންނެވެ. ކީޕަރު ނިއުޝާދު އަލީ އަށް މި ބޯޅަ ދިފާއުކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.
ސިފައިން ގޯލް ޖެހިތާ މާގިނައިރު ނުވަނީސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މަންމު ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލް ޖެހި އެވެ. މިއީ މެދުތެރެއިން ސިފާޒު ދިން ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާފައި ގޮސް މަންމު ޖެހި ގޯލެކެވެ. ގްރީން ސްޓްރީޓްސް މޮޅުކޮށްދޭން ވެސް މަންމު އަށް ފުރުސަތު ލިބުނެވެ. އެކަމަކު، ސިފައިންގެ ކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.
މުބާރާތުގެ ލީގު ބުރުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ހުޅުމާލެ ވެޓްރަންސް ކުލަބާއި ސޮކަ މޭޓްސް އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.












