މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެން ޖެހޭ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކޮމިޝަނުން އެކަށީގެންވާ ގޮތުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
މިއަދު އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ބްރޯޑްކޮމްގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވާ ގޮތުން އެ ކޮމިޝަނުން ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކުރި ބަޖެޓާ އެއްގޮތަށް މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ.
އެހެން ނަމަވެސް، އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ޑިސެމްބަރު 31، 2020 އަށް ނިމޭ މާލީ އަހަރުގެ މިލްކިއްޔާތު ބަޔާނުގައި 19،929،024ރ. އެ ކޮމިޝަނަށް ލިބެން ޖެހޭނެ ކަމަށް ހިމަނާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
titledesc
ހަމައެހެންމެ، މީގެ ތެރޭގައި ހިމެނޭ 10،192،198ރ. އަކީ އެ ކޮމިޝަނަށް ލިބެން ޖެހޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، 2020 ގައި ބްރޯޑްކޮމްއަށް ލިބެން ޖެހޭ ފައިސާގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓު އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ބްރޯޑްކޮމްއަށް ލިބެން ޖެހޭ ފައިސާ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފައި ވަނީ އެ ފައިސާ ހޯދަން އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މި އަދަދުތައް އިތުރުވުމުގެ އެއް ސަބަބެއްގެ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ފީތައް ދައްކަން އެކި ފަރާތްތަކަށް ދިމާވި ގޮންޖެހުންތައް ހިމެނޭ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.
އަދި، އެ ފީ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ކޮމިޝަނުން ދަނީ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ލަފާ ދީފަ އެވެ. އަދި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭނަމަ، އެ ފައިސާ ލިބުން ލަސްވެ، ދައުލަތަށް އޭގެއިން ލިބެން ޖެހޭ މަންފާ ނުލިބޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.












