މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި ރެއާލް މެޑްރިޑާއި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ރިއަލް ހިސްޕަނިއާ އެފްސީގެ އެކެޑަމީން ވަނީ ރާއްޖޭގައި ފުޓްބޯޅަ ޖީލުތަކެއް ބިނާކުރުމުގެ ޕްރޮޖެކްޓަކާ ހަވާލުވެފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.
ޕްރޮޖެކްޓް އިއުލާނުކުރިއިރު، ވެސް އޮތީ އެއްބަސްވުން ހެދުނުތާ ދޮޅު އަހަރުވެފަ އެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މަސައްކަތް ފެށޭ ވަރުނުވީ އެވެ.
ޖުމްލަ ނުވަ ކޯޗުން/ސްޓާފުންނާ އެކު އިއުލާނުކުރި މި ޕްރޮޖެކްޓްގެ ދަށުން، ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭ ސެންޓަރު (ފުޓްބޯޅަ ސްކޫލް) ހިންގާއިރު، އެ ތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވާނެ ކަމަށް އިއުލާނުކުރި އެވެ. މި 18 އެކެޑަމީ/ސްކޫލަކީ ވެސް ރިއަލް ހިސްޕަނިއާ އިން ޓްރެއިނިން ދީފައިވާ ކޯޗުން ކުރިއަށްގެންދާ ޕްރޮޖެކްޓަކަށް ހެދުމަށް ރަށްރަށުގައި ކޯޗުން ތަމްރީން ކުރުމުގެ ކޭމްޕް ބާއްވާން ވެސް ނިންމި އެވެ.
އަށާރަ އެކެޑަމީ/ސްކޫލްގެ ތެރެއިން މާލެ ސަރަހައްދުގައި އަށް އެކެޑަމީ، އަތޮޅު ތެރޭގައި 10 އެކެޑަމީ ހުޅުވާނެ އެވެ. މީގެ ތެރެއިން އަތޮޅު ތެރޭގައި ހަދާ ދެ އެކެޑަމީ ހުންނާނީ އައްޑޫގަ އެވެ. އެތަން ގާއިމްކުރާނީ ހުޅުމާލޭގެ ހައި ޕާފޯމަންސް ސެންޓަރުގެ ތަޖުރިބާގެ އަލީގަ އެވެ.

ރިއަލް ހިސްޕާނިއާ އިން ދުވާފަރުގައި ކުރިއަށްގެންދިޔަ ކޭމްޕްގެ ތެރެއިން.--
އެފްއޭއެމުން ބުނީ މިހާތަނަށް ރިއަލް ހިސްޕަނިއާގެ ބެލުމުގެ ދަށުން އެކި ޕްރޮޖެކްޓްތައް ކުރިއަށްގޮސްފައިވާ ކަމަށެވެ. އެ ގޮތުން މާލޭގައި ގޯލްކީިޕަރު ކޯޗުންނަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ދުވަހުގެ ޓްރެއިނިން ވޯކްޝޮޕެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި މާލެ އާއި ރަށްރަށުގައި ގާއިމްކުރެވޭ، އެކެޑަމީތަކުގެ ފެށުމެއްގެ ގޮތުން އެކި ކޭމްޕްތައް މިހާތަނަށް ވެސް ހިސްޕަނިއާ އިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ގޮތުން މިހާތަނަށް މާލޭގައި ހަތް ޓްރެއިނިން ކޭމްޕާއި ރ. ދުވާފަރުގައި ފަސް ދުވަހުގެ ޓްރެއިނިން ކޭމްޕަކާއި ރ. އަލިފުށީގައި ފަސް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ވަނީ ބޭއްވިފަ އެވެ.
ހުޅުމާލޭގައި ހަދާ ހައި ޕާފޯމަންސް ސެންޓަރު (ފުޓްބޯޅަ ސްކޫލް)ގެ މަސައްކަތުގައި މިހާރު ކުރެވެމުން އަންނަނީ، އެ ތަނުގައި އަޅާ ޓާފް ދަނޑުގެ މަސައްކަތް ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
ރޯދަ އަށް އެފްއޭއެމްގެ އެކި ފަރާތްތަކުގެ މަސައްކަތަށް ވަނީ ބްރޭކެއް ދީފަ އެވެ. އެ ގޮތުން ރިއަލް ހިސްޕަނިއާގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރާ ކޯޗުންނަށް ވެސް ވަނީ ބްރޭކެއް ދީފަ އެވެ. ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އާއި އެސިސްޓަންޓް ކޯޗު ސިމާއޯ ކޮސްޓާ ވެސް މި ވަގުތު ހުރީ ޗުއްޓީއެއްގަ އެވެ.

މާލޭގައި ކުރިއަށް ދިޔަ ގޯލްކީޕަރު ކޯޗުންގެ ވޯކްޝޮޕްގެ ތެރެއިން.--
ރިއަލް ހިސްޕަނިއާ އިން ރާއްޖޭގައި ކުރަމުން އަންނަނީ ޝައުގުވެެރި މަސައްކަތެއް: ކޯޗުން
ރިއަލް ހިސްޕަނިއާ އިން ހަވާލުވެފައިވާ މަސައްކަތަކީ ރާއްޖޭގެ 12 އަހަރާއި 17 އަހަރުގެ ދެމެދުގެ ކުޅުންތެރިން ރަނގަޅު ލެވަލްގައި މުސްތަގުބަލަށްޓަކައި ބިނާކުރުމުގެ މަސައްކަތެވެ. ސްކޫލް/އެކެޑަމީގެ ކަންކަން 18 ތަނެއްގައި ފަށާއިރު މުޅި މަސައްކަތް ބެހިފައި އޮންނާނީ ތިން ކެޓަގަރީ އަކަށެވެ. ފުރަތަމަ އޮތީ 18 އެކެޑަމީން އަންނަ 12-17 އަހަރުގެ ކުދިން ހައި ޕާފޯމަންސް ސެންޓަރަށް ނެގުމުގެ މަރުހަލާ އެވެ. ދެން އޮންނާނީ އެ ކުދިން ހައި ޕާފޯމަންސް ސެންޓަރުގައި ޑިވެލޮޕް ކުރުމެެވެ. އެންމެ ފަހުން އޮންނާނީ އެ ކުޅުންތެރިން ކްލަބްތަކާ ހަމައަށް ފޯރުކޮށްދިނުމެވެ.
އެންމެ ފުރަތަމަ ހަތް އަހަރުން ފެށިގެން 12 އަހަރުން ދަށާ ހަމަ އަށް އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުދިން ޓްރެއިން ކުރާނީ އެ ސްކޫލް ނޫނީ އެކެޑަމީ އަކުންނެވެ. މި ހުރިހާ އެކެޑަމީ އަކުން އައިސް 12 އަަހަރުން ދަށުގެ އެންމެ ރަނގަޅު ކުދިން އަންނާނީ ހައި ޕާފޯމަންސް ސެންޓަރަށެވެ. އެއީ 100 ވަރަކަށް ކުޅުންތެރިން ކަމަށް ރިއަލް ހިސްޕަނިއާ އިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ބުނެފަ އެވެ.
އެ ރިޕޯޓަށް އިންޓަވިއުދީފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ރިއަލް ހިސްޕަނިއާ ކޯޗުންގެ ކޯޑިނޭޓަރު، ބްލަސް ޗާލިން އެވެ.
ޗާލިން ބުނީ މި ވަގުތަށް ފެންނަ ފެނުމުގައި އަންނަ މަހު ނޫނީ ޖޫން މަހު ތެރޭގައި ހުޅުމާލޭގައި ހައި ޕާފޯމަންސް ސެންޓަރުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ. ސަތޭކަ ވަރަކަށް ކުޅުންތެރިން އެކޮމަޑޭޓް ކުރެވޭ، މި ފުޓްބޯޅަ ސްކޫލުގައި ކުޅުންތެރިންނަށް ފުޓްބޯޅަ ހުނަރު ޑިވެލޮޕްކުރާނެ ގޮތް ކިޔައިދިނުމުގެ އިތުރުން ކިޔެވުމުގެ ކަންކަން ވެސް ކުރިއަށްގެންދާނެ އެވެ.

ރ. އަލިފުށީގައި ކުރިއަށްގެންދިޔަ ކޭމްޕްގެ ތެރެއިން.
ކުޅުންތެރިން ޓްރެއިނިން ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ރާއްޖޭގެ ކޯޗުން ތަމްރީންކުރުމުގެ ކަންކަމާއި ކުދި މުބާރާތްތައް ރާވައި، ކުދިން ޑިވެލޮޕްކުރެވޭނެ އެކި ގޮތްގޮތަށް މަސައްކަތްކުރާނެ ކަމަށް ޗާލިން ވަނީ ބުނެފަ އެވެ. އެކަމަށް ހުޅުމާލޭ ހައި ޕާފޯމަންސް ސެންޓަރުގައި ދެ ޓާފް ދަނޑު ގާއިމްކުރުމަކީ ޕްލޭނުގައި ހިމެނޭ ކަމެކެވެ.
ހައި ޕާފޯމަންސް ސެންޓަރުން ތަމްރީން ވެގެން ނުކުންނަ 17 އަހަރުގެ ކުޅުންތެރިންނަށް ރާއްޖޭގެ ކްލަބް ފުޓްބޯޅަ އާއި ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ތަފާތު ދެއްކޭނެ ކަމަށް ޗާލިން ގަބޫލުކުރެ އެވެ.
"އަހަރެމެންނަށް ވަރަށް ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަފެނޭ. އަހަރެމެން މި ކުރާ މަސައްކަތް ރާއްޖޭގައި ކާމިޔާބު ކުރެވިދާނެ. އެއީ ރާއްޖެ އަކީ ވަރަށް ފުޓްބޯޅަ ގައުމެއް، ވަރަށް ހުނަރުވެރިން ވެސް ތިބި ގައުމެއް،" ޗާލިން ބުންޏެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ޗާލިން ވަނީ ޕޯޗުގަލްގެ ބެންފީކާއާ ގުޅިގެން ވެސް ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ އެކި މަސައްކަތްތަކެއް މީގެ ކުރިން ކޮށްފަ އެވެ. އަދި މީގެ އިތުރުން މެކްސިކޯ އާއި ރުމޭނިއާގައި ވެސް ޗާލިން ވަނީ ޑިވެލޮޕްމަންޓަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ.











