އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގެ އެންމެ ފަހު ތިން މިނެޓުގައި ދެ ގޯލު ޖަހައި 4-4 އިން އެއްވަރުކޮށް، މޯލްޑިވްސް ސޮކާ މޭޓްސް އަތުން ދިވެހި ސިފައިން ކުލަބުން ޕޮއިންޓެއް ހޯދައިފި އެވެ.
މިއަދު ހަވީރު މެޗަށް ނުކުތުމުގެ ކުރިން ސޮކަ މޭޓްސް އިން ކުޅުނު ދެ މެޗުވަނީ ކާމިޔާބުކޮށްފަ އެވެ. ސިފައިންނަށް ކުރިން ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި މެޗުން އެއްވަރުވެ، ލީގުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ސޮކަ މޭޓްސް އަށް ވަނީ ގެއްލިފަ އެވެ. އެ ޓީމު އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ތިން ވަނައިގަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މިއަދުގެ މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ސިފައިންނެވެ. މި ލަނޑު ޖަހައިދިނީ މިއަދުގެ މެޗުގައި ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ފަޒާލް އެވެ.
ފަޒާލް ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ސޮކަ މޭޓްސް އިން ކުރިއަށް ޖެހިލައިގެން ކުޅެ ސިފައިންގެ ގޯލަށް ނުރައްކާ ކުރި އެވެ. މިގޮތުން ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އަށް އޭރިއާ ތެރެއިން ހުސްކޮށް ހުރެ ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. އަދި އަރިމަތިން މުހައްމަދު އިބްރާހިމް (ދޮމްބެ) ނަގައިދިން ނުރައްކާތެރި ހުރަހުގެ ބޭނުންވެސް އެ ޓީމަކަށް ނުކުރެވުނެވެ.
ސޮކަ މޭޓްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 23 ވަނަ މިނެޓުގަ އެވެ. މި ގޯލު ޖަހައިދިނީ އަހުމަދު މަމްދޫހު އެވެ. މި ގޯލަށް ފަހު ސޮކަ މޭޓްސް އަށް ހަމަނޭވާ އެއް ނުލެވެނީސް އަނެއްކާވެސް ސިފައިން ޓީމްގެ ފަޒާލް ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުގެ އައްސަދު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފަށް ސޮކަ މޭޓްސް ނުކުތީ ބަދަލުތަކަކާ އެކުގަ އެވެ. އަދި ދެ ވަނަ ހާފުގެ ފަށައިގެން އަށް މިނިޓް ތެރޭގައި ދެ ގޯލް ޖަހައި ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލި އެވެ. މި ދެ ގޯލު ޖަހައިދިނީ އައްސަދު އާއި މަމްދޫހު އެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލީ ނާސިފް ޖެހި ގޯލާ އެކު ސޮކަ މޭޓްސް އަށް މެޗުގެ ކޮންޓްރޯލް ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެއް އޮއްވާ ސިފައިން ޓީމްގެ ފަޒާލް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.
ސިފައިން ކުލަބުން މެޗުން ޕޮއިންޓެއް ހޯދީ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. ސޮކަ މޭޓްސްގެ ޑިފެންޑަރުން ފަސޭހަކޮށްލައިން ތިއްބައި މި ލަނޑު ސިފައިން ޓީމަށް ޖަހައިދިނީ އަހުމަދު އިރުފާން އެވެ.
ސިފައިންގެ ޑިފެންސް ލައިނު މުޅި މެޗުގައި ފެނުނީ އެހެން މެޗުތަކާއި ހިލާފަށް އޯގަނައިޒްކޮށެވެ. މުޅި މެޗުގައިވެސް ސޮކަ މޭޓްސް އަށް ގޯލް ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެ ޓީމަށް ލިބުނު ފުރުސަތު މަދުވި ނަމަވެސް އޭގެ ބޭނުން އެޓީމުން ވަރަށް ރަނގަޅަށް ކުރި އެވެ.
އަނެއްކޮޅުން ސިފައިންގެ ކުލަބުން މި މެޗުން މި ހޯދި ޕޮއިންޓާ އެކު ކުރިއަށް ހުރި ވަރުގަދަ މެޗުތަކަށް އެޓީމަށް އާ ހިތްވަރެއް ލިބޭނެކަމަށް ބެލެވެ އެވެ. ސަބަބަކީ އެ ޓީމުން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އައުމެވެ.
މިއަދުގެ މެޗުން މޮޅުވެގެން، ލީގުގެ ކުރީގައި އޮތް ހުޅުމާލެ ވެޓެރަންސާއި ދަ ގްރާންޑޭއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ސޮކަ މޭޓްސް އަށް އޮތެވެ. އެކަމަކު، ފަހު ވަގުތު ސިފައިން ދެ ގޯލު ޖަހައި، އެއްވަރުކުރުމުން ސޮކަ މޭޓްސް އަށް މި ވަނީ މުހިންމު ޕޮއިންްޓްތަކެއް ގެއްލިފަ އެވެ.
ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބާއި ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ހުޅުމާލެ ވެޓެރަންސް އަށް ފައިދާގެ ގޯލުން ކުރި ލިބެނީ ދަ ގްރާންޑޭ އަށް ވުރެ އިތުރަށް ފައިދާ ގޯލުގެ ގޮތުގައި ތިން ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ސޮކަ މޭޓްސް އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ތާވަލްގެ އެންމެ ކުރީގައި އޮތް ދެ ޓީމު ކަމަށް ހުޅުމާލެ ވެޓްރަންސް އާއި ދަ ގްރާންޑޭ އެވެ.












