ފަނޑިޔާރުންނަށް ފްލެޓް ދޭ ސްކީމެއް ސަރުކާރުން ތައާރަފްކޮށްފައި ނެތުމުން، އެ މައްސަލައިގައި އިހްތިޖާޖަށް ނިކުމެ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ "ކަރުބުޑުގައި ރަހަލާ ވަރު" ކުރަންޖެހޭ ކަމަށް ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވީ އިއްޔެ އެވެ.
ފަނޑިޔާރުންނަށް ފްލެޓް ލިބެންޖެހޭ ކަމަށާއި އެ މައްސަލައިގައި އިހްތިޖާޖު ކުރުމަށް ގާޒީ ނައީމް ގޮވާލެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމި ހަބަރު "ދިވެހި ފަނޑިޔާރުންގެ ގްރޫޕް" ގައި އެހެން ފަނޑިޔާރަކު ހިއްސާ ކުރެއްވުމުންނެވެ.
"ފާޑުފާޑުގެ އެއްޗެހި ލާނެ ކަމެއް ނެތް، ހިތްވަރެއް ހުރިއްޔާ ހައްގުތައް ހޯދުމަށް އިހްތިޖާޖް ކުރަން ނުކުތުމަށް [ދިވެހި ފަނޑިޔާރުންގެ] ޖަމިއްޔާއިން ނިންމަންވީ،" ގާތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވާ އެ ވައިބާ ގްރޫޕުގައި ނައީމް ލިޔުއްވާފައިވެ އެވެ.
ވައިބާ ގްރޫޕުގައި ނައީމް ހިތްވަރުދެއްވީ ފަނޑިޔާރުން އެ މައްސަލައިގައި އިހްތިޖާޖަށް ނިކުތުމަށެވެ.
"އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުގެ ކަންތައް ކޮށްގެން މެނުވީ މި ކަންކަން ރަނގަޅެއް ނުވާނެ،" ނައީމް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެ ގްރޫޕުގައި ނައީމް ވިދާޅުވެފައި ވަނީ "އަނގަ ތެޅުމުގެ ޒަމާން މާޒީވެ ހިނގައްޖެ، މިހާރު ބޭނުމީ ހަރަކާތް" ކަމަށެވެ. އަދި، ފަނޑިޔާރުންގެ ހައްގުތައް ހޯދަން އިހުތިޖާޖަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީން ބެލި މައްސަލައެއްގައި އަދަބެއްގެ ގޮތުގައި ގާޒީ ނައީމް ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. ޑްރަގް ކޯޓަށް ބަދަލު ކުރީ އޭގެ ފަހުންނެވެ. އެ މައްސަލަ ޖެހުނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލަތައް ނުބެއްލެވުމަށް ގާޒީ ނައީމް ނިންމެވުމުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޮޑުކުރީ އިއްޔެ އެވެ.
- ކޫއްޑޫގަައި މަސް ކިރުމުގެ ކަންކަމާއި ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހަމަޖައްސައިދިން އިންތިޒާމުތަކުގެ ދަށުން، މިވަގުތު ކޫއްޑޫ ފަޅުގައި މަސްކިރުމަށް ގޮސް އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް، އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ކިރައި ނިންމާލެވޭނެ ކަމަށް މިފްކޯއިން ބުނީ އިއްޔެ އެވެ.
- ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ބައެއް މުހިންމު ފަރުވާތަކަށް އާސަންދަ ނުލިބޭ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ހާމަކުރައްވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ:
"އާސަންދައިގެ އެހީ ނުލިބޭ ކަންތައްތައް ވެސް އެެބަހުރި. އެހެންވީމާ އަޅުގަނޑު ބަލާފައި އެކަންތަކަށް، މިވަގުތަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެނެވޭތޯ އަަޅުގަނޑު މަސައްކަތްކުރާނަން،"
ދުވަހުގެ ފޮޓޯ

ހިޔާ ފްލެޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ޖަމާވެފައި. މިދިޔާ މާޗް 31 އިން ފެށިގެން އެޗްޑީސީން ވަނީ އެ ސަރަހައްދުން ކުނި ނެގުން ހުއްޓާލާފައި. ފުލެޓްތަކުގައި މަސައްކަތް ކުރާއިރު އުފެދޭ ކުނި ވަކި ސަރަހައްދުތަކަށް ޖަމާކުރަން އެޗްޑީސީން އިލްތިމާސްކޮށްފައިވޭ. ނަމަވެސް އެގޮތަށް އަމަލުކުރަނީ މަދު ބައެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މޯލްޑިވްސް އެސްޑީޖީ ޑޭޓާ އަޕްޑޭޓްސް 2020"
މިއީ އދ.2030 ވަނަ އަހަރާ ހަމައަށް ވާސިލުވާން ބޭނުންވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލުތައް ތަންފީޒު ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2020 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ.













