ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެމްއެމްޕީއާރުސީން ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އޭސީސީގެ ކުރީގެ މެމްބަރުން މަގާމުން ދުރުކުރަން މަޖިލީހުން އިސްނެގީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްވާކަމުގެ ޝަކުވާތަކާއެކު އެވެ. މަގާމުން ދުރުކުރުމުގެ ކުރިން ކޮމިޝަނުގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، އަލަށް އައްޔަނުކުރި މެމްބަރުން ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވުމުގެ ސަބަބު ދެނެގަތުމަށް ކޮމިޝަނުގެ އިތުރުން އެ ތަހުގީގުގައި ބައިވެރިވާ ފުލުހުންނާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވުނު ކަމަށެވެ. އަދި، ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތަކާއި ފަޅުތަކުގެ ހަމަ އަގު މިދިޔަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވައިލި ރިޕޯޓެއްގައި ވަނީ ދެނެގަނެވިފަ އެވެ.
އެހެންކަމުން އެ މައުލޫމާތުގެ އަލީގައި އެ ރަށްތަކަށް ހަމަ އަގު ހޯދައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އަބްދުއްސަލާމް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެފަ އެވެ.
މަޖިލީހުގެ އިތުރުން އޭސީސީން ވެސް މީގެ ކުރިން ލިސްޓެއް އާންމުކޮށްފައިވާކަމަށް އިޝާރާތް ކުރައްވަމުން ޝާމިލް ވިދާޅުވީ އާ ލިސްޓެއް އެކުލަވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް މިހާރު އާންމުކޮށްފައިވާ ވަކި ލިސްޓަކަށް ވެސް ބަރޯސާނުވާނެ ކަމަށެވެ.
"މިހާތަނަށް ކުރެވިފައިވާ ޓެކްނިކަލް މަޝްވަރާތަކުން އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ އޭގައި އަޅުގަނޑުމެން އެބަޖެހޭ އެހެން މެޓްރިކްސްއެއް ވެސް ގެންގުޅެން ވަގުތާއި ވަސީލަތްތައް ހުރި ގޮތްތަކަށް ބަަލާފައި،" ޝާމިލް ވިދާޅުވި އެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހުން އާންމުކުރި ލިސްޓުގެ އަދަދު 281 އަށް އަރަ އެވެ.
އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް މަސް ބާނަމުންދާތީ މަސް ގަންނަ މިންވަރު އެ ކުންފުނިން ލިމިޓުކުރުމާ ގުޅިގެން މުޒާހަރާއަށް ނުކުމެ ކޫއްޑޫގެ އޮޕަރޭޝަންތައް މަސްވެރިން އިއްޔެ ހުއްޓުމަކަށް ގެނަ އެވެ.
- ހއ. އަލިދޫ ރިސޯޓަށް ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ބަދަލުގައި އިންޝުއަރެންސްއަށްވާ 22 މިލިއަން ޑޮލަރު ޔޮޓް ޓޫއާޒްއަށް ދިނުމަށް 2019 ވަނަ އަހަރު ސިވިލް ކޯޓުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމެއް ހިއްކައި އެ ބިމުގައި އިމާރާތް ކުރި ފްލެޓްތައް ލިބޭ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި ފިނިޝިން ނިންމަން ޖެހޭ ގޮތަށް ހަވާލުކުރިއިރު، ފިނިޝިން ނިންމައިދޭން ހަވާލު ކުރި ބައެއް ކުންފުނިތަކުން ހިޔާނާތްތެރިވި މައްސަލައަށް މަޖިލީހުގައި ބަހުސް ނުކުރީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ގްރޫޕްތަކާ ގުޅުން އޮންނާތީ ކަމަށް ތުހުމަތުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ މަސްވެރިކަން އަހަރަކު ދެފަހަރު ރަނގަޅުވާކަން އެނގޭއިރު ސަރުކާރުން އެކަމަށް ތައްޔާރުނުވާތީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވީ:
"މިއަދު ޅަވިޔަނީގައި ދޯންޏެއް އޮތަސް، އެއޮތީ ދެކުނުގައި. މަސްވެރިކަން މިއަދު އޮތީ ދެކުނުގައި. އަޅުގަނޑުމެންނަށް އެބަ އެނގޭ އަހަރެއްގައި ދެފަހަރު މިހާލަތު އެބަ އަންނަކަން. މަސްވެރިކަން އެބަ ރަނގަޅުވާކަން،"
ދުވަހުގެ ފޮޓޯ

އިއްޔެގެ ހަވީރު ބްރިޖު ސަރަހައްދުގައި ޓްރެފިކް ކޮންޓްރޯލް ކުރުމަށް ފުލުހަކު ހަރަކާތްތެރިވަނީ. ރޯދަމަހާ ދިމާކޮށް މަގުތަކުގައި ބާރުބޮޑު ވާތީ ބައެއް ގަޑިތަކުގައި މާލޭގެ އެކި މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައި. ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން މަގުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












