މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބް 5-1 އިން ބަލިކޮށް، ހުޅުމާލެ ވެޓެރަންސް ކްލަބްގެ މޮޅުވުމުގެ ސިލްސިލާ ދަަމަހައްޓައިފި އެވެ.
ހުޅުމާލެ ވެެޓެރަންސް އިން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ލީގު ތާވަލުގެ އެންމެ ކުރީގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ސޮކަ މޭޓްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ހަތަރެއްގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ފަސް ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ފުލުގައި އޮތް ޕޮލިހަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ޕޮލިސް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފު ފަށައިގެން 10 ވަރަކަށް މިނިޓް ތެރޭ ހުޅުމާލެ އިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ޖަމީލް (ޖަމްބެ) އާއި އަބްދުﷲ ސުޖާއު (ސުޖާ) އަދި އަބްދުﷲ ޝިފާއު އެވެ.

ޕޮލިހުގެ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސްގެ އިއްސޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މީގެ އިތުރުން ވެސް ހުޅުމާލެ އިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ޕޮލިހުގެ މުހައްމަދު ނާޒިމް އެ ޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ހުޅުމާލެ ވެޓެރަންސް އިން މި ހާފުގައި އިތުރު ދެ ގޯލު ޖަހައި މެޗުން މޮޅުވީ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ހުޅުމާލެ ކުޅުުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު ޝާހިދު އާއި މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ނެސްލޭ ކުންފުނީގެ މައިލޯ އެވެ.
މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. .












