ރާއްޖޭގެ މަސްވެރިކަން އަހަރަކު ދެފަހަރު ރަނގަޅުވާކަން އެނގޭއިރު ސަރުކާރުން އެކަމަށް ތައްޔާރުނުވާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ހަތަރު އަހަރުވީ އިރު ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފެކްޓްރީއެއްގެ ޖާގަވެސް އިތުރުކުރެވިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާތާ ދެވަނަ ދުވަހު (ސަރުކާރުގެ ކުންފުނި މިފްކޯ) އިން މަސްގަތުން ހުއްޓައިލާ ކަމަށެވެ.
"މިއަދު ޅަވިޔަނީގައި ދޯންޏެއް އޮތަސް، އެއޮތީ ދެކުނުގައި. މަސްވެރިކަން މިއަދު އޮތީ ދެކުނުގައި. އަޅުގަނޑުމެންނަށް އެބަ އެނގޭ އަހަރެއްގައި ދެފަހަރު މިހާލަތު އެބަ އަންނަކަން. މަސްވެރިކަން އެބަ ރަނގަޅުވާކަން،" ޝިޔާމް ވިދާޅުވި އެވެ.
މަސްގަތުމުގެ ގާބިލުކަން އިތުރުކޮށްފައި ނުވިޔަސް މަސްވެރިކަމުގެ ނަމުގައި ލޯނުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ސަރުކާުރުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް މި ކަންބޮޑުވުން ފާޅުކުރެއްވި އިރު ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް މަސް ބާނަމުންދާތީ މަސް ގަންނަ މިންވަރު އެ ކުންފުނިން ލިމިޓުކުރުމާ ގުޅިގެން މުޒާހަރާއަށް ނުކުމެ ކޫއްޑޫގެ އޮޕަރޭޝަންތައް މަސްވެރިން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން އެޕްރީލް 6 އިން ފެށިގެން މިފްކޯ އިން ކިރަމުން ދަނީ ދޯންޔަކުން ފަސް ޓަނު މަހެވެ.
އެކަމާ ހިތްހަމަނުޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ގާތްގަނޑަކަށް 50-100 އާ ދެމެދުގެ އަދަދަކަށް މަސްވެރިން ވަނީ ކޫއްޑޫއަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށް، މިފްކޯގެ އިސްވެރިންނާ ބައްދަލުކުރަން ޑިމާންޑު ކޮށްފަ އެވެ. އަދި، ރެއިން ފެށިގެން މިފްކޯ ކަލެކްޓަރު ބޯޓުގައި ހުރި މަސްތައް ނަގައި، އެ ބޯޓުތައް ހުސްކުރުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.
ކޫއްޑުގެ އޮޕަރޭޝަންތަކާ ހަވާލުވެވަޑައިގެން ހުންނަވާ މިފްކޯ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު މި ނޫހަށް މިއަދު ވިދާޅުވީ، މަސްވެރިން އެކަމަށް ހުރަސްއެޅުމާއެކު މިވަގުތު މަސްކިރުމުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.













