މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކްލަބް 2-2 އިން އެއްވަރުވެއްޖެ އެވެ.
ކުޅުނު ފުރަތަމަ މެޗުން ސިފައިން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އަދި އީގަލްސްގެ ފުރަތަމަ މެޗުގައި ހުޅުމާލެ ވެޓެރަންސްއާ ވާދަކޮށް ވަނީ ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ. މިއަދުގެ މެޗުން ސިފައިންނާއި ދަ ގްރާންޑޭ އަށް ލިބިފައިވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ޕޮއިންޓެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނު ނަމަވެސް ގޯލް ޖަހާނެ ހުސް ފުރުސަތުތަކެއް ސިފައިންގެ ޓީމަށް ލިބުނެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވަރަށް ހުސް ތިން ފުރުސަތެއް އެ ޓީމަށް ލިބުނެވެ.
ސިފައިންގެ އަހުމަދު ފަޒާލް އަރިމަތިން ނެގު ހުރަސް މުޅިން ހުސްކޮށް އޭރިއާ ތެރޭގައި ހުރެ މުހައްމަދު ރަމީޒަށް ގޯލާ އަމާޒު ނުކޮށްލެވުނުއިރު، ކޯނަރުން ނެގި ބޯޅަ މޫސާ މަޒުހަރުއްދީން އެކަނިމާ އެކަނި ހުރެ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ފަހުން ކުޑަ އޭރިއާ ތެރޭގައި ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލަން ކެޕްޓަން އަހުމަދު ޝާމިން (ބާއްޕެ) އަށް ލިބުނު ބޯޅަ އޭނާ އަށް މަޑުމަޑުން ފޮނުވާލެވުނީ ކީޕަރާއި ދިމާލަށެވެ.
މި ހާފުގައި އީގަލްސް ވެޓެރަންސް އަށް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދެ އެވެ. އެ ޓީމުން ހާފު ނިމުމުގެ ކުރިން ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ އަކީ ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ބޭރުގައި ހުރެފައި އަހުމަދު ޝަރީފު ފޮނުވާލި ހަމަލާ އެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް ގޯލް ޖަހަން ހުސް ފުރުސަތެއް ލިބުނީ ސިފައިންނަށެވެ. މި ފަހަރު ވެސް އަރިމަތިން ނެގި ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ މޫސަ އަށް ފޮނުވާލެވުނީ ގޯލްގެ ހުރަސް ދަނޑި މަތިންނެވެ.

ވެޓެރަންސް ކަޕްގައި މިއަދު އީގަލްސް އާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ސިފައިން މެޗުގެ ފުރަތަމަ ގޯލު ޖެހީ އީގަލްސްގެ ފަހަތަށް ހެދުނު ގޯހަކުންނެވެ. އީގަލްސްގެ ފަހަތަށް އައި ބޯޅައެއް ޑިފެންޑަރު ޔަމީން ދިފާއުކޮށް ފޮނުވާލަން އުޅުމުގެ ތެރޭގައި ބޯޅަ ގޯލަށް ވަނީ ކުރިމަތީގައި ހުރި ސިފައިންގެ ޓީމްގެ ބާއްޕެގެ ގައިގައި ޖެހިފަ އެވެ. މި ގޯލް ޖެހިތާ މަ ގިނަ އިރުތަކެއް ނުވެ ސިފައިން ޓީމުން ދެ ވަނަ ގޯލު ޖެހި އެވެ. ބާއްޕެ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ އަފްރާހު އިބްރާހިމް އެވެ.
އީގަލްސް އިންވަނީ މެޗުގެ ނިމުމުގެ ކުރިން ދެ މިނެޓުގެ ތެރޭގައި ދެ ގޯލު ޖަހައި ސިފައިން ސިއްސުވާލާފަ އެވެ. މި ދެ ގޯލު ވެސް ޖަަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް އާރިފް އެވެ.
އާރިފް ޖެހި ފުރަތަމަ ގޯލަކީ އޭރިއާގެ ވާތް ފަރާތުގައި ހުރެފައި ހަނި އޭންގަލަކުން ކީޕަރު ބޯމަތިން ގޯލްގެ ތެރެއަށް އޮއްސާލި ބޯޅައަކުން ޖެހި ގޯލެކެވެ. އާރިފް އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގަ އެވެ. މެޗުގެ ކުރީކޮޅު ފަހަތަށް ކުޅުނު އަހުމަދު ޝަރީފު ކުރިއަށް ޖެހިލައި އަރިމަތިން ނެގި ހުރަސް އާރިފް ގޯލްގެ ތެރެއަށް ވައްދާލީ ސިފައިންގެ ޑިފެންޑަރުންގެ ފަހަތުން އަރަ އެވެ.
އޭގެ ދެ މިނެޓު ފަހުން އީގަލްސްއިން ލީޑު ނެގުމާ ގާތަށް ޖެހިލި އެވެ. މިފަހަރު ވެސް ހަމަލާ އުފެއްދީ ކައުންޓަ އެޓޭކުގައި އާރިފް އާއި ޝަރީފްގެ ރޭވުންތެރިކަމުންނެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އެތެރެަށް ދެމިގަނެ އާރިފް ނެގި ހުރަސް ކީޕަރު ކައިރިން ނައްޓާފައި ޝަރީފް ޖަހަން އުޅުމުގެ ތެރޭގައި އެ ބޯޅަ ދިފާއުކުރީ ސިފައިން ޓީމުގެ ޑިފެންޑަރު އަހުމަދު ޝަރީފް އެވެ.

އީގަލްސް އާއި ސިފައިން މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ސިފައިން ޓީމުގެ އަލީ ފާރޫގު ގޯލެއް ޖެހި އެވެ. ނަމަވެސް އެ ބޯޅައަށް މަސައްކަތް ކުރިއިރު އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި ކަަމަށް ރެފްރީގެ އެހީތެރިޔާ ވަނީ ދިދަ ނަގައިފަ އެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ނެސްލޭ ކުންފުނީގެ މައިލޯ އެވެ. ޕާޓްނަރުންގެ ގޮތުގައި އަދަދު އޮންލައިނާއި އެއްކާފު އަދި ސްޕޯޓްސް ބައިވެރިވެ އެވެ.
މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ހުޅުމާލެ ވެޓެރަންސް އެވެ. .












