ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ނިންމީ އިއްޔެ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި، ދައުވާ ރައްދުވާ ފަރާތްތަކަށް ގާނޫނުން ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން މަދަނީ މިންގަނޑުން މައްސަލަ ގެންދެވޭނެ ކަމާ މެދު ސުވާލު އުފެއްދުމުގެ ހައްގުގެ ފުރުސަތު ދިނުމެވެ. މި ފުރުސަތުގައި މިއަދުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ވަނީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކާލާތު ކުރައްވައިފަ އެވެ.
ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްޔެގެ ޝަރީއަތުގައި ފާހަގަކުރެއްވި ކަމަކީ ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކުށުގެ އަމަލުތައް އެއީ ހިނގި އަމަލުތަކެއް ކަން ދަލާލަތު ކޮށްދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ދައުލަތުން ހުށަހެޅި މައި ދެ ހެކި ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަކީ އެއަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތް ނަމަ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ޖަމީލު އިއްޔެ ވިދާޅުވި އެވެ. ޖަމީލްގެ ނުކުތާއަށް ބާރު ދިނުމަށް ފާހަގަ ކުރެއްވީ ޔާމީނަށް ކުރިން އުފުލި ދައުވާއެއް ސުޕްރީމް ކޯޓުން ބާތިލް ކުރި ގަޒިއްޔާއަށެވެ.
ޔޫސުފް ނައީމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ވ. އާރަށް ބައްލަވައިގަންނަން ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުނިން ދައުލަތާ އެކު ހިންގި މުއާމަލާތަކާއި ޔާމީނާއި ޔޫސުފް ނައީމްއާ ދެމެދު ވެސް މުއާމަލާތެއް ހިނގާފައިވާ ކަމެވެ. މިއީ ދެ މުއާމަލަތެއް ކަމާއި ދެ މުއާމަލާތް ގުޅުވޭނެ އެއްވެސް ހެއްކެއް އަދީބާއި ޒިޔަތުގެ ބަސް ނޫން ހެއްކެއް ނެތް ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ރައްދު ދެއްވަމުން ޕަބްލިކް ޕްރޮސެކިއުޓަރު ޝާމާ ނަސީމް ވިދާޅުވީ، ހެކި ނެތް ކަމަށް ދިފާއުން ބުންޏަސް އަދީބާއި ޒިޔަތުގެ ހެކި ބަހަށް ބާރު ލިބިދޭ ގިނަ ހެކި ހުށަހަޅާފައި ވާނެ ކަމަށެވެ. ޖިނާއީ މައްސަލަތަކގުައި ސީދާ ހެކި ނުލިބޭނެ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގަޒިއްޔާއަކަށް އިޝާރާތް ކުރައްވައި ވަކީލް ވިދާޅުވީ ނުސީދާ ގިނަ ހެކިތަކެއް މި މައްސަލާގައި ހުށަހަޅާފައިވާނެ ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު މައްސަލައާ ހަވާލުވެ ހުންނެވި ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އިއްޔެ ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ކަނޑައަޅުއްވައިފަ އެވެ.
މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިޔުމަކީ މައްސަލަތައް ސާބިތު ކުރުމުގައި މަދަނީ މައްސަލަތަކުގައި ބަލާ މިންގަނޑު ނުވަތަ 'ބެލެންސް އޮފް ޕްރޮބެބިލިޓީޒް' (ބޮޑަށް ބުރަވެވެނީ ކޮން ގޮތަކަށް) އިން ސާބިތުވޭތޯ ބެލުމެވެ. އޭގެ ބަދަލުގައި ޖިނާއީ މިންގަނޑަކީ 'ބިޔޯންޑް ރީޒަނަބަލް ޑައުޓް' ނުވަތަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ ބެލުމެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އިސް ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި، އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެވެ.
ބައެއް މުހިންމު ހަބަރުތައް
- ހިޔާ ފްލެޓުތަކާއި އެހެނިހެން ހައުސިން ޔުނިޓުތަކުން ލިބެން ޖެހޭ ކުލި ނުލިބޭނަމަ ހައުސިން ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކޭނެ ކަމަށް އޮޑިޓު އޮފީހުން ބުނީ އިއްޔެ އެވެ.
- ހުޅުމާލޭގައި މީގެ ދެ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅަ ތިން ހެކިވެރިއެއްގެ ހެކިބަސް ނެގީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ އިދާރީ އޮޅުމަކުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
ދުވަހުގެ ކޯޓޭޝަން
އިންތިހާބެއް ކާމިޔާބު ކުރުމަށް ނޫން ގޮތަކަށް އެމްޑީޕީ ހިނގާލަކަށް ނުޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ:
"އަޅުގަނޑަކަށް ނުފެނެއޭ 2023 ލިބޭ ތަނެއް ޕާޓީގެ މެންބަރުން އެކްޓިވްވެގެން ނޫނިއްޔާ, ޕާޓީގެ މެންބަރުން އެކްޓިވްވެ ޕާޓީ އާއި މެންބަރުންނާ ގުޅުން ބަދަހިވެގެން އެ ގުޅުމާއެކު ޕާޓީ އާއި ސަރުކާރާ ވެސް ގުޅުން ބަދަހިވެގެން ނޫނިއްޔާ 2023 ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ, ކިތަންމެ މަސައްކަތެއް ކުރިޔަސް,"
ދުވަހުގެ ފޮޓޯ

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި އީގަލްސް އަދި ސިފައިންގެ ކްލަބް ކުޅުނު މެޗުގެ ތެރެއިން. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އެމްއެމްއޭ ރިސާޗް ޕޭޕާސް ވޮލިއުމް 2"
މިއީ ދިވެހިރާއްޖެ އާއި ދުނިޔޭގެ އިގްތިސާދަށް ބިނާކޮށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުގެ މައްޗަށް ރާއްޖޭގެ ސެންޓްރަލް ބޭންކު ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2016 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކަށް ގެނެވިދާނެ ކަމަށް ބެލެވޭ ބަދަލުތަކެއް ވަނީ ހުށަހަޅާފަ އެވެ.












