މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 އިން ކުރިހޯދައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުޅުނު ދެ ވަަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސޮކަ މޭޓްސް އިން ޕޮލިސް ބަލިކުރީ ވެސް 3-1 އިންނެވެ. މިއަދު ވެސް ހަމަ އެ ނަތީޖާ އިން މޮޅުވިިއިރު، ސޮކަ މޭޓްސް އޮތީ ލީގު ތާވަލުގެ ދެ ވަނައިގަ އެވެ.
ހަތް ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް އާއި ދެ ވަނައިގައިގައި އޮތް ސޮކަ މޭޓްސް އަދި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ ހުޅުމާލެ ވެޓެރަންސްގެ ފައިދާ ހަތް ގޯލު އޮތްއިރު، ސޮކަ މޭޓްސްގެ ފައިދާ ހަތަރު ގޯލު އެބައޮތެވެ. އަދި ދަ ގްރާންޑޭގެ އޮތީ ފައިދާ ތިން ގޯލެވެ.

މިއަދުގެ މެޗުގެ ތެރެއިން ސޮކަ މޭޓްސްގެ ޓޫކިލޯ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިއަދު ހަވީރު ކުޅުނު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސޮކަ މޭޓްސް އިންނެވެ. މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ސޮކަ މޭޓްސްގެ އިސްމާއިލް އަނިލް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އަނިލް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ސޮކަ މޭޓްސްގެ، މުހުތާރު ނަސީރު (ޓޫކިލޯ) ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުރި އަހުމަދު މަމްދޫހު އަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
މެޗުގެ ފުރަތަމަ ގޯލް ސޮކަ މޭޓްސްގެ ޓޫކިލޯ ޖެހީ މެޗުގެ 18 ވަނަ މިނެޓުގަ އެވެ. މިއީ މެދުތެރެއިން ސޮކަ މޭޓްސްގެ އަހުމަދު އަފްރާދު (އަފޭ) ޖައްސާލި ބޯޅައަކަށް އަރިމަތިން އޭރިއާ ތެރެއަށް ވަދެ، ޓޫކިލޯ ހަނި އޭންގަލުން ފޮނުވާލި ބާރު ބޯޅައެއް ގޯލްގެ ތިރީ ކަނަށް ޖެހި ގޯލެކެވެ.
ފުރަތަމަ ގޯލް ޖެހިތާ ތިން މިނެޓު ފަހުން ސޮކަ މޭޓްސް އިން ލީޑު ފުޅާކުރި އެވެ. މި ގޯލު ޖެހީ އަފޭ އެވެ. ފުރަތަމަ މެޗުގައި ސޮކަ މޭޓްސް ސްކޮޑުގައި ނެތް ނަމަވެސް މި މެޗުގައި ޓީމުގައި ހިމެނި މޮޅަށް ކުޅުނެވެ. . މި ގޯލަށް ފަހު ފުރަތަމަ ހާފުގެ ފަހު ދިހަ މިނެޓުގައި އަހުމަދު ސައީދު (އައްމަޓީ) ފަޮނުވާލި ބާރު ހަަމަލާއެއް ގްރީންގެ ކީޕަރު ނިއުޝާދު އަލީ މަތަކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން މާ ގިނަ އިރެއް ނުވެ ގްރީން ސްޓްރީޓްސް އިން ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. މި ގޯލް ޖަހައިދިނީ އިލްޔާސް އިބްރާހިމް (އިއްލަ) އެވެ. މިއީ ސޮކަ މޭޓްސްގެ ޑިފެންޑަރުން ނުވިސްނައި ތިއްބައި ގްރީން ސްޓްރީޓްސްގެ މިޑްފިލްޑަރު އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) ދިން ހިތްގައިމު ޕާހަކުން އޮފް ސައިޑު މަޅިން ދެމިގަނެގެން ގޮސް އިއްލަ ޖެހި ގޯލެކެވެ.
ގްރީން ސްޓްރީޓްސްގެ ގޯލާ އެކު އަނެއްކާ ވެސް ކުރިއަށް ޖެހިލައިގެން ކުޅެ ސޮކަ މޭޓްސް އިން ގްރީން ސްޓްރީޓްސްގެ ފަހަތަށް ބާރު ބޮޑުކުރި އެވެ. ނަތީޖާ އަކަށްވީ އަނެއްކާ ވެސް އެ ޓީމުން ގޯލެއް ޖެހުމެވެ. ސޮކަ މޭޓްސްގެ ތިން ވަނަ ލަނޑު، މެޗުގެ 44 ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓޫކިލޯ އެވެ. މިއީ ސޮކަ މޭޓްސްގެ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އަށް އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ސިނާޒް (ސިނާ) ކުރި ފައުލަކަށް ރެފްރީ އަހުމަދު އަމީޒު ދިން ޕެނަލްޓީ އެކެވެ.
މެޗުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައި ގްްރީން ސްޓްރީޓްސް އިން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ގްރީންގެ ހުސައިން ޝިފާޒް ދިން ޕާހަކުން ފޯވާޑް އިބްރާހިމް މަމްނޫން ފޮނުވާލި ބާރު ހަމަލާ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑިގައި ޖެހިފަ އެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ނެސްލޭ ކުންފުނީގެ މައިލޯ އެވެ. މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ސްޕޯޓްސް އާއި އެއްކާފު އަދި އަދަދު އޮންލައިން ވެސް ހަރަކާތްރެރިވެ އެވެ.
މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އީގަލްސް އެވެ.












