އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ޕޮލިސް ކުލަބުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓްރަންސް ލީގުގައި މިއަދު ހަވީރު ޕޮލިސް ކުލަބު އަތުން މޮޅުވެ ދަ ގްރާންޑޭއަށް ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްފަ އެވެ. މިއީ ދަ ގްރާންޑޭ އިން ވެޓެރަންސް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ލީގު ބުރުގެ އެއްވަނައި އޮތީ ހަ ޕޮއިންޓް ހޯދައި ފައިދާ ގޯލުން ކުރި ހޯދައިގެން ހުޅުމާލެ ވެޓެރަންސް އެވެ. ޕޮލިސް ކުލަބު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމަށް ވެސް ދިޔައީ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވި އެވެ. ދަ ގްރާންޑޭގެ ކުޅުންތެރިން ފަސޭހަ ކޮށްލައިގެން ތިއްބައި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޕޮލިހުންނެވެ. މިއީ ދަ ގްރާންޑޭ ހާފުގެ މެދަކާ ހިސާބުގައި ހުރެފައި ޕޮލިހުގެ މުހައްމަދު އީސަ ޖެހި ގޯލެކެވެ. އީސަ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަ ގްރާންޑޭގެ ކީޕަރު ލުއައްޔު އާދަމް އެ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފަ އެވެ.

ޕޮލިހުގެ ކުޅުންތެރިއަކު ކައިރިން ދަ ގްރާންޑޭގެ ޒައީމް (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕޮލިހުން ގޯލް ޖެހިތާ ތިން މިނެޓު ފަހުން ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ދަ ގްރާންޑޭގެ ކީޕަރު ލުއައްޔު އެންމެ ފަހަތުން ފޮނުވާލި ބޯޅައެއް ކެޕްޓަން އަހުމަދު ޝަކީބު ބޮލުން ޖައްސާލުމުން ލިބުނީ އޭރިއާ ތެރެއަށް ހުސްކޮށް ވަތް ހަސަން ޝަރީފަށެވެ. ޝަރީފް ވަނީ ހަމަޖެހިލާފައި ގޯލްގެ ދުރު ކަނަށް ތިރިތިރިން ބޯޅަ ވައްދާލާފަ އެވެ. ދަ ގްރާންޑޭ އިން ފުރަތަމަ ކުޅުނު މެޗުގައި މޮޅުވި ގޯލު ޖަހައި، މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަރީފް އެވެ.
ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓު ފަހުން އިތުރު ގޯލެއް ޖަހައި ލީޑު ނެގި އެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޝުއެއިބު ޒާހިރު އެވެ. ދަ ގްރާންޑޭގެ އެންމެ ފަހަތުން އައްސަދު އިބްރާހިމް ފޮނުވާލި ބޯޅަ ލިބުނީ އޭރިއާ ކަނާ ދިމާލުގައި ހުރި ޝުއެއިބު އަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖަގާ ގޯލްގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
މި ގޯލަށް ފަހު ލަނޑު ޖަހާން ހުސް ގިނަ ފުރުސަތުތަކެއް ދަ ގްރާންޑޭ އަށް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. އަހުމަދު ފަޒީމަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ގޯލްގެ އަރިމަތިން ބޭރަށް ދިޔައިރު، ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ޝުއެއިބު ފޮނުވާލަން އުޅުނު ބޯޅަ ކާމިޔާބު ނުކުރެވުނީ މާ ބޮޑަށް ލަސް ކުރުމުންނެވެ.
ދެ ވަނަ ހާފަށް ބަދަލުތަކަކާ އެކު ނުކުމެ ޕޮލިހުން ކުރިއަށް ޖެހިލައިގެން ކުޅުނެވެ. މާ ބޮޑު ހުސް ފުރުސަތެއް ނުލިބުނު ކަމުގައި ވިޔަސް ގޯލަށް ދެ ތިން ބޯޅައެއް އެ ޓީމުން ފޮނުވާލި އެވެ. މި ގޮތުން އަހުމަދު އަބްދުﷲ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، ހާފު ނިމެން ކައިރިވެފައިވަނިކޮށް އަލީ އިބްރާހިމް އަށް ވެސް ރަނގަޅު ބޯޅައެއް ލިބުނެވެ. އަހުމަދު ޝާނީޒް ނަގައިދިން ހުރަހުގެ ބޭނުން އަލީ އިބްރާހިމަށް ބޭނުން ނުކުރެވުނީ ބޮލުން ފޮނުވާލުމުގެ ބަދަލުގައި އެ ބޯޅަ މެއިން ކޮންޓްރޯލް ކުރަން އުޅުމުންނެވެ.

ދަ ގްރާންޑޭ އާއި ޕޮލިސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދަ ގްރާންޑޭ އިން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ޖަހައިދިނީ ދެ ވަނަ ލަނޑު ވެސް ޖަހައިދިން ޝުއެއިބު އެވެ. އެންމެ ފަހަތަށް ކުޅުނު ޑިފެންޑަރު އައްސަދު ބޯޅައާ އެކު މެދު ތެރެއަށް ޖެހިލާފައި ކުރިއަށް ދިން ޕާސް ކޮންޓްރޯލް ކުރުމަށް ފަހު ޝުއެއިބު ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ގޯލުގެ ކައިރީ ކަނަށެވެ
ދަ ގްރާންޑޭ އިން ފަހު ގޯލް ޖެހުމުގެ ކުރިން ޝަރީފް އާއި މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ޒައީމަށް ގޯލެއް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ޝަރީފު ހުސްކޮށް އެކަނި މާއެކަނި އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އަޒްމީ އަބްދުއްރަހީމް ދިފާއުކުރި އިރު، ޒައީމަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
އެފްއޭއެމް ވެޓެރަންސް ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މެޗު ފަށާނީ 16:30 އެވެ. ސޮކަ މޭޓްސް ފުރަަތަމަ މެޗުން ޕޮލިސް ބަލިކުރިއިރު، ގްރީން ސްްޓްރީޓްސް ފުރަތަމަ މެޗުން ހުޅުމާލެ ވެޓެރަންސް އަތުން ވީ ބައްޔެވެ.












