ފެންވަރު ރަނގަޅު ޓޫލްސް އާއި ހާޑްވެއާ ވިއްކާ ވެލިގާ ހާޑްވެއާއިން އޮންލައިންކޮށް ވިޔަފާރި ކުރަން ވެލިގާ.ކޮމް ލޯންޗުކޮށް، އީ-ކޮމާސް ވިޔަފާރީގެ ތެރެއަށް ވަދެއްޖެ އެވެ.
"ވެލިގާ ނެޓަށް ލައިފި" ނަމުގައި ރޭ ބޭއްވި އިވެންޓެއްގައި މި ވެބްސައިޓު ލޯންޗުކުރުމާ އެކީ އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ކަމަށް ވެލިގާއިން ބުންޏެވެ.
ވެލިގާ.ކޮމް އިން 10،000 އަށް ވުރެ ގިނަ ހާޑްވެއާ އައިޓަމް އޮންލައިންކޮށް ގަނެވޭނެ އެވެ. މި ހުރިހާ އައިޓަމެއް ވެސް އެ ދުވަހު ނޫނީ ޖެހިގެން އަންނަ ދުވަހު މާލެ ސަރަހައްދުގައި ޑެލިވަރީކޮށްދޭނެ އެވެ. އަތޮޅުތެރޭގެ ކަސްޓަމަރުންގެ އައިޓަމްތައް ބޯޓާ ހަަމައަށް ޑެލިވަރީކޮށްދޭނެ އެވެ.

ވެލިގާ ނެޓަށް ލައިފި އިވެންޓުގައި ވެލިގާ.ކޮމް ގެ މައުލޫމާތު ދެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވެލިގާ އިން މައުލޫމާތު ދޭ ގޮތުގައި މި ވެބްސައިޓުގެ ޒަރިއްޔާއިން އެ ކުންފުނީގެ ފުލް ޕްރޮޑަކްޓް ލައިނު ގަންނަން ލިބޭނެ ކަމަށާއި، އެއްޗެއްގެ ސްޓޮކް ހުސްވެފައި ހުއްޓަސް ކަސްޓަމަރަށް އެނގޭނެ ކަމަށެވެ. އިތުރު މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ނަމަ ލައިވް މެސެންޖާ ޗެޓު ބޭނުންކޮށްގެން އެ ބޭނުންވާ ކަމެއް އޮޅުންފިލުވާލެވޭނެ އެވެ.
ހަމައެއާއެކު ވަކިވަކި އައިޓަމްތަކުގެ ނަން ޖަހައިގެން ނޫނީ ވެލިގާ އިން ވިއްކާ ބްރޭންޑުތައް ވަކިވަކިން ވެބްސައިޓް މެދުވެރިކޮށް ސާޗު ކޮށްލެވޭނެ އެވެ.
މި ވެބްސައިޓުގެ ހާއްސަ ފީޗާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ހާޑްވެއާ އައިޓަމްތަކަށް ދިވެހިން ކިޔާ ނަން ލެޓިން (އިނގިރޭސީ) އަކުރުން ލިޔުނު ނަމަވެސް ސާޗު ކުރެވުމެވެ. މިސާލަކަށް "ނެއިލްސް" ގެ ބަދަލުގައި މޮހޮރު ޖެހުމުން ސާޗު ކުރެވޭނެ އެވެ. ނޫނީ "ހެމާ" ގެ ބަދަލުގައި މަރުތެޔޮ ޖެހިޔަސް ސާޗު ކުރެވޭނެ އެވެ.
ވެލިގާ އިން ބުނި ގޮތުގައި މިއީ މިހާތަަނަށް ރާއްޖޭގައި ތަރައްގީ ކުރެވުނު އެންމެ ފުރިހަމަ ހާޑްވެއާ ސާމާނު ލިބޭ ވެބްސައިޓެވެ.










