ލ. ގަމު، ބޮޑުމަގު ނުވަތަ ލިންކްރޯޑުގައި 20 ވަރަކަށް މިނެޓް ދުއްވުމަށްފަހު ގޮސް ސައިކަލު މަޑުކޮށްލީ ވެލި އަޅާފައި އޮތް 20 ފޫޓުގެ މަގެއްގެ ހަތަރު އަނގޮޅި ކަންމައްޗަށެވެ. ގޮވައިގެންދިޔަ މީހާ ބުނީ އަދި ތަންކޮޅަކަށް ހިނގާފައި ދާން ޖެހޭނެ ކަމަށެވެ. ސައިކަލު އެއް ފަރާތެއްގައި ބެހެއްޓުމަށްފަހު އަހަރެންވެސް އޭނަ ފަހަތުން ހިނގައިގަތީމެވެ.
ގޭގެ ދޮރު ގޮތަށް ކަނޑާފައި އޮތް މަގަކުން ވަންނަން ފައި އަޅާލިއިރު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކަނާތްފަޅީގައި މަތި އަޅައި، އަޑިއަށްވާގޮތަށް ކޮނެފައި ހުރި ވަޅެއްގެ ކައިރީ ތެލިދޮންނަން އުޑަފައިން އިށީންދެލައިގެން އިން ފިރިހެނެކެވެ. އެއީ ބިދޭސީއެއްކަން އޭނާގެ އުނަގަނޑުގައި އައްސާފައި އޮތް ފޮތިގަނޑުން ޔަގީންވި އެވެ.
ސަލާމް ގޮވައިލީމާ ހިނިތުންވުމަކާއެކު އޭނާ ސަލާމްބަލައިގަތެވެ. އަދި އަހަރެންނާއި އަހަރެންގެ ކުރީގައި ހުރި މީހާއަށް ކުރިއަށް ދިއުމަށް އިޝާރާތް ކޮށްލި އެވެ. ދަމުން އެއީ ކާކުތޯއާ ދަނޑުގައި ކައްކަނީތޯ އަހާލީމެވެ. އޭނާ ހިނިއައުމަށްފަހު އެއީ ދަނޑުގައި ގެންގުޅޭ ބިދޭސީން ކަމަށް ބުންޏެވެ.
އަހަރެންގެ އަމާޒަކީ ލާމުގައި ހައްދާ ދަނޑުތައް ބަލާލުން ކަމަށްވި ނަމަވެސް ދަނޑުތަކުގައި ބިދޭސީން ދިރިއުޅޭ ވާހަކަ ބުނުމުން އެކަން ބަލައިލަން މާ ޝައުގުވެރިވެއްޖެ އެވެ. މީގެ ކުރިން އެނގިފައި ނުވާ ކަމަކަށްވާތީ އާއި މިއީ އެހެން ރަށެއްގައި ހިނގަމުން އަންނަ ކަމެއްކަންވެސް އަހަރެންނަށް އެނގިފައި ނެތުމުންނެވެ.

ދަނޑުގައި އުޅޭ ބިދޭސީއެއް ތެލިދޮންނަނީ-- ފޮޓޯ: ފާތިމަތު އަޖުފާން / އަދަދު
ކުޑަތަންކޮޅެއް ކުރިއަށް ދެވުނުތަނާ ފެނުނީ އެޅިގަލުން ރާނާފައި ހުރިގެ އެކެވެ. ޓިނު ފުރާޅުލާ ފައި ހުރި އެ ގޭގައި އަދި ހުރީ ސިމެންތި ނުޖަހަ އެވެ. ހަތަރު ދޮރު ލާފައި ހުރި އެ ގޭގެ ބޭރުގައި ސޯފާއެއް ހުއްޓެވެ. ތެލިތަށި ބަންޑުން ޖެހުމަށް ހަދާފައި ހުރި އައްޓެއް ހުއްޓެވެ. އޭގެ އަޑީގައި ކާށި ރައްކާ ކުރެވޭ ގޮތަށް ހަދާފައި ހުއްޓެވެ.

ބިދޭސީން އުޅުމަށް އަޅާފައިވެ ގެ-- ފޮޓޯ: ފާތިމަތު އަޖުފާން / އަދަދު
އަހަރެން ގޮވައިގެން އައި މީހާގެ ފަހަތުން ގޮސް ދަނޑު ނިމޭ ހިސާބަށް ވަދެވުނުއިރު ވެސް ދަނޑުގާ މަސައްކަތް ކުރާ މީހަކު ނުފެނުނެވެ. ދަނޑުގެ އެތެރެއަށް ވަނުމަށް އަހަރެމެން ދެމީހުން ހިނގައިގަތީމެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ "ބޭބޭ" އޭ ކިޔާ ގޮވާލި އަޑުއިވުނެވެ. އެދިމާލުން އެތެރެއަށް ވަންއިރު ދަނޑުގައި މަސައްކަތް ކުރާ މީހަކު މަށަންދައްޗަކުން ބިންގަނޑު އެއްވަރުކުރަން ހުއްޓެވެ.
އަހަރެމެންގެ އާރުކާޓީ އެ ދަނޑުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭމީހާގެ ނަން ބުނުމަށްފަހު އޭނާ ކޮބައިތޯ އަހާލި އެވެ. އެއީ އޭނާވެސް ދަންނަ މީހެއްގެ ދަނޑަށް ވުމުން ކަން ހިނގާގޮތް އެނގޭތީ އެވެ. އަދި އޭނާ ވީ ބަށި ދަނޑުގައި ކަމަށް ބުނުމުން އެދިމާލަށް އަނެއްކާވެސް ދިޔައިމެވެ.

ގަސް އިންދުމަށް ދަނޑުތައްޔާރު ކުރަނީ-- ފޮޓޯ: ފާތިމަތު އަޖުފާން / އަދަދު
ބަށިދަނޑު ވަށައިގެންކަހަލަ ގޮތަކަށް ހިނގުމަށްފަހު އެ ދަނޑުގައި މަސައްކަތް ކުރާ އިތުރު ދެ ބިދޭސީއަކާ ދިމާވި އެވެ. ދަނޑުގެ ކަންކަމުގެ ވާހަކަ ދެއްކުމަށްފަހު ގެ އަޅައިގެން ދަނޑުގައި އުޅެނީ ކީއްވެތޯ ސުވާލުކުރީމެވެ.
"ޕާޓޭ މީހުން ދަންވަރު ގަޑީ ވައްކަން ކުރަނީ. ބޮޑެތި ބަސްތާ ގެންދަނީ،" އެ ބިދޭސީމީހާ ބުންޏެވެ.
ދަނޑުތަކުގައި ބިދޭސީން ގެތަކުގައި ގެންގުޅުމާ ގުޅޭގޮތުން އެ ރަށުން ވާހަކަ ދައްކާލި ދަނޑުވެރިޔަކު ބުނީ އެގޮތަށް ގެންގުޅެން ޖެހެނީ އެ ރަށުގައި ވައްކަން ގިނަވުމުން ކަމަށެވެ.
"މިހާ ބޮޑެތި ދަނޑުތަކުން ގޯންޏެއްގެ ބަށި ކަނޑާލައިގެން ވިއްކާލިޔަސް ދަނޑުވެރިޔާއަށް ނޭންގިދާނެ. ޕާޓޭއަކަށް އެއީ އެއް ދުވަހު ބޯލެވޭ ވަރަށް ލިބޭ ރުފިޔާކޮޅެއް. އެކަމަކު މިގޮތަށް މީހުން ބަހައްޓާފަ ތިބެންޏާ ބަޔަކު އުޅޭކަން އެނގޭތީ ވައްކަން ކުރަން ދަނޑަށް އަންނަ މީހުން މަދު ހަމަ،" އެ ދަނޑުވެރިޔާ ބުންޏެވެ.

ދަނޑުގައި މަސައްކަތް ކުރާ ބިދޭސީއެއް ވާހަކަ ދައްކާލުމަށް ހުއްޓިލައިގެން-- ފޮޓޯ: ފާތިމަތު އަޖުފާން / އަދަދު
އެހެން ދަނޑުވެރިޔަކު ބުނީ ދަނޑުތަކުން ވައްކަން ކުރާލެއް ގިނަކަމުން ރޭގަނޑު ޑިޔުޓީ ބަަހައިގެންވެސް ތިބޭ ކަމަށެވެ.
"ބައިވަރު ސަބަބުތަކާހެދި ގެ ހަދާފަ މި ހުންނަނީ. އެ މީހުން ކައިބޮއެ ދިރިއުޅޭނީ މިތާ. ރޭ ގަނޑުވެސް ލައިޓް ދިއްލާފަ ހުންނާނީ ހުރިހާ ދަނޑެއްގަ. އެއީ ހަމަ ވައްކަން ބޮޑުވީމަ،"
ގެތަކުގެ ހާލަތު ރަނގަޅު، ކައިބޮއި އުޅެނީ ތާޒާ މޭވާއާއި ތަރުކާރީ
ރާއްޖޭގައި ލައްކަ އަކަށްވުރެ ގިނަ ބިދޭސީން އުޅޭއިރު އެމީހުން ދިރިއުޅޭ ތަންތަނަކީ ހާލަތު ދަށް، އެތައް ބަޔަކު ތޮއްޖެހިގެން އުޅޭ ތަންތަނެވެ. މިފަދަ ތަންތަނުގައި އުޅޭ ބިދޭސިން ދިރިއުޅުމުގެ ފެންވަރު ދަށްކަމާއި މުޑުދާރުކަން ވެސް އިންތިހާ އެވެ.
ނަމަވެސް މި ގެ ތަކުން ފެނުނީ އެ މަންޒަރެއް ނޫނެވެ. ކޮޓަރިތަކުގައި ތަރުތީބުކަމެއް ހުއްޓެވެ. ބަދިގޭގައިވެސް ތެލިތަށި އަތުރާފައި ހުރީ ތަރުތީބުންނެވެ.

ގަމުގެ ދަނޑުގައި ބިދޭސީން ދިރިއުޅޭ ކޮޓަރިއެއް-- ފޮޓޯ: ފާތިމަތި އަޖުފާން/ އަދަދު
ކާން ބޭނުން ކުރަނީ ދަނޑުތަކުން ބިންނަ ތާޒާ މޭވާ އެވެ. ކޮންމެ ތަނެއްވެސް ހުންނަނީ ތަޅުލާފަ އެވެ. ކޮޓަރިއާ ފާހަނާ އެވެ. ބަދިގެ އާއި ގުދަންނެވެ. އަހަރެމެންނަށް ދައްކައިލަން ބަދިގޭގެ ދޮރު ހުޅުވައިލި އިރު އޭރުވެސް ފަޅާލާފައި އޮތް ފަޅޮލެއް ޓައްޕެއްމަތީ އޮތެވެ.
ކާން ބޭނުންކުރަނީ ދަނޑުން ބިންނަ ތަކެތިތޯ އެގޭގައި އުޅޭ ބިދޭސީއެއްގެ ގާތު ސުވާލުކުރުމުން ހިނިތުންވުމާއެކު އާއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ގޭގެ ބަދިގެ--- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
"ފިހާރައިންވެސް ގެންނަނީ. ހަނޑޫ ހަކުރު ފުއް. މިތާ ހުންނަނީ ބޭނުން އެއްޗެހި. މިރުސް، ފަޅޯ ހައްދަނީ އަހަރުމެން ކާން." ގޭގް ކުރިމަތީގައި އޮތް ހުސްޖާގައިގައި ހައްދާފައި ހުރި ފަޅޯ ގަސްތަކާ ދިމާއަށް އިނގި ދިއްކޮށްލާފައި ދައްކާލި އެވެ.
މީގެ އިތުރުން ބޭރުގައި އުނދުން ޖަހައިގެންވެސް ކެއްކޭނެ ގޮތަށް ޓިނުން ހިޔާކޮށް ވަކިން ގެ އެއް ހަދާފައި ހުރެ އެވެ. އެ ތަނުގެ ކައިރީ އެ މީހުންގެ އަންނައުނު ހިއްކަން ރޯނުވެސް ދަމާފައި ހުއްޓެވެ.

ބޭރުގައި ކެއްކުމަށް ހަދާފައިވަ އުނދުނެއް-- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
ބަދިގެ ދައްކައި ނިމިގެން ގުދަން ހުޅުވައިލުމުގެ ކުރިން އޭނާ ބަދިގެ ތަޅުލ؛ި އެވެ. ކޮންމެ ތަނެއްގެ ތަޅުދަނޑި އޮންނަނީ އެ މީހުންގެ އުނަގަނޑުގައި އައްސާފައި އޮންނަ ހިމަ ވާފަށެއްގައި އައްސާފަ އެވެ.
އެ ތަނުގެ ތެރޭގައި ހުރީ ދަނޑު ހައްދަން ބޭނުން ކުރާ ސާމާނެވެ. ގަސްކާނާ އާއި ތަފާތު ވައްތަރުތަކުގެ ބޭހެވެ. ފެންޖަހާ ޕަމްޕާއި މޭވާ އާއި ތަރުކާރީ ބިނދެފައި އަޅަން ބޭނުންކުރާ ބާސްކެޓުތައް ހުއްޓެވެ.

އެ ގޭގައި ތަކެތި ރައްކާ ކުރުމަށް ހަދާފައިވާ ގުދަން-- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
އެ ގޭގައި އުޅޭ ބިދޭސީން ބުނި ގޮތުގައި ގެ އަޅައިގެން ދަނޑުތަކުގައި ތިބި ނަމަވެސް ބައެއް ފަހަރަށް ގެ ތަކުން ވައްކަން ކުރެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވައްކަން ކުރަން ވަން ބަޔަކު ދިޔައީ އެ ބިދޭސީންގެ ފޯނުތަކާއި އެހެނިހެން އަގުބޮޑެތި ސާމާނުތައްވެސް ހިފައިގެން ކަމަށް އެ މީހުން ބުންޏެވެ.
މިއީ ގަމުގައި މިގޮތަށް ހުންނަ ހަމައެކަނި ދަނޑެއް ނޫނެވެ. މީގެ އިތުރުން ވެސް ބައެއް ދަނޑުތަކުގައި ބިދޭސީން މިހާރުވެސް ގެ އަޅަމުންދާ ކަމަށް އެ މީހުން ބުންޏެވެ. އަދި ގަމުގެ އިތުރުން މަތިމަރަދޫ އަވަށުގައިވެސް މިގޮތަށް ބިދޭސީން އުޅެމުންދަ ކަމަށް އެ މީހުން ކިޔައިދިނެވެ.

ބިދޭސީއެއް އެ މީހުން ދިރިއުޅޭ ކޮޓަރިއަށް ވަންނަނީ-- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
ރަށުގައި ވައްކަން ގިނަވުމުން ދަނޑުވެރިންނަށްވެސް އިތުރު ގޮތެއް ނެތުމުން މިހާރު ޖެހިފައި މި ވަނީ ގަވައިދާ އެއްގޮތަށް ރަޖިސްޓާ ކޮށްގެން ގެންނަ ބިދޭސީންވެސް މިހެން ގެންގުޅޭށެވެ. ނަމަވެސް މީގެ ނާޖާއިޒް ފައިދާ ވެސް ނަގާ ބަޔަކު އުޅޭ ކަމަށް އެ ބިދޭސީން ބުންނެވެ.
ލ އަތޮޅުގައި ނުގަވައިދުން އުޅޭ ބިދޭސީން ވެސް ދަނޑުތަކުގެ ގެ ތަކުގައި ދިރިއުޅެމުންދާތީ އެވެ. ރައްޓެހި ކަމުގަ އެވެ. ނޫންނަމަ އެ ގެ ތަކުގައި އުޅޭ މީހުންނަށް ކޮންމެވެސް ފީ އެއް ދީގެންވެސް އެ މީހުން އަމިއްލަ މަސައްކަތް ކުރުމަށެވެ.
އަހަރެންގެ ލޮލުގައި ދެން އަޅައިގަތީ އެ ގޭގެ އެއް ފަޅިއަކަށްވާ ގޮތަށް އޮންނަ ހުސް ޖާގާގާ ހަދާފައި ހުރި އައްޓަަށެވެ. ޓިނުން މަތި ހިޔާކޮށް ހަދާފައިވާ އެ އަށި ހަދާފައި ހުރީ ތާންގީންނެވެ. އިށީންދެވޭނެހެން ފިލާއެއް އޭގެ މަތީގައި އަޅާފައި އޮތެވެ.

ބިދޭސީންގެ އެ ގޭގެ ކުރިމަތީ، އިށީނުމަށް ހަދާފައިވާ އައްޓެއް-- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
ދަނޑުގައި ހައްދާފައިވާ ބައެއް ތަކެތި ބަލާލުމަށްފަހު ނިކުންނަން އައިއިރު ދޮރުމަތީ ދިގުކޮށް ވަޅެއް ކޮންނަމުން ދަނީ އެވެ. ކޮނެފައިހުރި ވަޅުމަތިން ގިރާކޮށް ގޮސް ދަނޑުން ބޭރަށް، މަގަށް ނުކުމެވުނެވެ.
އަހަރެން ގޮވައިގެން އައި މީހާ އެއީ ކީއްކުރަން ކޮންނަ ތަނެއްތޯ އެހުމުން "ބޭބޭ މިއުޅެނީ ވައިފައި ލާން" ކޮންނަން ހުރި މީހާ ބުނެލި އެވެ.

ބިދޭސީން ދިރިއުޅޭ އެ ގެ އަށް ވައިފައިލުމަށް ކޮންނަނީ-- ފޮޓޯ: ފާތިމަތު އަޖުފާން/ އަދަދު
މިއީ މިގޮތަށް ރާއްޖޭގެ ރަށެއްގައި ބިދޭސީން އުޅެމުންދާ ފުރަތަމަ ދަނޑުތަކަށް ނުވެދާނެ އެވެ. މި ބިދޭސީން އުޅެމުން މި ދަނީ ގަވައިދާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެގެން ކަމަށް ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ އެތައް ހާސް ބިދޭސީންނެއް އުޅުމަށް މިއީ ލިބޭ "ހަނި" ފުރުސަތަކަށް ވެދާނެ އެވެ. ސަބަބަކީ މި ރަށުގެ ދަނޑުވެރިންގެ އަމާޒު ހުރީ ދަނޑުތަކުގައި ބިދޭސީން ގެންގުޅުމުގެ ވިސްނުން ކަމަށްވުމެވެ.












