ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑުކުރީ އިއްޔެ އެވެ.
އޭނާ ސަސްޕެންޑު ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކަށްފަހު އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ, އިއްޔެ އެކަން މި ނޫހަށް ޔަގީންކޮށް ދެއްވަމުން ވިދާޅުވީ, އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގު ކުރުމަށްޓަކައި ޑރ. ފާއިޒް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ރިޒްނާ އިއްޔެ ވިދާޅުވި ގޮތުގައި, ޑރ. ފާއިޒަށް ތުހުމަތު ކުރެވެނީ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުތަކެކެވެ.
ޑރ. ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމާއި، ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭ ގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ.
އަދި، އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓާކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ވެސް ޒިންމާގެ ތެރޭ ހިމެނެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފަރާތުން ދިފާއުގައި 18 ހެއްކެއް ހުށަހެޅީ އިއްޔެ އެވެ.
- އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާ ފަރާތުން އިސްތިއުނާފުކުރާ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
- "ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި އުރީދޫން ތައާރަފްކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ ދިފާއުތައް އިއްވަމުން އޭނާގެ ވަކީލު މަރިޔަމް ނިހާޔަތު އިއްޔެ ސުޕްރީމް ކޯޓުގައި ވިދާޅުވި:
"ނަޒާހާއަށް އެތަކެއް އަހަރު ވަންދެން ގެވެށި އަނިޔާ ތަހަންމަލުކުރަން ޖެހިފައިވުމާއި ނިންމުމެއް ނެތް އެ އަނިޔާގެ ވަށްބުރުން ނުނިކުމެވި ހުރެ އެ ދުވަހު ޝާހިދުގެ އަމަލުތައް ހުރި ގޮތާއި ޝާހިދުގެ ފަރާތުން ލިބިފައިވާ އިންޒާރުތަކަށް ބަލައި ހާދިސާ ހިނގި ދުވަހު ވަށައިގެންވާ ކަންކަމަށް ބަލައި ޝާހިދު ހިންގަފާނެ ބިރުވެރި އަމަލަކަށް ބިރުވެތިވެ ހުރެ އެ ވަގުތު އަމިއްލަ ނަފުސުގެ ރައްކަލަކަށް ކުރެވުނު އަމަލެއް ކަމަށް ބަލަން ޖެހޭ, މިއީ ގާނޫނީ ގޮތުން ބަލަން ޖެހޭނެ ދިފާއުތަކެއް,"
ދުވަހުގެ ފޮޓޯ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދިން "ކިންގް އޮފް ފުޓްސަލް" ގެ ލަގަބު ލިބުނު ތިމަރަފުށީގެ އިބްރާހިމް އަސްވަދު (ގަބޭ) އޭނާގެ ތާޖު އަޅައިގެން. ތިމަރަފުށިން މުބާރާތް ކާމިޔާބު ކުރުމުގައި ގަބޭ ވަނީ މޮޅު ކުޅުމެއް މުޅި މުބާރާތުގައި ވެސް ދައްކައިދީފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އެޗްއާރުސީއެމް ސީޑޯ ޝެޑޯ ރިޕޯޓް 2015"
މިއީ އަންހެނުންނަށް ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އދ. އިން އެކުލަވާލާފައިވާ ހާއްސަ މުއާހަދާ އަށް 2015 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހުށަހަޅާފައިވާ ޝެޑޯ ރިޕޯޓެވެ. މި ރިޕޯޓުގައި ވަނީ ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެކި ދާއިރާތަކުގައި ހުރި ތަފާތުކުރުންތައް ހިމަނާފަ އެވެ.













