ފުލުހުންގެ ހިދުމަތް ރާއްޖޭގައި ފެށިތާ 89 އަހަރު ފުރުނު އަހަރީ ދުވަސް ފާހަގަކުރީ އިއްޔެ އެވެ.
އިއްޔެ ރޭ ވަނީ ޖުމްހޫރީ މައިދާނުގައި މިކަމާ ގުޅިގެން ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ގެނައި ބަދަލުތަކުގެ ސަބަބުން ފުލުހުންގެ "ތަސްވީރުގެ ކުލަ ރީތިވެއްޖެ" ކަމަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވީ ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހްސާސްވުން. ފުލުސް ޔުނިފޯމާ ބެލްޓުގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތްކަމުގައި ގަބޫލު ކުރުން. ފުލުހުން އައުމުން ހިމާޔަތާ ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުން،" ރައީސް އިއްޔެ ރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ކެރި ހުރެ މިދަންނަވަނީ މި ވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލު އަތުވެއްޖެ"

ރައީސް އިއްޔެ ރޭ ވިދާޅުވީ ފުލުހުންނަށް އައި އެންމެ ބޮޑު ބަދަލަކީ ޒަމާނީ ފުލުހުންގެ ގާނޫނު ކަމަށެވެ. ނަމަވެސް، އަދިވެސް ފުލުހުންގެ ހިދުމަތަށް ބަދަލުތައް އަންނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އިންތިޒާމުވެގެން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތައް "ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަފެނޭ" ކަމަށް ވެސް އިއްޔެ ފާހަގަކުރި އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ފާއިތުވި ތިން އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވީ "އެންމެނަށް ރައްކާތެރި ތަނަކަށް" ރާއްޖެ ހެދުމަށް ކަމަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދިނީ ނަތީޖާ ނެރުމަށް. އެންމެނަށް ރައްކާތެރިތަނަކަށް ދިވެހިރާއްޖެ ހެދުމަށް. އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ރައްކާތެރި މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ކޮށްދިނުމަށް،" ސީޕީ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަމީދު ވަނީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ އިތުބާރު ލިބުނީ ގާތުން މަސައްކަތްކޮށްގެންކަން ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުކޮށް ވާހަކަ ދައްކާނެ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އަތުލައިގަނެ، މާލޭގައި ހިންގާ މަސްތުވާތަކެތީގެ ކެފޭތައް ހިންގުން ހުއްޓުވުމަށް ފުލުހުން ވަރަށް ބޮޑެތި މަސައްކަތްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ރޭ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ފުލުހުންގެ ހިދުމަތްތައް މޯބައިލް މެދުވެރިކޮށް ހޯދުމަށްޓަކައި ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ވެސް ތައާރަފް ކޮށްދެއްވާފަ އެވެ.
މި އެޕްލިކޭޝަން ރަޖިސްޓްރީ ވުމަށްފަހު ޑްރައިވިންގް ލައިސެންްސްގެ މައުލޫމާތާއި އުޅަނދުތަކުގެ އަހަރީފީ ސްޓޭޓަސްގެ އިތުރުންވެސް ގިނަ މައުލޫމާތުތައް ބަލާލެވޭނެ އެވެ.
އަދި، މައްސަލަ އެއް ހުށަހެޅުމުގެ އިތުރުން ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާއި ގުޅޭ ޝަކުވާ އާއި ތައުރީފް އެ އެޕްލިކޭޝަނުން ހުށަހެޅޭނެ އެވެ. އެ މުއާމަލާތްތަކުގެ ރެކޯޑު ވެސް އެޕްލިކޭޝަން މެދުވެރިކޮށް އެއްކުރެވޭނެ އެވެ.
ފުލުހުންގެ ހިދުމަތުގެ ތާރީހު
ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށީ ސުލްތާން މުހައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައި މާޗް 29، 1933 ގައި ތަސްދީގުކުރި ގާނޫނަކުންނެވެ.
އޭރު ފުލުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައީ 120 މީހުންނެވެ. އެ މީހުންގެ މައިގަނޑު މަސައްކަތަށް ވެފައި އޮތީ މާލޭގެ މަގުތައް އަދި ވަކިން ހާއްސަކޮށް މާރުކޭޓު ސަރަހައްދު ޕެޓުރޯލުކޮށް ރައްޔިތުންގެ މުދަލާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އޭގެ އިތުރުން، ޓްރެފިކާއި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މޮނީޓާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ހިދުމަތް ބަންޑާރަ ކޮއްޓަށް ބައްދަލުކުރީ 1970 ގަ އެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފުލުހުންގެ ހިދުމަތް ހުއްޓާލި އެވެ. ނަމަވެސް، ގާނޫނޫ އުވާލާފައެއް ނުވެ އެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުން ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް އަލުން ފެށީ މާޗް 13، 1972 ގަ އެވެ. ފުލުހުންގެ ހިދުމަތަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ އެންމެ އިސް އެއް މޭސްތިރިޔަކީ އިނގިރޭސިވިލާތުގެ ވެސްޓް ޔޯކްޝަޔާ ފުލުހުންގެ އިންސްޕެކްޓަރެއް ކަމަށްވާ ޑޭވިޑް ޕްރައިސް އެވެ. 1992 ގައި އޭނާގެ އެހީތެރިކަމާ އެކު އާ ސްޓްރަކްޗާ އެއް ފުލުހުން ތައާރަފްކުރި އެވެ.
ފުލުހުންގެ ހިދުމަތްތައް ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ބަދަލުކުރީ 1999 ގަ އެވެ. އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) އިން ވަކިކޮށް މަދަނީ ހިދުމަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ ހިދުމަތް ދޭން ފެށީ ސެޕްޓެމްބަރު 1، 2004 ގަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- މާލޭގެ އޮފީސް އިމާރާތެއްގައި 2017 ވަނަ އަހަރު އައިއީޑީއެއް ހަދައި ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ފަސް މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިވެރިޔާގެ ބަޔާނާއި ބައެއް އެހެނިހެން ހެކިތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ އިއްޔެ އެވެ.
- ލާމަރުކަޒީ އުސޫލު ފުރިހަމައަށް ތަންފީޒުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް، އެ އުސޫލު ތަންފީޒުކޮށް ކައުންސިލްތަކަށް ބާރުތައް ނުދޭކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ އިއްޔެ އެވެ.
- ރާއްޖޭގައި މިހާތަނަށް ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ނެޓްވޯކުތަކަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ހާމަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
"އިންތިޒާމް ވެގެން ހިންގާ ކުށްތަކާ، ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާންކަމާ ސުލްހަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން. އަދި މިހާރު މިކަން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަފެނޭ. އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް،"
ދުވަހުގެ ފޮޓޯ

ރޯދަ މަހަށް ގެނައި ހަލާކުވާ ޒާތުގެ މުދާތަކެއް އެމްޕީއެލް ޕޯޓުން ނެރެގެން ލޮރީއަކަށް އަރުވައިގެން ގެންދަނީ. ރޯދަ މަހު ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ އެމްޕީއެލް އިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
މިއީ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުން ދެކޭ ގޮތާއި ފުލުހުންގެ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ގައުމީ ޔުނިވާސިޓީ އާއި ފުލުހުންގެ ހިދުމަތް ގުޅިގެން ތައްޔާރުކޮށްފައިވާ ދިރާސާ އެކެވެ.













