ރިޕޯޓުއިމްޕޯޓު އަދަދުތަކުން އިގުތިސޯދު ދައްކަނީ ގަދަކޮށް

އިމްޕޯޓު އަދަދުތަކުން އިގުތިސޯދު ދައްކަނީ ގަދަކޮށް

ރާއްޖޭގެ އިގުތިސޯދު ރަނގަޅަށް ހިނގަމުންދާ ނަމަ ގިނަ އަދަދަކަށް މުދާ އިމްޕޯޓު ކުރޭ. ސަބަބަކީ ގިނަ ސިނާއަތްތައް މުޅީންހެން އިމްޕޯޓަށް ބަރޯސާވާތީ. އިގުތިސޯދީ ހަރަކާތްތެރިކަން އިތުރުވުމާ ގުޅިގެން ޖެނުއަރީ އަދި ފެބްރުއަރީ މަހު އެކަނި އަށް ބިލިއަން ރުފިޔާގެ އަގުހުރި މުދާ އެތެރެކޮށްފި.

މާލޭ ބަނދަރުގައި ހުރި މުދާ ކޮންޓެއިނަރުތަކެއް ކައިރިން މުވައްޒަފަކު ހިނގާފައި ދަނީ: ރޯދަ މަސް ގާތްވެފައި އޮތުމާއެކު މި ދުވަސްކޮޅު ބަނދަރު އޮތީ ފުރިބާރުވެފައި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
މާލޭ ބަނދަރުގައި ހުރި މުދާ ކޮންޓެއިނަރުތަކެއް ކައިރިން މުވައްޒަފަކު ހިނގާފައި ދަނީ: ރޯދަ މަސް ގާތްވެފައި އޮތުމާއެކު މި ދުވަސްކޮޅު ބަނދަރު އޮތީ ފުރިބާރުވެފައި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އުފެއްދުންތެރި ސިނާއަތްތައް ނުވަތަ ޕްރައިމަރީ އިންޑަސްޓްރީސް މަދު ރާއްޖޭގެ އިގުތިސޯދީ ހާލަތު ވަޒަންކުރަން ބޭނުންކުރާ މައިގަނޑު އެއް އިންޑިކޭޓާއަކީ އިމްޕޯޓެވެ.

ރާއްޖޭގެ ހުރިހާ ސިނާއަތްތަކެއް ކަހަލަ ގޮތަކަށް އިމްޕޯޓަށް ބަރޯސާވާތީ މުދާ އިމްޕޯޓު ކުރާ މިންވަރާއި އިގުތިސޯދީ އުފެއްދުންތެރިކަމާ ސީދާ ގޮތުން ގުޅެ އެވެ. އުފެއްދުންތެރިކަން އިތުރު ނަމަ އިމްޕޯޓު ވެސް އިތުރެވެ. އަދި އުފެއްދުންތެރިކަން ދަށްވާ ނަމަ އިމްޕޯޓު ވެސް ދަށްވާތީ އެވެ.

މިހެންކަމުން އިގުތިސޯދީ ހާލަތު އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއް އިންޑިކޭޓާއަކީ އިމްޕޯޓެވެ. ގިނައިން މުދާ އެތެރެކުރާ ނަމަ އިގުތިސޯދީ ހާލަތު ރަނގަޅު ކަމަށް ބެލެވޭނެ އެވެ. މަދުން މުދާ އެތެރެކުރާ ނަމަ އޭގެ އިދިކޮޅެވެ.

ވޭތުވި 30 އަހަރު (1991-2021 އަށް) އުފެއްދުންތެރިކަމާއި އިމްޕޯޓު ކުރި މުދަލުގެ އަގާ އަޅާކިޔުމުން މިކަން ވަރަށް ސާފެވެ. މި މުއްދަތުގެ ތެރޭގައި އަހަރުން އަހަރަށް އިމްޕޯޓު ދަށްވީ 2000، 2009، 2015، 2019 އަދި 2020 މި ހަތަރު އަހަރަކީ ވެސް އިގުތިސޯދީ އުފެއްދުންތެރިކަން އިތުރުވީ މިންވަރު އޭގެ ކުރީ އަހަރަށް ވުރެ ކުޑަ އަހަރުތަކެވެ.

ހަމައެހެންމެ ނިސްބަތުން އިމްޕޯޓު އެންމެ ދަށް އަހަރަކީ ފަހުގެ ތާރީހެއްގައި އިގުތިސޯދީ އުފެއްދުންތެރިކަން ވެސް އެންމެ ދަށް އަހަރެވެ. އެއީ ކޮވިޑު ބަލިމަޑުކަން ފެށިގެން އައި 2020 ވަނަ އަހަރެވެ.

އެ އަހަރު އުފެއްދުންތެރިކަން 32 ޕަސެންޓު ދަށަށް ދިޔަ އިރު، އިމްޕޯޓު 36 ޕަސެންޓު ދަށެވެ. މިއީ ހަ އަހަރުގެ ތެރޭގައި އިމްޕޯޓު ކުރި މުދަލުގެ އަގު 30 ބިލިއަން ރުފިޔާއަށް ވުރެ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

2011-2021 އަށް ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު: މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރީ 2018 ވަނަ އަހަރު. -- ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު
2011-2021 އަށް ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު: މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރީ 2018 ވަނަ އަހަރު. -- ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު

2011-2021 އަށް ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު: މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރީ 2018 ވަނަ އަހަރު. -- ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު

އެ ހާލަތުން އަރައިގަނެ މިދިޔަ އަހަރު އިގުތިސޯދު ހިނގައިގަތުމުން އަނެއްކާ ވެސް އިމްޕޯޓު އުފުލުނެވެ. ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާ ގުޅިގެން ދެވަނަ ކުއާޓަރުގައި ވެއްޓުމެއް އައި ނަމަވެސް ޖުމްލަކޮށް އަހަރުގެ ތެރޭގައި އިމްޕޯޓު ހުރީ ބަލިމަޑުކަމުގެ ކުރިޔާ އެއްވަރަށެވެ.

އަހަރު ނިންމާލީ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މުދާ އެތެރެކުރުމުގެ ރެކޯޑު ޑިސެމްބަރުގައި ގާއިމުކޮށްފަ އެވެ. އެ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާ އެތެރެކުރި އެވެ. ކުރިން އެ ރެކޯޑު ހެދި މާޗު، 2018 ގައި އެތެރެކުރީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ މިހާތަނަށް ވެސް ފެންނަނީ މިދިޔަ އަހަރު ނިންމާލި ދުވެލީގައި އިގުތިސޯދާއި އިމްޕޯޓު ހިނގަމުންދާ ތަނެވެ. އެގޮތުން ނިމުނު ޖެނުއަރީ އަދި ފެބްރުއަރީ މަހަށް އެކަނި ބަލާލި ނަމަވެސް، އަށް ބިލިއަން ރުފިޔާގެ އަގު ހުރި މުދާ ރާއްޖެ އެތެރެކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރީ "މޯލްޑިވްސް އިން ފިގާސް" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި މިއީ ވެސް ދެ މަސް ދުވަހުގެ ތެރޭގައި އިމްޕޯޓު މުދަލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އިމްޕޯޓު ކުރާ މިންވަރު އިތުރުވުމާ ގުޅިގެން އިމްޕޯޓުން ދައުލަތަށް ލިބޭ އާމްދަނީ ވެސް ރަނގަޅެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ދައުލަތަށް 496 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރު 637 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 141 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކުރިޔަށް ރޯދަ މަސް އޮތުމާއި އިގުތިސޯދީ ހާލަތު ރަނގަޅުވުމާ އެކު، މި ހިނގާ މާޗު މަހު ވެސް ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކުރާނެ ކަމަށް ބެލެވެ އެވެ. މުދާ ލިބުމުގައި ލަސްވުމާއި ތާށިކަން ހުރި ނަމަވެސް އިމްޕޯޓަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. މިހާރު ވެސް ގިނަ އަދަދަކަށް ބޯޓުތައް އަންނަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން މައި ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ތަރުޖަމާނު ދާނިޝް ނިޒާމް މި ނޫހަށް ވިދާޅުވީ ބަނދަރު ވަރަށް ބިޒީ ކަމަށެވެ.

"މިހާރު ވަރަށް ބިޒީކޮށް ބަނދަރު އޮތީ. ގިނައިން ކާނާގެ ބާވަތްތައް ހިމެނޭ ގޮތަށް ރޯދައާ ދިމާކޮށް އެކި ދިމަދިމާލުން ގިނަ އަދަދެއްގެ މުދާ އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

ދާނިޝް އިތުރަށް ވިދާޅުވީ ބަނދަރަށް އަންނަ ބޯޓުތައް ހުސްކޮށް ވީހާ ވެސް އަވަހަކަށް މުދާ ބޭރުކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ޝެޑިއުލް ދައްކަނީ ވަރަށް ފުލްކޮށް ކަމަށް ވިދާޅުވި އެވެ.

މަސް ދުވަހަށް ވުރެ ކުރިއަށް މުޅި އަހަރަށް ބަލާނަމަ، މި އަހަރުގެ ތެރޭގައި ބަލިމަޑުކަމުގެ ކުރިން އެތެރެކުރި ވަރާ އެއްވަރަށް ނޫނީ ރެކޯޑު އަދަދަކަށް އިމްޕޯޓު ކުރާނެ ކަމަކަށް ބެލެވެ އެވެ. ސަބަބަކީ ޓޫރިޒަމް ރަނގަޅު ވުމުގެ އިތުރުން ކޮވިޑު ބަލިމަޑުކަމުގެ ފަހުން އަރައިނުގަނެވިގެން އުޅޭ ކޮންސްޓްރަކްޝަން ސިނާއަތް އިއާދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ.

ކޮންސްޓްރަކްޝަން ސިނާއަތް އިއާދަވާނެ ކަމަށް ލަފާކުރަނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ހުއްޓިފައި ހުރި ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް އަލުން ފަށާފައިވާތީ އާއި ސަރުކާރުން ރާވާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ ޕްރޮޖެކްޓުތަކެއް މޮބިލައިޒް ކުރަމުންދާތީ އެވެ. އޭގެ ތެރެއިން މާލެ-ތިލަފުށި ބްރިޖާއި ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ 4000 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

އިމްޕޯޓަށް ބަރޯސާވާ އެހެން ސިނާއަތްތަކަށް ބަލާއިރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އިމްޕޯޓު ވެސް ކުރީ އަހަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޓޫރިޒަމާ އެކު އެތެރޭގެ ޑިމާންޑު ވެސް ރަނގަޅު ވުމުންނެވެ. ބާޒާރުގައި ތަކެތީގެ އަގު އާދަޔާ ހިލާފަށް ނުއުފުލޭ ހާލަތެއްގައި އެތެރޭގެ ޑިމާންޑު ވެސް ފެންނަނީ އިތުރުވަމުންދާ މަންޒަރެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު އަންދާޒާތަކާ އެއްގޮތަށް އަހަރުގެ ތެރޭގައި އިގުތިސޯދު ކުރިއަރައިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ތެލުގެ އަގު އުފުލެމުން ދިޔުމާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ފިއްތުންތައް އެބަހުއްޓެވެ. މިހާރު އެ ފިއްތުންތަކުގެ އަސަރު ކުޑަ ނަމަވެސް ހަނގުރާމައިގެ ކަޅު ހިޔަނި ރާއްޖެ މަތީގައި ވެސް އެބައޮތެވެ.

އެކަމަކު މިހާރުންމިހާރަށް އިގުތިސޯދު ފެންނަނީ ގަދަކޮށެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox