ދުނިޔޭގެ ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލެޖެންޑް، ބްރެޒިލްގެ ގިލްބާޓޯ ގޮޑޯއި (ގީބާ)، ވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު ފަހުން ހެންވޭރު ބޯޅަގޭ ސެމިނާ ރޫމްގައި ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް ހާއްސަ ސެޝަނެއްް ނަގައިދީފަ އެވެ.
ގައުމީ ދެ ޓީމުގެ އިތުރުން ގައުމީ ޓީމުތަކުގެ ކޯޗިން ސްޓާފުންނާއި ވީއޭއެމްގެ އިސްވެރިން ވެސް ސެޝަންގައި ބައިވެރިވި އެވެ. ގީބާގެ ކައިރީގައި ހުރީ ގައުމީ ފިރިހެން ވޮލީ ޓީމާ ދާދި ފަހުން ހަވާލުވި ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ އެވެ. ވެލޯސޯ އާއި ގީބާ އެކުވެގެން، ރާއްޖޭގެ ވޮލީ ޓީމުތަކަށް ދިނީ އަގުހުރި، ބޭނުން ހިފޭނެ ނަސޭހަތްތަކެކެވެ.
ގީބާ، 45، ބުނީ އޭނާ ވޮލީބޯޅަ ކުޅެން ފެށީ އުމުރުން 11 އަހަރުގައި ކަމަށެވެ. ކެރިއަރެއް ވެސް ރަނގަޅަށް ނުފެށެނިސް ދިމާވި އަނިޔާގެ ސަބަބުން ގީބާ ތިން އަހަރެއްހާ ދުވަހު ނުކުޅެ ހުންނަން ޖެހުނެވެ. އެކަމަކު، ހިތްމަރެއް ނުވެ އެވެ. ކުރީ މަސައްކަތެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ތަރި ހުޒާމް (ވ) އާއި ގީބާ ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
"އަލުން އަނބުރާ ކުޅެން ނުކުތީ އުމުރުން 13 އަހަރުގައި. ކުޅުން ހުއްޓާލިއިރު އުމުރަކީ 37. އަހަރެން 20 ވަރަކަށް އަހަރު ބްރެޒިލް ގައުމީ ޓީމަށް ކުޅުނިން. ކާމިޔާބު ވެސް ލިބުނު. މީގެ އޮތީ އަމިއްލަ ނަފްސު، އަމިއްލަ ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުން،" ގީބާ ބުންޏެވެ.
ދިވެހި ކުޅުންތެރިންނަށް ދެން ގީބާ ދައްކާލީ ވޮލީބޯޅައިގައި އޭނާ ހޯދާފައިވާ ބޮޑެތި މުބާރާތްތަކުގެ މެޑަލްތަކެވެ. އޮލިމްޕިކްސްގެ މެޑަލްތަކާއި ދުނިޔޭގެ ޗެމްޕިއަންޝިޕްގެ މެޑަލްތަކެވެ. އޮލިމްޕިކްސް އާއި ދުނިޔޭގެ މުބާރާތްތަކުގެ ރަން ކާމިޔާބީތަކުގެ ތެރެއިން ގީބާ ނެގީ އެއް މެޑަލެވެ. އެއީ 1993 ވަނަ އަހަރު ދުނިޔޭގެ 19 އަހަރުން ދަަށުގެ ޗެމްޕިއަންޝިޕުން ހޯދި ރަން މެޑަލް އެވެ. އެ މެޑަލް އެހާ މުހިންމުވީ "ސަބަބު" ވެސް ގީބާ ބުނެދިނެވެ.

ގީބާ 19 އަހަރުން ދަށުގެ ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ހޯދި މެޑަލް ދައްކާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
"ކިތަންމެ ކާމިޔާބެއް ލިބުނަސް ހަނދާނުން ފޮހެލައިގެން ނުވާނެ ކަންތައްތަކެއް ހުންނާނެ. އޭގެއިން އެއް ކަމަކީ ތިމާ އައީ ކޮންތާކުންތޯ. ކާމިޔާބީގެ މަގުގައި އެއް ފެންވަރެއްގައި ދެމިހުރެވޭނެ އެންމެ ބޮޑު ސަބަބަކީ މަސައްކަތް. އަމިއްލަ ނަފްސު އިމްޕްރޫވްކުރަން ކުރެވޭ ކަންކަން ރަނގަޅަށް ކުރުން. އެ ގޮތުން 1993 ގައި އަހަރެން އުމުރުން 16 އަހަރުގައި މި ހޯދި މެޑަލަކީ ކެރިއަރުގައި އަހަންނަށް އަބަދުވެސް ހާއްސަވާނެ މުބާރާތް،" ގީބާ އެ މެޑަލް ދައްކާލަމުން ބުންޏެވެ.
ގައުމީ ޓީމުން އެ ދުވަހު ސެޝަންގައި ބައިވެރިވި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ގީބާ ހޯދާފައިވާ މެޑަލްތަކާ އެކު ފޮޓޯ ނަގަން ވަނީ ފުރުސަތު ދީފަ އެވެ.
ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީގެ ޒިންމާ ވެސް އުފުލަމުން އަންނަ ގީބާ އަކީ ވޮލީބޯޅައިގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ގީބާގެ ކާމިޔާބީގެ ލިސްޓަށް ބަލާނަމަ، އޮލިމްޕިކްސް ގޭމްސްގެ ރަން މެޑަލާއި އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް، އެފްއައިވީބީ ވޯލްޑް ކަޕް، އެފްއައިވިބީ ވޯލްޑް ގްރޭންޑް ޗެމްޕިއަންޝިޕް އަދި އެފްއައިވީބީ ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ވީއޭއެމްގެ އޮފިޝަލުންނާއި ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާ އެކު ގީބާ ބީޗްވޮލީ ކޯޓުގައި ބޭއްވި އިިވެންޓްގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ސްކައި ސްޕޯޓްގެ އެންމެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގީބާ ވަނީ ފޭމަސް މެގަޒިންގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ގީބާ ވަނީ އެންމެ މަތީ ފަންތީގައި 20 ވަރަކަށް އަހަރު ވޮލީ ކުޅުނުއިރު، އޭގެ ތެރެއިން 12 ވަރަކަށް އަހަރު ބްރެޒިލް ގައުމީ ޓީމަށް ކުޅެފަ އެެވެ.
ގީބާ ބުނީ ޗެމްޕިއަނެއްގެ ސިފަ ޖެހެނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. ކާމިޔާބީ ހޯދުމާއި އެ ކަން ދެމެހެއްޓުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި އޭގެއާ އެއްވަރަށް ޕްރެކްޓިހަށް ބަހައްޓާ ފަރުވާތެރިކަން ވެސް އޮންނަން ޖެހޭނެ ކަމަށް ގީބާ ވަނީ ބުނެފަ އެވެ.
"އަމިއްލަ ހަށިގަނޑަށް އިންސާފުވެރި ވިސްނުމަކުން، އަރާމްކުރުމުގެ ފުރުސަތު ދޭން ވާނެ. މީގެ އެންމެ މުހިންމު ކަމަކީ ކާމިޔާބީ ލިބުނަސް ހަމަބިމުގައި ހުރުން،" ގީބާ ބުންޏެވެ.
ގީބާ ރާއްޖެ އައީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މެހެމާނެއްގެ ގޮތުގަ އެވެ. ގީބާ ބުނީ ރާއްޖެ ކަހަލަ ގައުމެއްގައި ފުރުސަތު ހޯދުމުގެ މަސައްކަތް ވީ އެންމެ ރަނގަޅަށް ކުރަން ޖެހޭނެ ކަމަށާއި ޗެމްޕިއަނުން ގެނެސްގެން އެވޯޑެއް ބޭއްވުމަކީ ވެސް ރަނގަޅު ކަމެއް ކަމަށެެވެ.
ރާއްޖޭގެ ވޮލީ ކުރިއަރުވަން، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން ކުރާ މަސައްކަތުގައި ވެސް ނަތީޖާ ނެރެން ޖެހޭނީ ކުޅުންތެރިން ކަމަށްވާއިރު، މީގެ އެންމެން "އެއް ގަލެއްގައި" ތިބުން މުހިންމުކަން ގީބާ ފާހަގަކުރި އެވެ.

ބީޗްވޮލީބޯޅަ ކޯޓުގައި ގީބާ ބޭއްވި އިވެންޓްގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
"ރާއްޖެ ކަހަލަ ގައުމެއްގައި ފުރުސަތު ހޯދަން ބޭނުންވާނެ ރަނގަޅު ލީޑަރުން ކޮންމެ ކުޅިވަރަކަށް ވެސް. މި ފެންވަރުގެ އެވޯޑެއް ރާއްޖޭގައި ބާއްވައި އަހަރެން މިތާ ހުރުން ވެސް މިއީ މި ގައުމުން ކުޅިވަރަށް އަހައްމިއްޔަތުކަމެއް ދޭ ކަމުގެ ހެއްކެއް،" ގީބާ ބުންޏެވެ.
"އަހަންނަށް ފެނޭ ވޮލީ އެސޯސިއޭޝަނުން ކުރާ މަސައްކަތް، ރައީސް އަށް އެކަމަށް ޝުކުރު އަދާކުރަން، މީގެ އެންމެ މުހިންމީ ފޯކަސް ގެއްލުވާނުލައި މަސައްކަތް ކުރުން،"
ގީބާ ބައިވެރިވި ކުޑަކުދިންނާއި ވޮލީ އާއިލާ އަށް ހާއްސަ އިވެންޓް އޮތީ މިދިޔަ ހުކުރު ދުވަހު ހަވީރު ބީޗްވޮލީބޯޅަ ކޯޓުގަ އެވެ. އެ އިވެންޓްގެ ތެރެއިން ގީބާ ވަނީ ގިނަ ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި، ވޮލީގެ ބޭސިކް ބައެއް ކަންތައްތައް ކިޔައިދީފަ އެވެ. ގީބާ ސޮއިކޮށްފައިވާ ވޮލީބޯޅައެއް ވީއޭއެމް އަށް ހަދިޔާކުރިއިރު، މިއީ ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެތެރޭގައި ޕްރެކްޓިހުގައި އެންމެ ހާޒިރީ ރަނގަޅު ކުޅުންތެރިއަކަށް ދޭނެ ބޯޅައެއް ކަމަށް ވީއޭއެމްގެ ރައީސް ރަނޭޝް ވަނީ ވިދާޅުވެފަ އެވެ.













