މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯއްޗަށް ކުރިމަތިލުމަށް އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާމަކުރައްވައިފި އެވެ.
މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން މިދިޔަ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭން 1،000 ގޯތި ދޭނެ ސަރަހައްދު މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އަދި ގޯތި ދޫކުރާ ސަރަހައްދުގައި މަގުތައް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭގޮތުން އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯ އާއެކު މަޝްވަރާކުރެވި އެ މަސައްކަތަށް ތާވަލެއް އެކުލަވާލުމަށް ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ދެއްވި ޖަވާބުގައި އިތުރަށް ވިދާޅުވީ އެ ގޯތިތައް ދޫކުރާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށެވެ.
ހަމައެހެންމެ، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރާ ގުޅިފަޅުން ގޯތި ދޫކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި، ގިރާވަރުން ދޫކުރާ ގޯތިތަކާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ އެ ފަޅު ހިއްކުމަށްޓަކައި މިހާރު ޕްލޭންތައް ކުރަމުންދާ ކަމަށާއި އަދި އެ މަޝްރޫއު އަށް ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، 5,000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ހުޅުމާލޭގައި ކުރިއަށްދާ ކަމަށާއި، އަދި ކައިރި މުސްތަގުބަލެއްގައި އިތުރު 2,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ހާމަކުރެއްވި އެވެ.
މިހާރު އިމާރާތް ކުރަމުންދާ 5،000 އެއްހާ ހައުސިން ޔުނިޓުތަކުގެ މަސައްކަތާ ގުޅޭގޮތުން މިއަދު މިނިސްޓަރު ހިއްސާކުރެއްވި މައުލޫމާތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނޭ މައިގަނޑު މަޝްރޫއުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފަ އެވެ.
އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ ސައިޓް ވެސް ހަވާލުކޮށް މަސައްކަތް މޮބިލައިޒް ކުރެވިފައިވާއިރު، އެ މަޝްރޫއުތައް ނިންމަން އަދި ދެ ތިން އަހަރު ނަގާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ހިއްކި ގުޅީފަޅާއި ވިލިމާލެ އާއި ތިލަފުށި އަދި މާލެ ގުޅާލުމަށް ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަޝްރޫއުގެ ދަށުން ގިރާވަރު ފަޅު ވެސް އެ ބްރިޖާއެކު ގުޅިގެންދާނެކަން ރައީސް ސޯލިހު ވަނީ މިދިޔަ މަހު އިއުލާނު ކުރައްވައިފަ އެވެ.
އެހެންވެއްޖެނަމަ, މާލޭ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.












