އޮންލައިން އެކި ޕްލެޓްފޯމުތަކާއި ސޯޝަލް މީޑިއާގައި ބޭރު ފައިސާއަށް ބަދަލުކޮށްދިނުމުގެ ނަމުގައި ފޭކު އެމެރިކާ ޑޮލަރުތަކެއް ވިއްކަމުންދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާއާއި ޝޯޝަލް މީޑިއާގައި ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ވަގު ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ވައިބާ ގުރޫޕުތަކުގައި ޑޮލަރު ވިއްކަން އިޝްތިހާރުކޮށް ގަންނަން ބޭނުންވާ މީހުންނާ ވަކިން ވާހަކަ ދައްކައި ވަކި ތަނަކަށް ދިޔުމަށްކަމަށް ފުލުހުން ބުނެ އެވެ.
އެގޮތަށް އާންމުކޮށް މީހުން ގެންދަނީ މީހުން ނޫޅޭ ސަރަހައްދުތަކަށް ކަމަށާއި އެތަނުގައި ދިވެހި ފައިސާ ދިނުމުން، ބަދަލުގައި ފޭކު ޑޮލަރު ވިއްކާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހުއްދަ އޮންނަ ކުންފުނިތައް މެދުވެރިކޮށް ނޫން ގޮތަކަށް ޑޮލަރުގެ މުއާމަލާތްތައް ނުހިންގުމަށެވެ. އަދި އެގޮތަށް ފައިސާ ގަތުމަށްފަހު އެއީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން އެދެ އެވެ.













