ސަރުކާރުގެ ވަޒީފާތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރީ އިއްޔެ އެވެ.
އިއްޔެ އެ ބިއުރޯ އިން ވަނީ ފުރަތަމަ ފަހަރަށް މަންތްލީ ގަވަމަންޓް ވޭޖް އިންޑެކްސް ޝާއިއުކޮށް ސަރުކާރުގެ ވަޒީފާތަކާ ގުޅޭ މުހިންމު އަދަދުތަކެއް އާންމުންނާ ހަމަޔަށް ގެނެސްދީފަ އެވެ. އެ އިންޑެކްސްގައި ވަނީ ސަރުކާރު ވަޒީފާތައް ތިން ގިންތިއަކަށް ބަހާލާފަ އެވެ.
އެގޮތުން، މި އިންޑެކްސްއަށް ބަލާއިރު އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އިދާރީ ހިންގުމުގެ ދާއިރާގަ އެވެ. އެކަމަކު އެވަރެޖު މުސާރަތައް އެންމެ ބޮޑީ ހެލްތު އެންޑް ސޯޝަލް ނުވަތަ ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ ވަޒީފާތަކުގަ އެވެ. އެންމެ މަދު މުވައްޒަފުންނާއި ނިސްތަބުން މުސާރަތައް އެންމެ ކުޑައީ އެޑިޔުކޭޝަން ނުވަތަ ތައުލީމީ ދާއިރާގަ އެވެ.
ސަރުކާރު ވަޒީފާތަކުގައި އުޅޭ 27،467 މުވައްޒަފުންގެ އެވަރެޖު މުސާރައަކީ 15،686ރ. ކަމަށް ސްޓެޓިކްސް ބިއުރޯގެ މި ރިޕޯޓުން ހާމަވެ އެވެ. މިނިމަމް ވޭޖު ތަންފީޒުކުރަން ފެށި ނަމަވެސް، ސަރުކާރު މުވައްޒަފުންގެ ހަތަރުބައި ކުޅަ އެއްބައި މުވައްޒަފުންގެ މުސާރަތައް ހުރީ 5،000ރ. އަށް ވުރެ ދަށުގަ އެވެ.
އިއްޔެ ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖެނުއަރީ 2018-2022 އަށް ވޭތުވީ ހަތަރު އަހަރުގެ ތެރޭގައި 6،669 ވަޒީފާ އުފައްދައިފި އެވެ. އެއީ 33.3 ޕަސެންޓުގެ އިތުރުވުމެކެވެ.

މީގެ ތެރެއިން ގިނަ ވަޒީފާތައް އުފެދުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 2،755 ވަޒީފާ އިތުރުވެފައިވާ އިރު، މީގެ ސަބަބެއް ކަމަށް ވަނީ ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ސިއްހީ ދާއިރާއިން އުފެއްދި ވަޒީފާތަކެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަތައް ދޭން މި އަހަރުގެ ޖެނުއަރީގައި 430 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މުސާރައަށް ކުރާ ހޭދައިގެ ތިންބައި ކުޅަ ދެ ބައި ނުވަތަ 66 ޕަސެންޓު ހޭދަވަނީ އެންމެ ގިނަ މުވައްޒަފުން ތިބޭ ޕަބްލިކް އެޑްމިނިސްޓްރޭޝަނަށެވެ. އެއީ 285 މިލިއަން ރުފިޔާ އެވެ.
ބާކީ ފައިސާގެ ތެރެއިން 92 މިލިއަން ރުފިޔާ ހޭދަވީ ހެލްތު ދާއިރާއަށް އަދި 53.8 މިލިއަން ރުފިޔާ ހޭދަވީ ތައުލީމީ ދާއިރާއަށް ކަމަށް އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭ ސެންޓަރެއް ހުޅުމާލޭގައި ހުޅުވީ އިއްޔެ އެވެ.
- ކޮވިޑާ ހެދި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ.
- ރާއްޖޭގައި ވަޒީފާއަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ގަތުލުގައި ބައިވެރިވިކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާއަށް ދައުވާތަކަށް މިއަދުވެސް ޖަވާބުދާރީ ނުވެވި އަޑުއެހުން ނިންމާލީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސިވިލް ކޯޓުގެ ގާޒީ ކަމަށް އަލަށް އައްޔަންކުރި ފަނޑިޔާރުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ:
"ފަނޑިޔާރަކަށް ވުމަށްފަހު އަލަށް ރައްޓެހިންނެއް ނުހޯދޭނެ، ހަދިޔާއެއް ބަލައި ނުގަނެވޭނެ، ވިޔަފާރީއެއް ނުކުރެވޭނެ، މީހަކު އަތުން ލޯނެއް ނުނެގޭނެ،"
ދުވަހުގެ ފޮޓޯ

ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން ރާއްޖޭގެ ޕޫލް ބިލިއާޑް ކުޅުންތެރިންނާ ބައްދަލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން ރާއްޖޭގެ ޗެމްޕިއަން ޝާޒް އާއެކު ކުޅުނު އެގްޒިބިޝަން މެޗުގެ ތެރެއިން. ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އަލްބިން އަކީ 9 ބޯލްގެ 2016 އާއި 2021 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މޯލްޑިވްސް މައިގްރަންޓް ވޯކާ ސިސްޓަމް އެސެސްމަންޓް 2015"
މިއީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެޑްވޮކަސީ އެންޑް ލީގަލް ސެންޓަރު ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ދެނެގަތުމަށް 2015 ވަނަ އަހަރު ކޮށްފައިވާ ދިރާސާ އެކެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖޭ ގެނައުމުގައި ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަތުމަށް މި ދިރާސާގައި ވަނީ މަސައްކަތްކޮށްފަ އެވެ.












