ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ, ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސްޕާޓަންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.
ނުވަ ޓީމް ވާދަކުރި ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގައި ސްޕާޓަންސް ޖުމްލަ އަށް މެޗު ކުޅުނެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމުން ވަނީ ޔޫއެން ފްރެންޑްސް، ހުޅުމާލެ ސްޕޯޓްސް ކުލަބު އަދި ޓަލަންސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ. ގަދަ ހަ ޓީމު ވާދަކުރި ދެ ވަނަ ބުރުގައި އެ ޓީމުން ކުޅުނު ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް އެއް މެޗު ބާކީ އޮއްވާ ޗެމްޕިއަންކަން ކަށަވަރުކުރި އެވެ.
ގައުމީ ލީގުގެ ދެ ވަނަ ހޯދީ ރޯޔަލްސް ބާސްކެޓްބޯލް ކްލަބް އެވެ. އެ ޓީމު ދެ ވަނަ ބުރުގައި ބަލިވީ ހަމައެކަނި ސްޕާޓަންސް އަތުންނެވެ. ތިން ވަނައިގައި އޮތް ޓަލަންސް ބީސީ އާއި ވައިޕާސް ބާސްކެޓްބޯލް ކްލަބް އަށް ލިބުނީ ހަތް ޕޮއިންޓެވެ. ޓަލަންސް އަށް ތިން ވަނަ ލިބުނީ މި ދެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައި އޮތުމުންނެވެ.
ލީގު ބުރުގައި ސްޕާޓަންސްގެ ފަހު މެޗު ކާމިޔާބުކުރީ ވައިޕާސްއާ ވާދަކޮށް 80-43 ޕޮއިންޓުންނެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ލީޑު ފުޅާކުރަމުން ގޮސް އެ ޓީމުން ތިން ވަނަ ކުއާޓާގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. މި ގޮތުން މި ކުއާޓާގައި އެކަނި ވެސް 30 ޕޮއިންޓްގެ ތަފާތެއް ދެއްކި އެވެ.
މުޅި މި މެޗަށް ބަލާއިރު ސްޕާޓަންސްގެ ޔޫސުފް ނަސީމް އަދި އަބްދުﷲ އަލްމާސް އާމިރު ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިގޮތުން ޔޫސުފް އެޓީމަށް 22 ޕޮއިންޓް އެއްކޮށްދިންއިރު، އަލްމާސް 27 ޕޮއިންޓް ސްކޯކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލްމާސް އެކަނި 20 ރީބަައުންޑް ނަގައި، 15 ޑިފެންސް ކުރި އެވެ.
ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓަލަންސްގެ އިސްމާއިލް ޒާހިރު، ސްޕާޓަންސްގެ ހަސަން ޝަހުނޫން، މުހައްމަދު ޖިނާން އަބްދުﷲ، ޔޫސުފް ނަސީމްގެ އިތުރުން ވުލްވްސް ބާސްކެޓްބޯލް ކްލަބްގެ އިބްރާހިމް އަހުޒަމް އެވެ. ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސްޕާޓަންސްގެ އަލްމާސް އެވެ.













