ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގާ ޕޮންޒީ ސްކީމެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މި ނޫހަށް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ ރާއްޖޭގައި ފުޅާކޮށް އޮންލައިން ޓްރޭޑިން ކުރާ ކުންފުންޏަކާ ގުޅިފައިވާ މައްްސަލައެކެވެ.
އަދި އެ ކުންފުނިން ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ފައިދާއެއް ލިބޭނޭ ކަމަށް ބުނެ އާންމު މީހުންގެ އަތުން ފައިސާ ނަގައި، އެ ފައިސާ އޮންލައިންކޮށް ޓްރޭޑުކުރުމުގައި އިންވެސްޓްކުރާ ކަމުގެ މައުލޫމާތު ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

އެ ފައިސާ ފައިދާއާއެކު ލިބޭކަމަށް ބައެއް މީހުން ބުނާއިރު، އަނެއްބައި މީހުން ދަނީ އެ ފައިސާ އަދި ފައިދާ ވެސް ނުލި އެތައް ދުވަހެއް ވެފައިވާ ކަމަށް ބުނަމުންނެވެ. އަދި ބައެއް މީހުން ވަނީ އެއީ ޕޮންޒީ ސްކީމެއް ކަމަށް ވެސް ބުނެފަ އެވެ.
މިފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ރާއްޖޭގައި ހިންގާ މިލިއަން ރުފިޔާގެ ޕޮންޒީ ސްކީމަކަށް ސަމާލުވުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.













