ރައިސުލްޖުމްހޫރިއްޔާ އާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް އަލުން ކަނޑައެޅުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ގޮވާލެއްވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އދ. މަހިބަދޫގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ މެމްބަރުންނާއި، އެ ގާނޫނުތައް ތަންފީޒު ކުރާ ބާރުގެ އިސްވެރިއަކަށް އައްޔަން ކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް މިހާރު އޮތް ޝަރުތުތައް ޒަމާނަށް ނުފެތޭ ކަމަށެވެ.
އެހެންވެ، ގާނޫނުއަސާސީގެ އެ ފޮޅުވަތްތަކަށް އިސްލާހު ގެންނަން ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ދަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުން، އަދި ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލީހަށް ކުރިމަތިލާ މެމްބަރުގެ ޝަރުތުތައް ލިޔަން ކިޔަން އެނގުން އެކަނި އޮތުން މިހާރު ޝަރުތަކަށް ނުފުދޭ ނޫންތޯ؟," ޔާމީން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު "އަދަދު" އަށް އިއްޔެ ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ޔާމީން މާލެއަށް ވަޑައިގެންނެވުމަށްފަހު ދެއްވާނެ ކަމަށެވެ.

"އެމްޑީޕީއަކީ ވަރަށް ތަފާތުކޮށް ހިންގާ ޕާޓީއެއް، އެހެންވީމަ އެބޭފުޅުން ވޯޓު ދެއްވާނެއޭ ބުނާކަށް އަދި ނޭނގޭ، އެކަމަކު ގައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް [އެ އިސްލާހަށް] ވޯޓު ދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއީ ގިނަ ރައްޔިތުން އެދޭ ކަމަކަށް އެކަން [މެމްބަރުންނާއި ރައީސްގެ ތައުލީމީ ފެންވަރުގެ ޝަރުތު] ވީމަ،" އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.
titledesc
ބައެއް މުހިންމު ހަބަރުތައް
- ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުނު ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް އޭގެ އަސަރު ނުކުރާނެ ކަމަށް އެ ކުންފުނިން ބުނީ އިއްޔެ އެވެ.
- ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމުގެ ހުއްދަ ސަރުކާރުން ނުދެނީސް، ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތަކެއް ބައެއް ޓެކްސީ ޑްރައިވަރުން ނަގަން ފެށީ އިއްޔެ އެވެ.
- އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އުތުރުތިލަފަޅަކީ އެގައުމުގެ ސިފައިންގެ އަސްކަރީ ބޭސްއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުރު ދުވަހު ވިދާޅުވެފައި ވަނިކޮށް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުނު ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް އޭގެ އަސަރު ނުކުރާނެކަން ހާމަކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ:
"ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ، ފްލެޓް ރޭޓް [އެއް ހަމައެއް] ގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ވަނީ ހަމަޖައްސާފައި،"
ދުވަހުގެ ފޮޓޯ

މާލޭގެ މަގަކުން ޓެކްސީއަކަށް މީހުންތަކެއް އަރަނީ. ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީތަކުން ނަގަމުންދާ ރޭޓްތައް ވަނީ ބޮޑުކޮށްފައި. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއިރު އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައެއް ނުވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ކްލައިމެޓް ރިސްކް ކަންޓްރީ ޕްރޮފައިލް މޯލްޑިވްސް"
މިއީ 2021 ވަނަ އަހަރު ވޯލްޑް ބޭންކާއި އޭޝިއާ ޑިވެލޮޕްމަންޓް ބޭންކް (އެޑީބީ) ގުޅިގެން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން މިހާތަނަށް ރާއްޖެއަށް ކޮށްފައިވާ އަސަރުތަކާއި އެކަންކަމުގެ ސަބަބުން ސިޔާސަތު އެކުލަވާލުމުގައި އަހަންމިއްޔަތު ކަން ދޭން ޖެހޭ ދާއިރާތައް ދެނެގަތުމަށް މި ރިޕޯޓް އެހީވެދޭނެ އެވެ.












